twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދެ ގުނަ އަވަސްކޮށް، އެމްޓީސީސީގެ މުޅި ފޯކަސް ކުޅުދުއްފުށީ އެއާޕޯޓަށް !

Aug 25, 2018

ކުޅުދުއްފުށީގައި ސަރުކާރުން ގާއިމުކުރާ އެއާޕޯޓްގެ މަސައްކަތް ދެ ގުނަ ހަލުވިކޮށް އެކުންފުނީގެ މުޅި ފޯކަސް އޮތީ ކަނޑައެޅިފައިވާ ތާރީހަށް އެ މަސައްކަތް ނިންމުމަށްކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ހާމަކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވީ 23 ސެޕްޓެމްބަރަށް ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހުޝާމު ކޭއޯއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށާއި ރަންވޭގެ 600 މީޓަރުގެ ސަރަހައްދުގައި އޭބީސީ ލޭޔަރު (އެގްރިގޭޓް ބޭސް ކޯސް) މިއަދު އަޅައި ނިންމާލެވޭނެ ކަމަށެވެ.

ރަންވޭގައި އޭބީސީ ލޭޔަރު އެޅުމުގެ މަސައްކަތް ކުރިއަށްދާ ގޮތްތަށް ބަލާއިރު އެ މަސައްކަތް ކުރިއަށްދަނީ ރަންވޭ ދެ ފަޅިއަށް ބަހާލައިގެންނެވެ. އެގޮތަށް ކުރިއަށްދާއިރު ވާތް ފަރާތުގެ މަސައްކަތް ދާލެއް އަވަހެވެ. ވާތް ފަރާތުގެ 600 މީޓަރުގައި އޭބީސީ ލޭޔަރު އަޅާ ނިންމާލާފައިވާއިރު ކަނާތް ފަރާތުގައި 600 މީޓަރަށް އޭބީސީ އަޅައި މިއަދު ނިންމާލެވޭނެކަމަށް ހުޝާމް ވިދާޅުވި އެވެ.

” ވާތް ފަރާތުގެ 15 ފޫޓު ފުޅާ މިނުގައި 300 މީޓަރަށް އޭބީސީ އަޅަން އަނެއްކާވެސް މި ރެޑީ ވަނީ. ކަނާތް ފަރާތުގެ އެންމެ ކޮޅުގެ ސަތޭކަ މީޓަރާ ހަމައިން ގެތަށް ވަންނަ ސަރަހައްދު ފިޔަވާ ރަންވޭގެ ދެން ހުރި ހުރިހާ ސަރަހައްދެއްގައި މިފެށޭ ހަފްތާތެރޭގެ އޭބީސީ އަޅާ ނިންމާލެވޭނެ.” ހުޝާމް ވިދާޅުވި އެވެ.

ހުޝާމް ވިދާޅުވީ ގެތަށް އަރައި ސަރަހައްދުގެ ސާފުކޮށް އެތަނުގައި އިތުރު ލޭޔާތައް އަޅަން ޖެހޭނެތީ އެ 100 މީޓަރުގެ ބައިގެ މަސައްކަތް ލަސްވާނެ ކަމަށެވެ. ރަންވޭއަށް އަރައި ގެތަކުގެ ބޮޑު މައްސަލާގެ ބޮޑު ބައެއް މިހާރު ކޯޓުން ވަނީ ނިންމާފަ އެވެ. ކުރިއަށް ދެ ތިން ދުވަހުގެ ތެރޭގައި ގެތަކުގެ މައްސަލަ ނިމޭނެކަމަށް އުންމީދުކުރާ ކަމަށާއި އެމައްސަލަ ނިމުނުހާ އަވަހަކަށް އެ ބައިގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭގައި އޭބީސީ ލޭޔަރު އަޅަނީ– ފޮޓޯ: އެމްޓީސީސީ

ހުޝާމް ވިދާޅުވިގޮތުގައި އެމްޓީސީސީގެ ހުރިހާ ފޯކަހެއް މިހާރު އޮތީ ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތަށް ކަމަށެވެ. އޭނާ ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން ކޮންމެ މަސައްކަތަކަށްވެސް ބެކަޕެއް ގެންގުޅޭ ކަމަށެވެ. އެގޮތުން ތާރު މެޝިނުގެވެސް ބެކަޕް މެޝިނެއް ކުޅުދުއްފުއްޓަށް ގެނެސްފައިވާކަމަށް ހުޝާމް ވިދާޅުވި އެވެ.

” އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ﷲ އިރާދަކުރެއްވިއްޔާ ކަނޑައެޅިފައިވާ ތާރީހަށް ރަންވޭގައި ތާރުއަޅާ ނިންމާލެވޭނެ ކަމަށް.” ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ސަރުކާރުން އަޅަނީ 1200 މީޓަރުގެ ދިގު 30 މީޓަރު ފުޅާ ރަންވޭ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355