twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކާނުތަކުގެ މަތިގަނޑުތައް ހަލާކުވެ ގިނަ ދުވަސްތަކެއް، މަގުތަކުގެ ރައްކާތެރިކަން ގެއްލިފަ  !

Jun 4, 2018

އަލުން ހެދި މަގުތަކުގައި ހުރި ކާނުތަކުގެ މަތިގަނޑުތައް ހަލާކުވެ، މަގުތައް ބޭނުންކުރުމުގައި ރައްކާތެރިކަންވަނީ ގެއްލިފަ  އެވެ. ކުޅުދުއްފުށީގައި އަލުން ތާރުއަޅައިގެން ހަދާފައިވާ މަގުތަކުގައި ހުރި ގިނަ އަދަދެއްގެ ކާނުތަކުގެ މަތިތައް ވަނީ ތެޅިފައި އެވެ.

އެންމެ ފުރަތަމަ ކުޅުދުއްފުށީގައި ތާރުއެޅި އަމީނީމަގުގެ ކާނުތަކުގައި ބޭނުންކޮށްފައިވަނީ ދަގަނޑުމަތިތަކެއް ނަމަވެސް، އަލުން ހެދި މަގުތަކުގައި ކާނުތަކުގެ މަތިތައް ތައްޔާރުކޮށްފައިވަނީ ސިމެންތި އެވެ. އެކަމުގެ ސަބަބުން މަގުތައް ރަނގަޅަށް ހަދާ ނުނިމެނީސް ގިނަ މަގެއްގައި ހުރި ކާނުތައް ވަނީ ފުޑިފަ އެވެ. ސިމެންތި މަތިތައް ބޭނުންކުރަން ފެށުމުން އޭރުވެސް ގިނަ ބަޔަކު ކަންބޮޑުވެ، އެކަމުގެ ޝަކުވާ ކަމާގުޅުން ހުރި ފަރާތްތަކަށް ހުށަހަޅާފައިވެ އެވެ. އެހެންނަމަވެސް ރައްޔިތުންގެ ޝަކުވާތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު ސިމެންތި މަތިތައް ވަނީ ބޭނުންކޮށްފައި އެވެ.

އޭގެ ހިތި ނަތީޖާ މާގިނަ ދުވަސްތަކެއް ނުވަނީސް ފެންނަމުންދާއިރު ސިމެންތި މަތިތައް ބޭނުންކުރަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

” ސިމެންތި ތައްޔާރުކުރި މަތިތައް ހަދާފައިވަނީ ވަރަށް ފެންވަރުވެސް ދަށްކޮށް. އަޅުގަނޑު އޭރުވެސް އެމަތިތައް ބޭނުން ނުކޮށް އޭގެ ބަދަލުގައި ދަގަނޑު މަތިތައް ބޭނުންކޮށްދިނުމަށް އެމްއާރުޑީސީއާއި ހައުންސިންގ މިނިސްޓްރީގައި އެދުނިން.” ކުޅުދުއްފުށީގެ މުވައްސަސާއެއްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީގޮތުގައި ކުޅުދުއްފުށީ ކަހަލަ ވެހިކަލްތައް ގިނަ ރަށްރަށުގައި އެފަދަ ފެންވަރު ދަށްކޮށް ބޭނުންކޮށް، ތައްޔާރުކޮށްފައިވާ މަތިތަކެއް ބޭނުންކޮށްފިނަމަ އަބަދުވެސް ކާނުތަކުގައި މަތިތައް ހުންނާނީ ހަލާކުވެ މަރާމާތުކުރަން ޖެހިފައިވާކަމަށް މިނިސްޓްރީގައި ދެންނެވި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހަރަދު އިތުރަށް ބޮޑުވެގެންދާނެ ކަމަށްވެސް މިނިސްޓްރީގައި ލިޔުމުން ދެންނެވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކާނެއްގެ މަތިގަނޑު ހަލާކުވެ، މިކަމުގެ ސަބަބުން މަގުގެ ރައްކާތެރިކަން ވަނީ ގެއްލިފައި–

ކުޅުދުއްފުށީގެ ކުރީގެ ކައުންސިލް މެމްބަރަކު ވިދާޅުވީ ރައީސް ޔާމީން ރަށްރަށުގެ މަގުތައް ހަދަމުންދަނީ ވަރަށް ފެންވަރު ދަށްކޮށް ކަމަށާއި ބޭނުންމަކީ އަވަސް އަރުވާލައިގެން ރިޔާސީ އިންތިހާބަށް ނިންމާލުންކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުގައި އޭނާ ދެއްކީ ކުޅުދުއްފުށީ އަމީނީމަގުގެ ކާނުތަކުގައި ބޭނުންކޮށްފައިވާ ގަނޑުމަތިތަކެވެ. އަމީނީމަގު ހެދުމުގެ މަސައްކަތްކޮށްފައިވަނީ ރައީސް ނަޝީދާއި ރައީސް ވަހީދުގެ ވެރިކަމުގަ އެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ކުޅުދުއްފުށީގައި ކޮންމެ މަޝްރޫއުއެއްވެސް ފަށަނީ ކޮންމެވެސް އިންތިހާބެއް ބޯމަތިވުމުން ކަމަށެވެ.

” އަހަރެމެން ދުއްވާ ޓެކްސީތަކަށް އަހަރުން އަހަރަށް ދައުލަތަށް ޓެކްސް ދައްކަން ޖެހޭ. އެކަމަކު މަގުތަކުގެ ކާނުގެ މަތިތައް ހަލާކުވެ އެތަކެއް ދުވަސްތަކެއް ދަނީވަމުން މީހަކަށް ކަމެއްވާނީ ބުނެފައެއް ނޫން ދޯ، ރައްކާތެރިކަމެއް ނެތް. ކާނެއްގެ މަތިގަނޑު ތަޅައިގެންގޮސް އޭގެ ތެރެއަށް ނުވެއްޓޭނެކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް.” ޓެކްސީ ޑްރައިވަރަކު ބުންޏެވެ.

އަލަށް ހެދި މަގުތަކުގެ ކާނު މަތިތައް ހަލާކުވެފައިވާއިރު އެކަން ރަނގަޅުކުރުމަށް ކަމާގުޅުން ހުރި މުވައްސަސާއަކުން އުޅޭތަނެއް ނުފެނެ އެވެ. މިފަދަ ކަންކަމަކީ ދޫކޮށްލައިގެން ތިބެވޭނެ ކަންކަމެއް ނޫނެވެ. މަގުތަކަކީ ހުރިހާ ރައްޔިތުން ބޭނުންކުރާ ތަނަކަށްވާއިރު މިގޮތަށް ރައްކާތެރިކަން ގެއްލިގެން ދިއުމުން ކޮންމެ ވަގުތަކުވެސް ހިތާމަވެރި ހާދިސާއެއް ހިނގައިދާނެކަމުގެ ބިރުއެބަ އޮތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355