ބަދުރުއްދީން ޙަސަން
“ތާނގީގަ ހުރި ފެންފޮދު ހުސްވެއްޖެ” ލައިފް މަރުކާގެ ފެންކޭސްތަކެއް ޕިކަޕަކަށް އަރުވަންހުރި އާދަނު ބުންޏެވެ. “ތާނގީ ހުސްވިޔަސް ކަރުހިއްކުން ފިލުވަންޖެހޭންނު”.
އިރުވައި މޫސުމުގެ އެންމެ ފަހު ނަކަތް މިއަދު ފެށުނުއިރު، ދިވެހިރާއްޖެއަށް ވާރޭ ނުވެހި ގިނަދުވަސްތަކެއް ވަނީ ވެފައެވެ. ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެކޭވެސް އެއްފަދައިން ކުޅުދުއްފުއްޓަށް ވާރޭ ފެން ނަގާލެވޭވަރުގެ ވިއްސާރަ ވިލާގަނޑެއް ނާންނަތާ މިހާރު ދެތިންމަސް ވެދާނެއެވެ. މިކަމުގެ ސަބަބުން އެތައް ދަތިތަކެއް ރައްޔިތުންނަށް ވަނީ ފޯރަންފަށާފައެވެ.
ރައްޔިތުން ބޯފެނަށްޖެހެނީ
ކުޅުދުއްފުށީގެ ރައްޔިތުންނަކީ ވާރޭ ވެހުމުން ފެންނަގާ ތާނގީގައި ރައްކާކުރާ ބަޔެކެވެ. އާއްމުގޮތެއްގައި ބޯން އަބަދުވެސް ބޭނުން ކުރަމުން އަންނަނީ ވާރޭފެނެވެ. އަދި ބިމުން ނަގާފެން ބޯން ބޭނުން ނުކުރެވޭ ވަރަށް ތަޣައްޔަރު ވެފައިވުމަކީވެސް ރައްޔިތުން ވާރޭފެނަށް ބަރޯސާ ކުރުވާ ކަމެވެ.
ކަންމިހެން ހުރިއިރު ވާރޭ ނުވެހި ގިނަދުވަސް ތަކެއްވުމުން ރައްޔިތުން ތާނގީތަކުގައި ރައްކާކޮށްފައި ހުރި ފެންފޮދު ހުސްވާންވަނީ ފަށާފައެވެ. އަދި ބައެއް ގޭގޭގެ ތާނގީތައް ހުސްވެ މިނަރަލް ވޯޓާ ގަނެގެން ވަނީ ބޯންފަށާފައެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ އަތުން އިތުރު ހަރަދުތަކެއް ވަނީ ކުރަންޖެހިފައެވެ.
އާއްމު ރައްޔިތުންގެ އިތުރުން، ރަށުގައި ހުރި ސަރުކާރުގެ އިދާރާ ތަކުން އެތަންތަނުގައި ވާރޭފެން ރައްކާކުރަން ބަހައްޓާފައި ހުރި ތާނގިތައް ހުސްވަމުން ދާކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ. މިގޮތުން ހޮސްޕިޓަލްއާއި ސްކޫލުތައްވެސް ފެނަށް ވަރަށް ބޮޑަށް ބޭނުންވެފައި ވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރަށުތެރެ ހަނަފަސްވެފައި
މަގު ހަދާ ޔުނިޓުން ދެއިރު ދެދަޅަޔަށް މަގުމައްޗަށް ފެންޖަހަމުން ދިޔަކަމުގައިވިޔަސް، މަތިވެފައިވާ ފިނިހޫނުމިނާއި އިރުގެ ގަދަ އަވީގެ ސަބަބުން ވެލިގަނޑުގައި ހުރި ތެއްކަންވަނީ ފިލާގެންގޮސްފައެވެ. އަދި މަގުމަތި ހަނަފަސްވެ ހިރަފުސް ބޯވެފައި ވެއެވެ. ސައިކަލުތަކާއި އެހެނިހެން ވެހިކަލްތައް މަގުމަތީގައި ދުއްވާފައި ދާއިރު ދަނީ މަގުގައި “ދުންޖަހާފަ” އެވެ.
މެދުނުކެނޑި ހިރަފުސް އަރަމުންދާއިރު ރޯގާތައް ފެތުރެންވަނީ ފަށާފައެވެ.
“ރޯގާ ނުފިލައިގެން މިއުޅެނީ” އައިމިނަ ދައިތަ ކޯރާޑި ތެޔޮފުޅި އަތަށް އަޅާލާފައި ނޭފަތު ކުރީ ޖައްސާލަމުން ބުންޏެވެ. “މަށަށް އެކަންޏެއް ނޫން. މިގޭ ހުރިހާ ކުދިންވެސް އެތިބީ ރޯގާޖެހިފައި. މިއޮށްއަރާ ހިރަފުހުން މުޅި ގޭތެރެ އޮންނަނީ ހިރަފުސް ފޮޅަންވެފައި”
މަގުމަތި ހިރަފުސް ބޯވުމުގެ ސަބަބުން ބައެއް ގޭގެއިން އެގޭގޭ ކުރިމަތީގައި އޮންނަ މަގަށް ހަވީރު ގަޑީގައި ފެން ޖަހާމަންޒަރުވެސް މިހާރު ފެނެއެވެ.
ފެން ކުންފުންޏާމެދު ކުރެވޭ އުއްމީދު
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކުންފުނިން ކުޅުދުއްފުށީގައި ފެންހޮޅި ވަޅުލަން ފެށި ދުވަހުން ފެށިގެން ރައްޔިތުން އިންތިޒާރު ކުރަމުން ދިޔައީ އެހިދުމަތް ފެށޭނެ ދުވަހަކަށެވެ. މިއިންތިޒާރު މިހާރު ނިމުމުގެ ކޮޅުމަތި ވަނީ ފެންނަންވެސް ފަށާފައެވެ. މިގޮތުން އެހިދުމަތަށް އެދިފައިވާ ގިނަ ގޭގެއަށް މިހާރުވަނީ ފެންހޮޅި ވައްދާފައެވެ. އަދި ބައެއް ގޭގޭގައި މީޓަރުވެސް ވަނީ ބަހައްޓާފައެވެ.
ކުޅުދުއްފުށީގައި މީޓަރު ބެހެއްޓި ފުރަތަމަ ގެކަމުގައިވާ “ހިލްމަން” ގޭގެ އިބްރާހިމް ހަސަން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. “މިއީ ކޮންމެހެން ކުރަންޖެހޭކަމެއް. މިއަދު އެމްޑަބްލިއުއެސްސީގެ ބޭފުޅުން މިގެޔަށް އައިސް، ފެން މީޓަރު ހަރުކޮށްދެއްވަމުން މިއީ ކުޅުދުއްފުށީގައި ފެން މީޓަރު ހަރުކޮށްދެވޭ ފުރަތަމަ ގެއޭ ބުނުމުން ވަރަށް އުފާވި.” އުފާވެފައިހުރި އިބްރާހިމް އެދުވަހު ބުންޏެވެ.
މި މަހުގެ ފަހުކޮޅު ފެން މީޓަރު ބެހެއްޓިފައިވާ ގޭގެއަށް ފެން ދޫކުރަން ފަށާނެކަމަށް ފެން ކުންފުނިން މައުލޫމާތު ދެއްވާފައިވެއެވެ.
ހިރަފުސް އެރުމާއި ފެން ތާނގީތައް ހުސްވަމުން ދާތީ، ކުޅުދުއްފުށީގެ ރައްޔިތުން މިހާރު ތިބީ މާތް ރަސްކަލާނގެ ރިޒްގަށް ދުއާ ކޮށްލަކޮށްލައެވެ. ވާރޭ ވެހުމުގެ ކުރިން ފެން ކުންފުނީގެ ފެން ލިބެން ފެށުމަކީވެސް ރައްޔިތުންނަށް ކުޑަލުޔެއް ނަމަވެސް ލިބޭނެ ކަމެކެވެ. އާދަނަކީ ލައިފް މަރުކާގެ ފެން ކޮންމެ ދުވަހަކު ގަނެގެން ފެންބޮވޭ ވަރުގެ ފޯރާމީހަކަށް ވީކަމުގައި ވިޔަސް، ކުޅުދުއްފުށީގެ ކޮންމެ މީހަކީ އެފަދަ މީހަކަށް ނުވާނެއެވެ.