twitterviber whatsapp telegramfacebookyoutube instagram
24th April 2024

ގައުމީ އެތުލެޓިކްސް މުބާރާތް: ޒުވާން ޓީމެއް، ފަޙުރުވެރި ކާމިޔާބީއެއް!

Oct 27, 2018

ގައުމީ އެތުލެޓިކްސް މުބާރާތުގައި ވަރުގަދަ އެތުލީޓުންނާ ވާދަކޮށް މުގޫ ސްޕޯޓްސް ކުލަބުގެ ޒުވާން އެތުލީޓުންގެ ޓީމް ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ. މިއަދު ނިންމާލި މިމުބާރާތުގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ދުވުންތެރިން ވާދަކޮށްފައިވެ އެވެ.

މިމުބާރާތުގައި ވާދަކުރި 7 ކުލަބުގެ ތެރެއިން އެންމެ ޒުވާން އެތުލީޓުން ހިމެނުނު އެއް ކުލަބަކީ ކުޅުދުއްފުށީ، މުގޫ ސްޕޯޓްސް ކުލަބެވެ އެވެ. އެ ޓީމުގައި 6 އެތުލީޓުން ހިމެނުނުއިރު ހުރިހާ އެތުލީޓުންނަކީވެސް 18 އަހަރުން ދަށުން ޒުވާން، އުންމީދީ ތަރިންނެވެ.

ގައުމީ މިމުބާރާތުގައި، މުޅި މުބާރާތުން ފަޙުރުވެރި ތިންވަނަ ވަނީ މި ޒުވާން ޓީމް ހޯދާފައި އެވެ. ބައިނަލް އަގްވާމީ މުބާރާތްތަކުގެ ވާދަކޮށް، ބޭރުން ތަމްރީން ލިބިފައިވާ ތިބި ގައުމީ ފެންވަރުގެ އެތުލީޓުންނާ ވާދަކޮށް މިހާ ޒުވާން ޓީމެއް ބޮޑު ކާމިޔާބީއެއް ހޯދުމަކީ ފަޙްރުވެރިވުން ހައްގު ކަމެކެވެ.

މި ޓީމުގެ ބައެއް އެތުލީޓުންވަނީ އަމިއްލަ ރެކޯޑް އާކޮށްފަ އެވެ. އެގޮތުން މުހައްމަދު ޝާމް އަހުމަދާއި ޝަމްވީލް މުހައްމަދު ނައީމް ވަނީ އަމިއްލަ ރެކޯޑް އާކޮށްފަ އެވެ. އެގޮތުން ޝާމް ވަނީ 100މ ގެ ރޭސް 11.54 ސިކުންތުން ނިންމާފަ އެވެ. އަދި ޝަމްވީލް ވަނީ 200މ ދުވުމުގެ އޭނާގެ އަމިއްލަ ރެކޯޑް އާކޮށްފަ އެވެ. އެއީ 25.08 ސިކުންތުނެވެ. މުގޫއިން ކާމިޔާބީތައް ހޯދާފައިވަނީ ރިލޭއިންނާއި ދުވުންތަކުންނެވެ.

މުގޫ ސްޕޯޓްސް ކުލަބުގެ ރިލޭ ޓީމް.

މިމުބާރާތުގައި ވާދަކުރި ރާއްޖޭގެ ބާރު ދުވުންތެރިންތަކުގެ ތެރޭގައި ހުސެއިން ފަޒީލް ހާރޫން، ހުސެއިން ހަލީމް، މުހަންމަދު ރަޝީދު، އަލީ ރިޒާ ފަދަ ދުވުންތެރިން ހިމެނެ އެވެ.

މިމުބާރާތުގައި ބައިވެރިވުމަށް މުގޫ ސްޕޯޓްސް ކުލަބަށް އެހީތެރިވި ފަރާތްތަކަށް އެކުލަބުން ވަނީ ޝުކުރުއަދާކޮށްފަ އެވެ. އެގޮތުން އެތުލީޓުންގެ ބެލެނިވެރިންނާއި މޮޓޮރައިޒް، ހދ އަތޮޅު ކައުންސިލްގެ މެމްބަރު އަހުމަދު އާތިފް، ކުޅުދުއްފުށީ ކައުންސިލް، ފްރީޒް ލޭންޑް އަދި ޑަބުލިއު ސްޕޯޓްސް އެކަޑަމީ ފާހަގަކޮށްފައިވެ އެވެ.

މި ޓީމް އެބުރި ރަށަށް އައުމަށް ހަމަޖެހިފައިވަނީ 30 ވަނަ ދުވަހުގެ ފަތިހް ބާދުޝާހް ބޯޓުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355