އަންނަ މާރޗުމަހު ބާއްވަން ނިންމާފައިވާ ރައްޔިތުން މަޖީލީހުގެ 13 ދާއިރާއަކަށް ވާދަކުރަން އަދާލަތު ޕާޓީން ނިންމާ އެކަން އާންމުކޮށްފި އެވެ. އެ 13 ދާއިރާތަކުގެ ތެރޭގައި ހަތަރު ދާއިރާ ހާއްސަ ވެފައިވަނީ ތިލަދުންމައްޗަށެވެ.
އަދާލަތުން ވާދަކުރަން ނިންމާފައިވާ ތިލަދުންމަތީގެ ދާއިރާތަކަކީ ކެލާ ދާއިރާ، ވައިކަރަދޫ ދާއިރާ، ކުޅުދުއްފުށީ އުތުރު ދާއިރާ އަދި މަކުނުދޫ ދާއިރާ އެވެ. މިދާއިރާތަކުގެ ތެރެއިން މިހާރު މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލުކުރަނީ ހަމައެކަނި މަކުނުދޫ ދާއިރާ އެވެ. ކެލާ ދާއިރާ ޕީޕީއެމުން ތަމްސީލުކުރާއިރު ކުޅުދުއްފުށީ އުތުރާއި ވައިކަރަދޫ ދާއިރާ މިހާރުވެސް މަޖިލީހުގައި ތަމްސީލްކުރަނީ އެމްޑީޕީން އެވެ.
އަދާލަތު ޕާޓީން ވާދަކުރަން ނިންމާފައިވާ އިތުރު ދާއިރާތަކަކީ އިނގުރައިދޫ ދާއިރާ، މަހިބަދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ، ގަމު ދާއިރާ، ފުވައްމުލަކު ދެކުނު ދާއިރާ، ފޭދޫ ދާއިރާ، އަދި މާފަންނު ދެކުނު ދާއިރާ އެވެ.
އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އަދާލަތުން ވާދަކުރަން ނިންމާ ދާއިރާތައް އާންމުކޮށްފައިވާއިރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވަނީ އަންނަ މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް އެޕާޓީގެ ޤައުމީ މަޖިލީހުން ފާސްކޮށްފަ އެވެ.