ހުރިހާ މެޗަކުން މޮޅުވެ ޓީމް ސްޓޯން ކުޅުދުއްފުށީ ބައިބަލާ ޗެލެންޖްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އެއް އަހަރުގެ މެދުކެނޑުމަކަށްފަހު މި އަހަރު ބޭއްވުނު ބައިބަލާ ޗެލެންޖްގެ ޗެމްޕިއަންކަން ސްޓޯން ހޯދީ ނިއުއޭޖް އާ ބައްދަލުކޮށްގެންނެވެ. މިއީ ފާއިތުވެ ދިޔަ ހަތަރު ބައިބަލާ ޗެލެންޖުގެ ތެރެއިން ނިއުއޭޖް ފައިނަލުން ބަލިވި ތިންވަނަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.
ގުރު ދިމާވެގެން ނިއުއޭޖުން އެތެރެ ގޭމުން ފުރަތަމަ ކުޅެ އެ ގޭމް 9-6 އިން ކާމިޔާބު ކުރިއިރު ސްޓޯން އިން އެތެރެ ގޭމް ކާމިޔާބު ކުރީ 16-8 އިންނެވެ. ސްޓޯން އިން މެޗު ކާމިޔާބު ކުރީ ގަދަހިފުމަށް ގޮސްގެންނެވެ. މި މެޗުގެ ގަދަ ހިފުމުގައި ތިން ހިފުންވެސް ކާމިޔާބުކުރީ ބޭރުން ކުޅެން އެރި ކުޅުންތެރިޔާ އެވެ.
މި ދެ ޓީމް ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި ދެ ޓީމުންވެސް ބޭރު ގޭމް ކާމިޔާބުކުރިއިރު އެ މެޗުވެސް ގަދަ ހިފުމަށް ގޮސްގެން ކާމިޔާބުކުރީ ސްޓޯން އެވެ.
މި މުބާރާތުގައި ޖުމްލަ 5 ޓީމް ވާދަކޮށްފައިވާއިރު މި މުބާރާތުގައި މުޅިން އަލަށް ވާދަކުރި ސްޓޯން ފައިނަލަށް ދިޔައީ 10 ޕޮއިންޓާއެކު އެވެ. ނިއުއޭޖަށް 9 ޕޮއިންޓް ލިބުނުއިރު ހިރަފުހަށް ލިބުނު 6 ޕޮއިންޓެވެ. މަންގަނޑަށް 5 ޕޮއިންޓް ލިބުނުއިރު ޖެމްރޮކަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
މުބާރާތުގެ މިސްޓަރ ބައިބަލާއަކަށް ޓީމް ސްޓޯންގެ ސިރާޖު މުހައްމަދު ހޮވުނުއިރު، ބެސްޓް އެޓޭކާ އަކަށް ހޮވިފައިވަނީ ނިއުއޭޖްގެ ޝަމްނޫޒް މުހައްމަދު (ޝައްމެ) އެވެ. އަދި އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެންމެ ފަހުން 2 އަހަރުވެސް މިސްޓަރ ބައިބަލާގެ މަގާމު ހޯދި ޝިރާން އަބްދުﷲ (ޝިރާންޓެ) އެވެ. މިއީ ބެސްޓް ޑިފެންސްގެ މަޤާމު ޖެހިޖެހިގެން ޝިރާންޓެ ހޯދި ތިންވަނަ ފަހަރެވެ. މި ތިން ކުޅުންތެރިންގެ އިތުރުން ބެސްޓް 5 ގެ ގައި ދެން ހިމެނުނީ ޓިމް ސްޓޯންގެ އަމްޖަދު ހަސަން (އަމްޖޭ) އަދި ޒައިދު މުހައްމަދު (ޒައީ) އެވެ.
މިއީ ޗެމްޕިއަން ޓީމަށް 20000 ރުފިޔާ އަދި މިސްޓަރ ބައިބަލާ އަށް 5000 ރުފިޔާ ހުށަހެޅިފައިވާ މުބާރާތެކެވެ.