ކުޅުދުއްފުށީގައި ހުންނަ ޒޯން ސްޓޭޑިމްގެ ސާފުނުކުރެވުމާއި ހިންގުމުގެ ހުންނަ ދޯދިޔާ ކަންތައްތަކުންގެ ވާހަކައަކީ އަބަދުމެ ރައްޔިތުން ދައްކާ ބާވެފައިވާ ވާހަކައެކެވެ. މަސައްކަތްތައް ނުކުރެވެނީ އެކަށީގެންވާ މުވައްޒަފުން ނެތުމުންކަމަށް ބުނާއިރު ތިބޭ މުވައްޒަފުންވެސް އެންމެ ރަނގަޅަށް މަސައްކަތް ކުރަމުން ނުދާކަން ރައްޔިތުން ބުނެ އެވެ..
މުވައްޒަފުން މަދުވުމުންވެސް އުނދަގޫތަކެއް ހުންނާނެކަން ޔަގީނެވެ. އެއޮތް ބޮޑުތަން ބެލެހެއްޓުމަށް ތިބެނީ ތިން ވޮޗަރުންނާއި އެންމެ ހަތަރު މަސައްކަތު މީހުންނެވެ. އެކަމަކު އެއީ އެތަން މުޑުދާރުންވާ ޖެހޭ ސަބަބެއް ނޫންކަމަށް ގިނަ ބަޔަކު ދެކެވެ.
ގައުމީ މުބާރާތްތަކުން ފެށިގެން ރަށު ފެންވަރުގެ ގިނަ މުބާރާތްތަކާއި ސްކޫލުތަކުގެ ގިނަ ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ކުލަބު ޖަމިއްޔާތަކުގެ ގިނަ ކުޅިވަރު ހަރަކާތްތައް މިތަނުގައި ބާއްވަމުންދެ އެވެ. އަދި ކޮންމެ ދުވަހަކުމެ އެތަށް ސަތޭކަ ރައްޔިތުންނެއް ތަފާތު އެކި ކުޅިވަރުތަކާއި ކަސްރަތު ކުރުމަށާއި ތަފާތު ތަމުރީންތައް ހޯދުމަށް ސްޓޭޑިއަމްގެ ބޭނުން ހިފަ އެވެ. މިހާ މުހިންމު އެތަށް ބަޔަކު ކޮންމެ ދުވަހަކު ބޭނުން ހިފަމުންދާ ތަނެއްގެ އާންމު ސާފުތާހިރު ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމަށެވެ.
ތަނުގެ ގޮނޑުކަމުގެ ވާހަކައަށް އިތުރުވާ އެއްބޮޅަކީ ސިޑިބަރީގައިވާ ކާޅު ނަޖިސްތަކެވެ. ދަރިފުޅު ސްޕޯޓްސް މީޓްގައި ބައިވެރިވެގެން އެތަންނަށް ސަޕޯޓްކުރަން ގޮސް އިށިއިނދެލަން ޖެހެނީ ކާޅު ނަޖިހުން ފުރިފައިވާ ސިޑިތަކުގަ އެވެ. ނޫންނަމަ މުބާރާތެއްގައި ބަލާލަން ގޮސް ވެސް އިށީދެލާން މި ޖެހެނީ ހަމަ ކާޅު ނަޖިހުން މުޑުދާރުވެފައިވާ ސިޑި ބަރީގަ އެވެ.
އެތަނުގައި އޮންނަނީ ހަމައެކަނި ކާޅު ނަޖިހުގެ މައްސަލަ އެކަންޏެއްވެސް ނޫންނެވެ. ކުރިން ހާމަކުރިގޮތަށް އެތަށް މައްސަލަތަކެއް އެތަނުގައި އެބަހުއްޓެވެ. މަސައްކަތު މުވައްޒަފުން ތިބޭ މި ސްޓޭޑިއަމް ހީވަނީ ވިނަ ހެދި ކުނި ގިނަވެފައިވާ ގޮނޑެއްހެންނެވެ. އުންމީދީ އެތްލީޓުން އުފަންވަމުން އަންނައިރު އެތަނުގެ ޓްރެކް ވިނަ ނޮޅައި ސާފުކޮށްލަނީވެސް ކޮންމެވެސް ބޮޑު މުބާރާތްތަކާ ދިމާކޮށްފަ އެވެ. މަސައްކަތު މީހުންނަށް ސާފުނުކުރެވިގެން ބައެއް ފަހަރު ސްކޫލުތަކުގެ ބެލެނިވެރިންވެސް ނިކުމެ ޓްރެކް ސާފުކޮށްފައި އެބަހުއްޓެވެ.
ނެޓްކޯޓްގެ ޕޯސްޓްގައި އަމިއްލަ ފަރާތްތަކުން ނެޓް އަޅުވަމުން ދާތާ ގިނަ އަހަރުތަކެއްވަނީ ވެފަ އެވެ. އެތަނަށް ކުޅެންދާ ފަރާތްތަކުން ހާމަކުރާގޮތުގައި ގިނަ ރޭތަކުގައި ލައިޓް ދިއްލައިދޭނެ ފަރާތެއް ނުފެނިގެން އެބުރި ނުކުޅެވި ގެއަށްދާން ޖެހޭ ދުވަސްތައްވެސް މަދެއް ނޫނެވެ. އެކަމަކު ވޮޗަރުން ތިބޭ އެތަނުގައި ވޮޗަރެއްގެ ބޭނުން ޖެހިގެންދާއިރު އެތަނުން މީހެއް ނުފެންނަ ވާހަކައަކީ އާންމުކަމެކެވެ.
ބައެއް ކުޅިވަރު ކޯޓްތަކުގައި ވިނަ ހެދި ފުރިފައިވާއިރު އަނެއް ބައި ކޯޓުތަކަށް އަރާ ގަސްތައް ކޮށާދޭތޯ ސްޓޭޑިއަމްގައި އާދޭސް ކުރާތާވެސް ގިނަ ދުވަސްތަކެއްވަނީ ވެފަ އެވެ. ޕަބުލިކް ފާހާނާވެސް އެހާމެ މުޑުދާރެވެ. ސްޓޭޑިއަމް ހިންގުން ދޯދިޔާކަން ފާހަގަކުރެވޭއިރު މުވައްޒަފުން ލައްވައި މަސައްކަތްކުރުވުމަށްވެސް ވަނީ އުނދަގޫކަމަށްވެފަ އެވެ. ގިނަ މުވައްޒަފުންގެ މެދުގައިވެސް އިޙްލާސްތެރިކަމެއް ނެތުމުންގެ ސަބަބުން އެތަން ވަނީ ގޮނޑަކަށް ބަދަލުވެފަ އެވެ. މަދު މުވައްޒަފުން ކޮޅެއް ތިއްބަސް ރާވައިލައިގެން ރަނގަޅަށް މަސައްކަތް ކުރެވޭނަމަ މިހާ ބޮޑަށް މިމައްސަލަތަކެއް ފެންމައްޗެއް ނުވާނެކަން ޔަގީންނެވެ.
ކާޅަށް ސިޑިބަރިތަކަށް އެރުން މަދުކުރުމަށްވެސް ކަންތައްތަކެއް ކުރެވިދާނެ އެވެ. ތަން މިއަށްވުރެ ސާފުތާހިރުތަނަކަށްވެސް ހެދުމަށްވެސް މަސައްކަތްތަކެއް ކުރެވިދާނެ އެވެ. އެކަމަކު އެކަންތައްތައް ކުރުވޭނީ ތަނުގެ މެނޭޖްމަންޓް ހަރުދަނާ ކުރެވިގެންނެވެ.