ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއިން ހާމަކުރާ ގޮތުގައި ރާއްޖޭގެ އާބާދީގެ 8.3 އިންސައްތަ މީހުންނަކީ ހަކުރު ބަލީގެ ޓައިޕް 2 އަށް ޑައިގްނޯސްވެފައިވާ މީހުންނެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ޕްރޮގްރާމް ކޯޑިނޭޓަރ ޑރ. އަލީ ޝިއާން ވިދާޅުވީ ހަކުރު ބަލީގެ 2 ވައްތަރުކަމަށްވާ ޓައިޕް 1 އަދި ޓްއިޕް 2 ވެސް ރާއްޖޭގައި ހުރީ އެއްވަރެއްގައި ކަމަށެވެ.
ހަކުރު ބަލީގެ ޓައިޕް 2 އަކީ އާއްމުކޮށް ބޮޑެތި މީހުންނަށް ޖެހޭ ބައްޔެކެވެ. އަދި ކުޑަކުދިންނަށް ޖެހޭ ހަކުރު ބަލީގެ ޓައިޕް 1 އަކީ ދުނިޔޭގެ ނިސްބަތުން މަދު ވައްތަރެކެވެ.
ހަކުރުބަލި ހުންނަ މީހުންގެ ތެރެއިން ބައެއް މީހުންނަކީ އެބަލި ހުންނަކަން ނޭންގޭ މީހުންކަން ފާހަގަކުރައްވައި ޑރ. އަލީ ޝިއާން ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް ރާއްޖޭގެ ޒުވާނުންނަށްވެސް ހަކުރުބަލީގެ ޓައިޕް 2 ޖެހެމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
އެހެންކަމުން ގައިންގަޔަށް އަރާ ބަލިތަށް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއެކު ހަކުރުބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތަކަށް ސަމާލުވުން މުހިންމުކަމަށް ޑރ. އަލީ ޝިއާން ވިދާޅުވިއެވެ.
ޑރ.އަލީ ޝިއާން ހާމަކުރިގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި އާއްމުވެފައިވާ ހަކުރު ގިނަ ކެއިންބުއިމުގެ ބާވަތްތައް ރެސްޓޯރެންޓްތަކުންނާއި ގޭގެ ސުފުރާމަތިން ފެންނަމުންދާ ސިއްހަތު ރަނަގަޅުނޫން އާދަޔާ ހިލާފު ހަކުރު ގިނަ ކެއުމުގެ ބާވަތްތަކުން ކުޑަކުދިންނާއި ޒުވާނުން ދުރުކުރުން މުހިއްމު ކަމަށެވެ. އަލާމާތްތައް ފެނުމުގެ ކުރިން ސިއްހަތު ހުރީ ކިހިނެއްތޯ ދެނެގަތުން މުހިއްމު ކަމަށްވެސް ޑރ. އަލީ ޝިއާން ވިދާޅުވިއެވެ.