twitterviber whatsapp telegramfacebookyoutube instagram
18th April 2024

ރާއްޖެއިން ކޮމަންވެލްތްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފި

Dec 8, 2018

ރާއްޖެއިން އަލުން ކޮމަންވެލްތްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްއަށް ރައީސުލްޖުމްހޫރިއްޔާ ސިޓީފުޅެއް ފޮނުއްވައިފި އެވެ.

ޒީރުންގެ މަޖިލީހުގެ ލަފާފުޅާއި ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެއްގޮތަށް ރާއްޖެއިން ކޮމޮންވެލްތްގައި އަލުން ބައިވެރިވުމަށް އެދޭކަމުގެ ސިޓީފުޅު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ފޮނުއްވައިފިއެވެ.

މި ސިޓީފުޅުގައި ކޮމަންވެލްތްގެ ޗާޓަރގައާއި ހަރާރޭ ޑެކްލެރޭސާންގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ހުރުމަތްތެރިކޮށްހިތައި އެއްބަސްވެފައިވާ ކަންކަން ނަގަހައްޓައި އެކަންކަމަށް ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

އަދި ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށް ނިންމާފައިވަނީ ކޮމަންވެލްތް ޗާޓަރގައިވާ އުސޫލުތަކަކީ ރާއްޖެއާއި ބޭރު ދުނިޔޭގެ އެހެން ގައުމުތަކާ ދެމެދުގައި އޮންނަ އެކުވެރި ގުޅުން ދެމެހެއްޓުމަށްޓަކައި ލިބިގެންދާނެ މުހިންމު ބާރަކަށްވާތީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުތައް ނަގަހައްޓައި އިންސާނީ ހައްގުތައް ރައްކާތެރިކުރުން ކަށަވަރުކޮށް ގައުމުގެ ހިންގުން ހަރުދަނާކޮށް ކުދި ޖަޒީރާ ގައުމެއްގެ ގޮތުގައި ދެމެހެއްޓެނިވި ތަރައްގީއަށް ޖާގަދިނުމުގައި ކޮމަންވެލްތްގެ މެންބަރަކަށް ވުން މުހިންމުގައި ވިދާޅުވެފައިވެއެވެ.

މިފަދަ ބައިނަލްއަގްވާމީ ލަނޑުދަނޑިތައް ކާމިޔާބުކަމާއެކީ ހާސިލުކުރުމުގައި ދިވެހިރާއްޖެއިން ބޭރު ދުނިޔެއާ އެކަހެރިކޮށް އޮތުމަކީ މި ސަރުކާރުން ގަބޫލުކުރައްވާ އުސޫލެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވެއެވެ. މިގޮތުން މި ސަރުކާރުގެ ވިސްނުން ކުޑަ އަދި ތަރައްގީވަމުން އަންނަ ޖަޒީރާ ގައުމެއްގައި ސުލްހަވެރިކަމާއި އޮމާން ކަމާއެކު ވެރިކަން ބަދަލު ވެގެން ދިޔަދިއުމުގެ ތަޖުރިބާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރައްވާފައިވެއެވެ. އަދި ދުނިޔޭގެ ޑިމޮކްރަސީއާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާގުޅޭ ބަހުސްތައް ބައިނަލްއަގްވާމީ މައިދާނުގައި ސަމާލުކަމަށް ގެނައުމުގައި ރާއްޖޭގެ ތަޖުރިބާގެ އަލީގައި މަސައްކަތް ކުރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެކިއެކި ފަންނީ އަދި ގާބިލް މީހުން ތަމްރީނު ކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ. މިގޮތުން، ކޮމަންވެލްތްގެ ފަރާތުން މީގެ ކުރިން ދިވެހިންނަށް ލިބެމުންދިޔަ މަތީ ތައުލީމުގެ ފުރުސަތުތަކާއި ކުޅިވަރުގެ މައިދާނުގައި ފަހިވެފައި ހުރި ފުރުސަތުތައް ފާހަގަ ކުރައްވައި އެފަދަ ފުރުސަތުތަކުގައި ދިވެހިން ރާއްޖެއިން އެކި ރޮނގުރޮނގުން ބޭރުގައި ކުރާ ތަޖުރިބާތައް ރާއްޖޭގެ ފަންނީ ދާއިރާތަކުގައި ހިއްސާވަމުން ދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވެއެވެ.

ދިވެހިރާޖެއިން ކޮމަންވެލްތްގައި ފުރަތަމަ ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ. އަދި ކޮމަންވެލްތުން ވަކި ވެފައިވަނީ 13 އޮކްޓޫބަރު 2016 ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355