twitterviber whatsapp telegramfacebookyoutube instagram
28th March 2024

ދުނިޔޭގެ އެންމެ ބޮޑު ހެކަތޯން އެންޖަލްހެކް ރާއްޖޭގައި ބާއްވަނީ

Jul 4, 2018

ދުނިޔޭގެ އެންމެ ބޮޑު އެއް ހެކަތޯން ކަމަށްވާ އެންޖަލްހެކް ރާއްޖޭގައި ބާއްވަން ނިންމައި، ދިރާގު ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެއްޖެ އެވެ.

“އެންޖަލްހެކް މޯލްޑިވްސް” ރާއްޖޭގައި ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ޑިރެކްޓަރު ބިޒްނަސް ޑިވްލޮޕްމަންޓް އަހުމަދު މައުމޫން (މާން) ވިދާޅުވީ މި ހެކަތޯންއަކީ ދިވެހިންގެ މަސައްކަތް ބޭރަށް ފެނިގެންދާނެ އިވެންޓަކަށްވުމުން މިއީ ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.

“އަޅުގަނޑުމެންގެ ޑިވްލޮޕަރުންނާއި ކޯޑާސްއިންގެ ވިސްނުން ހަމައެކަނި ހުންނަން ޖެހޭނީ ރާއްޖެއަކަށް ނޫން. އަޅުގަނޑު ބަލައިލިއިރު މީގައި ހަމައެކަނި ޑިވްލޮޕަރުންނެއް ނޫން ބައިވެރިވޭނީ. މީގައި ގިނަ ހުނަރުތަކެއް ހުންނަން ޖެހޭ. މީގައި ބައިވެރިވާ ޓީމްގައި ސްޓްރެޓެޖީ ހުނަރު ހުންނަން ޖެހޭ،” މައުމޫން ވިދާޅުވި އެވެ.

“ވިޔަފާރީގައި ކޮންމެވެސް ވަރެއްގެ ވިސްނުންތަކެއްވެސް ހުންނަން ޖެހޭ. ކްރިއޭޓިވް ބަޔާއި ފްރެޒެންޓް ކުރުމުގެ ހުނަރު ހުންނަން ޖެހޭ. އެހެންވެ ހަމަ ގިނަ ޒުވާނުން މީގައި ޓީމް ހަދައިގެން އައިސް އެކްސްޕާޓް ޖަޖުންނާއި ސްޕީކާސްގެ އެހީތެރިކަން ހޯދަންވީ. އެކަމަށް އަޅުގަނޑު ޝައްކެއް ނުކުރުން.”

މި މަހުގެ 21-22 ވަނަ ދުވަހު ނޭޝަނަލް އާޓްގެލަރީގައި ބާއްވާ އެންޖަލްހެކް މޯލްޑިވްސް އިވެންޓު އިންތިޒާމުކޮށް ރާއްޖެ އަށް ގެނެސްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ސްޕާކްހަބް އިންނެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ބާއްވާފައިވާ އެންޖަލްހެކް ރާއްޖެ ގެނައި ސްޕާކްހަމް ކުންފުނީގެ މެނޭޖިން ޕާޓްނަރު އަލީ ހާރިސް ވިދާޅުވީ ރާއްޖޭގައި އޭންޖަލްހެކް ބޭއްވުމަކީ ދިވެހިންނަށް ލިބޭނެ ފަހުރެއް ކަމަށެވެ.

“މިއީ ދުނިޔޭގައި އޮންނަ އެންމެ ބޮޑު ހެކަތޯން. މިއީ ގްލޯބަލް ސީރީޒްއެއްގެ ގޮތުގައި ދުނިޔޭގެ ގައުމުތަކުގައި ބާއްވާ ހެކަތޯން އެއް. މި އަހަރު ވެސް މި ސީރީޒްގައި 60 ގައުމުން ބައިވެރިވޭ. މިހާތަނަށް 150 އަށްވުރެ ގިނަ ގައުމުގައި ބާއްވާފައިވޭ،” އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންޖަލްހެކްއަކީ ދިވެހި ޑިވްލޮޕަރުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

“މީގައި [އެންޖަލްހެކް] ގައި ބައިވެރިވެގެން އެއްވަނަ އަށް ދާ ފަރާތަކަށް އަޅުގަނޑުމެން މި ދެނީ އެންޖަލްހެކް އިން ސެންފްރެންސިސްކޯ އަށް ގޮސް ގްލޯބަލް ޑެމޯޑޭގައި ބައިވެރިވުމުގެ ފުރުސަތު. ވަރަށް ގިނަ ގައުމުތައް މިދިޔަ އަހަރު ވެސް ބައިވެރިވެވި. އަވަށްޓެރި ސްރީލަންކާގެ ސްޓާޓްއަޕްއެއް ވެސް އެ ބަހުރި ސެންފްރެންސިސްކޯ އަށް ގޮސްފައި. މީގެން ގިނަ ފުރުސަތު ތަކެއް ލިބޭނެ،” އަލީ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355