ބޮޑު ޗުއްޓީއައުމާއެކު އެންމެންވެސް ބަލަނީ ރީތި ހިތްގައިމު ރަށަކަށް ދަތުރުގޮސްލާން މަޖާކޮށްލުމަށެވެ. މުޅި އަހަރުގައި އަންނަ ބޮޑު ޗުއްޓީގައި އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި މަޖާ ވަގުތުތަކެއް ހޭދަކޮށްލުން މިއީ ދިވެހިންގެ އާދައެކެވެ.
ބޮޑުތިލަދުންމައްޗަށް ބަލާނަމަ ދަތުރުދާނެ ވަރަށް ގިނަ ޗާލުން ރަށްތަކެއް އެބަހުއްޓެވެ. ކެލާ، ވަށަފަރު، ހޯރަފުށި، މަކުނުދޫ، ހަނިމާދޫ، ނޮޅިވަރަންފަރު އަދި ށ.ފުނަދޫ ފަދަ ރަށްތަކަކީ ދަތުރު ދިއުމަށް އުތުރުގައި މަޝްހޫރު ރަށްރަށެވެ. އެކަމަކު މިއަހަރު މިއުޅެނީ ދަތުރު ދާން ރީތި ގޮނޑުދޮށާއި ބިއްލޫރި ކޮޅެއް ފަދަ ރީތި މޫދެއް ލިބިފައިވާ ހދ އަތޮޅުގެ އެހެން ރަށެއްގެ ވާހަކަ ދައްކާލާށެވެ. ނާވައިދޫ އެވެ. ނާވައިދޫއަކީ ދަތުރު ދިއުމަށް އެހާ މަޝްހޫރު ރަށްތަކެއް ނޫނެވެ. ނަމަވެސް އެރަށުގެ ގުދުރަތީ ރީތިކަން ދައްކައިދޭ ގިނަ ފޮޓޯތަކެއް މިހާރު ވަނީ މީސް މީޑިއާއަށް ދޫކޮށްލާފަ އެވެ.
ނައިވާދޫގެ ރީތިކަން ފެންނަ ފޮޓޯއެއް–ފޮޓޯ: ނައުފަލު
ކުޅުދުއްފުށިން ފުރައިގެން ގާތްގަނޑަށް 30 މިނެޓްގެ ދަތުރަކަށްފަހު ދެވޭ ހިސާބުގައި އޮންނަ ނާވައިދޫގެ އުތުރުކޮޅު ސަރަހައްދު ހާއްސަ ކުރެވިފައިވަނީ ރަށުން ބޭރުން ދަތުރު ދާން ފަރާތްތަކަށެވެ. އެސަރަަހައްދަކީ ދަތުރު ދާން ހަމަ އެންމެ ޗާލުއެއް ސަރަހައްދެވެ. ރީތި ދޮންވެލި ގޮނޑުދޮށުގައި އޮންނައިރު ބޮޑު ރުއްދަނޑު އަންނަ ފިނި ރޯޅިތަކުން އިތުރަށް ފުރިހަމަކޮށްލަ އެވެ.
ނާވައިދޫގެ ރީތިކަން ފެންނަ ފޮޓޯއެއް–ފޮޓޯ: ނައުފަލު
ވިލު ވައްދާލާފައިވާ ބިއްލޫރި މޫދާއެކު ކުޑަ ފިނޮޅެއްވެސް އެތަނުގައި އޮވެ އެވެ. ގިނަ ބަޔަކު މިހާރުވެސް މިތަނަށް ދަތުރުދާން ވަނީ ފަށާފަ އެވެ.
ނާވައިދޫގެ ރީތިކަން ފެންނަ ފޮޓޯއެއް–ފޮޓޯ: ނައުފަލު
ނާވައިދޫ ކައުންސިލުން ބުނީ އެހެން އަހަރުތަކާ އަޅައި ބަލާއިރު މިއަހަރު އެރަށަށް ދަތުރު އަންނަ ފަރާތްތަކުން ގިނަ ކަން ފާހަގަކުރެވޭ ކަމަށެވެ. އާންމު ގޮތެއްގައި އެންމެ ގިނައިން އެރަށަށް ދަތުރު ދަނީ ކުޅުދުއްފުއްޓާއި ނެއްލައިދޫ އަދި ކުރިނބީގެ ރައްޔިތުން ކަމަށް ކައުންސިލުން ބުނެ އެވެ.