ދެވަނަ ދައުރެއް ލިބިއްޖެނަމަ ރާއްޖޭގައި ފުރަތަމަ ފަހަރަށް އަމިއްލަ ސަބްމެރިން ކޭބަލެއް ގަނެ، ރާއްޖޭގައި އިންޓަނެޓް ބޭނުންކުރާ އަގު 30 ޕަސެންޓު ހެޔޮ ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.
ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަބްމެރިން ކޭބަލް ވެސް އިންވެސްޓް ކުރާނެ ކަމަށާއި ދިވެހި ދައުލަތުގެ އަމިއްލަ ސަބްމެރިން ކޭބަލެއް ގަތުމަށް އިންވެސްޓް ކުރަނީ އެ ބޭނުންކޮށްގެން ހިނގާ ހުރިހާ ޑޭޓާއެއްގެ އަގު މިހާރުގެ އަގަށްވުރެ 30 ޕަސެންޓް ހެޔޮ ކުރުމަށް ކަމަށެވެ.
“އެއީ އަޅުގަނޑުމެންގެ އެއްޗަކަށް ވާން ޖެހޭނީ. ހިއްކާނެ ގޮތެއް ނެތީމާ މަހާ ޖައްރާފާ ހޯދީ. ތެޔޮ ގެނެވޭނެ ގޮތެއް ނެތީމާ ބޮޑު ޓޭންކަރެއް ހޯދީ. އައިސީޓީގެ އަގު ހެޔޮކުރަން ބޭނުންވީމާ، ސަބްމެރިން ކޭބަލް ވެސް އިންވެސްޓް ކުރާނެ މި ރައީސް” ޖަލްސާގައި ވާހަކަ ދައްވަމުން ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ހުޅުމާލެ އަދި ފަހުން ހިއްކަން ނިންމާފައިވާ ވިލިމާލެ ދޭއް ގައި ގާއިމް ކުރުމަށް ރާވާފައިވާ ދެ އައިސީޓީ ޕާކްގެ ސަބަބުން ރާއްޖޭގެ އައިސީޓީ ދާއިރާއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި އަދި ސްމާޓް ކޮންސެޕްޓަކަށް ތަރައްގީކުރާ ސްމާޓް ސިޓީއަކަށް ހުޅުމާލެ ވެގެން ދާނެ ކަމަށާއި އެތަން އިންޓަނޭޝަނަލް ފައިނޭންޝަލް އަދި އިންޓަނޭޝަނަނަލް ބިޒްނަސް ބާރަށް ހިނގާނެ ހަބަކަށްވެސް ވެގެން ދާނެ ކަމަށެވެ.