ކުޅުދުއްފުށީ އެއާޕޯޓްގެ ނިންމާ، ރަސްމީކޮށް ހުޅުވަން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގައި ހަދަމުންދާ އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ނިންމާ ޓެސްޓް ފުލައިޓް ޖައްސާފައިވަނީ އިއްޔެ މެންދުރުފަހު އެވެ. މި ޓެސްޓް ފުލައިޓްގައި މިނިސްޓަރު ޒަމީރުއާއެކު ސަރުކާރުގެ އިސްވަފުދެއް ވަޑައިގަތެވެ. އަދި އެބޭފުޅުންނަށް ކުޅުދުއްފުށިން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ރައީސް ޔާމީން މިރަށް ވަޑައިގެން ވަރަށް އަވަހަށް އެއާޕޯޓް ރަސްމީކޮށް ހުޅުވައި ދެއްވާނެކަމަށެވެ. އެއާޕޯޓްގައި އިއްޔެ ފްލައިޓް ޖެއްސިއިރު މިހާތަނަށް ނިމިފައިވަނީ ރަންވޭގެ މަސައްކަތް އެކަންޏެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ މިއަދުން ފެށިގެން ޗާޓާ ފްލައިޓްތައް މި އެއާޕޯޓަށް ޖެއްސޭނެކަމަށާއި އެކަމަށް ރަންވޭ ތައްޔާރު ކަމަށެވެ. އަދި ވަރަށް އަވަހަށް ޝެޑިއުލް ދަތުރުތައް ފަށާނެކަމަށެވެ.
ކުޅީގެ ބޮޑުބައެއް ހިއްކައިގެން މި ރަށުގައި އެއާޕޯޓް އެޅުމުގެ މަސައްކަތަކީ ވަރަށް ބުރަ ކަމެއް ކަމަށާއި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ޒަމީރު ވިދާޅުވި އެވެ. އެގޮތުން މި ރަށުގައި އެއާޕޯޓެއް އޮތުން މުހިންމު ނޫން ކަމަށް ވާހަކަ ދެއްކެވި ބޭފުޅުންނާއި މަދު ރައްޔިތުންގެ ފަރާތުން ހުރަސްތައް ކުރިމަތިވިކަމަށް ޒަމީރު ވިދާޅުވި އެވެ.
އެއާޕޯޓަށް ޖެއްސި ޓެސްޓް ފްލައިޓްގައި ބަންޑާރަ ނައިބް މުހައްމަދު އަނިލް އާއި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމުގެ އިތުރުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަޑައިގެންނެވި އެވެ.