ބައިނަލްއަގްވާމީ ބެޑްމިންޓަން ކޯޗުން އުފެއްދުމުގެ ގޮތުން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ބީ.ޑަބުލިއު.އެފް ކޯޗް އެޑިކޭޝަން ކޯސް ނިންމާ، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
ބެޑްމިންޓަންގެ އިންޓަނޭޝަނަލް ކޯޗިންގެ ސެޓްފިކެޓެއް ލިބޭ މި ކޯހަކީ ވޯލްޑް ފެޑެރޭޝަނާއި ބެޑްމިންޓަން އޭޝިއާ، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ޑަބުލިއު ސްޕޯޓްސް އެކަޑަމީއާ ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ އިންޓަނޭޝަން ކޯޗިން ކޯހެކެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މިކޯހުގައި 13 ބައިވެރިން ބައިވެރިވި އެވެ. އަދި 90 އިންސަތަ ބައިވެރިން ވަނީ ކޯހުން ފާސްވެފައި އެވެ. ކޯސް ނިންމުމުގެ ގޮތުން ރޭ ކުޅުދުއްފުށީ ޔޫތް ސެންޓަރުގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޖަލާލުއްދީން ސްކޫލުގެ ލީޑިންގ ޓީޗަރު މުހައްމަދު ރިޔާޒެވެ.
މިމަހު 2-8 ކުރިއަށްގެންދިޔަ މިކޯހުގައި ކިޔަވައިދެއްވީ ބަންގްލަދޭޝް އާއި އިންޑޮނޭޝިޔާއަށް ނިސްބަތްވާ، ބެޑްމިންޓަން އޭޝިއާގެ ތަޖުރިބާކާރު ދެ ކޯޗުންނެވެ.
ބައިނަލް އަގްވާމީ ބެޑްމިންޓަން ކޯޗުން އުފެއްދުމުގެ ގޮތުން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ކޯޗިން ކޯސް ނިމުމުގެ ހަފްލާގެ ތެރެއިން–ފޯޓޯ: ޑަބުލިއު ސްޕޯޓްސް
ބެޑްމިންޓަންގެ އިންޓަނޭޝަނަލް ކޯޗިންގ ކޯހުގެ ލައިސަންސް ލިބޭ މިކޯހުގައި ކުޅުދުއްފުއްޓާއި މާލެ އަދި އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުން ބައިވެރިން، ބައިވެރިވި އެވެ.
މިއީ އިންޓަނޭޝަނަލް ކޯޗިން ކޯހެއް ކުޅުދުއްފުށީގައި ހިންގި ފުރަތަމަ ފަހަރެވެ. މިކޯސް މިރަށުގައި ހިންގުމަށްޓަކާ ޔޫތް މިނިސްޓްރީ އާއި ކުޅުދުއްފުށީގެ ސްކޫލުތަކާއި ކައުންސިލުން ލިބުނު އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ޑަބުލިއު ސްޕޯޓްސް އިން ޝުކުރުއަދާކުރި އެވެ.