twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތައް ވިސްނަންޖެހިފައި

Apr 19, 2011

ހާޝިމް އަބޫބަކުރު

“ނިކަން ބަލާބަލަ މަށަށް ގަނެވިފަ މިހިރަ ދިޔާ ހަކުރު ފުޅިއެއް… މަހުއްޓަ ވިއްޔާ ހޫނު ހޫނު ކޮށް އެޅީ. އެކަމު 2 ދުވަސް ފަހުން މިހިރީ މި ހުރިގޮތް… ފުޅި ބަންޑުންޖެހީމަ ވެސް ފައިބާން ހިތަށްވެސް ނާރުވާ… ހަމަ ހަރު ހިލަ… އަނެއްކަ ބަލާ މީގަ މިޔޮއްދުވާ ވަހެއް… މަށަށް ޔަގީން މިޔަށް ސައިބޯ ހަކުރު އަޅާފަކަން މިހިރީ…” ގަނެވުނު ދިޔާ ހަކުރުފުޅި އާއި މެދު ހިތް ހަމަ ނުޖެހިހުރެ އަހަރެންގެ މަންމަ ގާތުގައި ދޮންމަނިކުބޭ އޭނާގެ ޝަކުވާ ފަތިވަރަކަށް އަމުނާލިއެވެ.

އެއީ ތެދެކެވެ. އަހަރެންވެސް އެ ހަކުރު ފުޅީގެ ވަސްބެލީމެވެ. ދުވާ ޒަވި ވަހުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އެވަގުތު އަހަރެންގެ ހިތަށް އެރީ ދޮންމަނިކުބެއަށް ލިބުނު ލަނޑު އެ ގެއިން ހަކުރު ގަންނަ ކިތައް މީހުންނަށް ލިބޭނެ ބާއެވެ. އެހެންކަމަށް ވާނަމަ މިފަދަ ދިވެހި އުފެއްދުންތަކުގެ އަގު ވެއްޓޭކަށް މާގިނަދުވަހެއްނުނަގާނެއެވެ.

ދިވެހި އުފެއްދުންތަކަކީ ޒަމާނުއްސުރެ އަހަރެމެން އެތަކެއްޗަކަށް ފަޚުރުވެރިވާ އެއްޗެހިތަކެކެވެ. ދިވެހި ރިހާކުރާއި ހަކުރެވެ. ދިވެހި ހަވާދުގެ ބާވަތްތަކެވެ. އަދިވެސް ދިވެހީންނަށް ޚާއްސަ މިނޫން ކިތަންމެ އެއްޗެއްސެކެވެ. އެތަކެތި ޚާއްސަވަނީ އެތަކެއްޗަކީ ހަމައެކަނި ދިވެހި އުފެއްދުންތަކަކަށް ވީމަ އެކަންޏެއްނޫނެވެ. އަދި އެތަކެތި ހަދާ ގޮތުގެ ސަބަބުންނެއްވެސް ނޫނެވެ. އެހެނެއްކަމަކު އެއީ އެތަކެތީގަ އެކުލެވޭ ދިވެހިވަންތަ ރަހަތަކުގެ ސަބަބުންނެވެ. އެތަކެތީން ދިވެހީންގެ އާދަކާދަ ދައްކުވައިދޭތީއެވެ. އަދި އެތަކެތި މި ދިވެހި މުޖުތަމައާއި ގުޅިފަވާލެއް ބޮޑުކަމުގެ ސަބަބުންވެސްމެއެވެ.

އެހެންނަމަވެސް މިއަދު މިފެންނަ މަންޒަރުތަކުން އަހަރެމެންގެ އަތުން ބީވެގެން ދިއުމުގެ ބިރު ހީވެފައި މިވަނީ ދިވެހީންގެ ވަރަށް ބޮޑު އަދި އެހާމެ މުހިއްމު ތަރިކައެވެ. މިއަދު މި ފެންނަނީ މިހާރުގެ ޒުވާނުން ދިވެހި ބަހަށް ކުރަފި އަރުވާ ބީދައިން ބަޔަކު ދިވެހި އުފެއްދުންތަކަށް ވެސް ކުރަފި އަރުވާ، އެތަކެތީގެ މީރު ރަހަ ގެއްލުވާލައި ކޮލިޓީ ވައްޓާލަމުންދާ މަންޒަރެވެ. އެއްބަޔަކު ދިޔާހަކުރަށް ސައިބޯ ހަކުރު އެއްކޮށް ގަޑުބަޑުކުރަމުން ދަނީއެވެ. އަނެއްބަޔަކު ކައްކާފައި ހުންނަ ރިހާކުރުން ގަރުވަސް ދުވާތީ ކާންކެރޭވަރެއް ނޫނެވެ. ބައެއް ފިހާރަތަކުގައި ވިއްކަން ބަހައްޓާފައި ހުންނަ ހެދިކާގެ މަސްގަނޑުން ކުނިވަސް ދުވާ ކަމީ ޚުދު އަހަރެންނަށްވެސް ތަޖުރިބާ ކުރެވިފައި ހުރި ކަންތައްތަކެވެ.

ސައިހޮޓާތަކުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އެފަދަތަންތަނުގައި ގިނަފަހަރަށް މަސައްކަތްކުރާ ބިދޭސީންގެ އަމިއްލަ ސާފުތާހިރުކަން ހުންނަގޮތުން އެތަންތަނުގައި ހުންނަ ކާއެއްޗިއްސާއި ދިމާއަށް ދާންވެސް ފަކުރުގަންނަހާ ވެއެވެ. އެއީ މީގެ ދެތިން ހަފުތާކުރިން ހަނިމާދޫއަށް ބަޔަކު ފުރުވާލަން ގޮސްއުޅުމުގެ ތެރޭގައި ހަނިމާދޫ އެއަރޕޯޓްގެ ކެފޭއަށް ވަދެލި ފަހަރެކެވެ. މަސައްކަތްކުރަން އުޅެނީ ހުސް ބިދޭސީންނެވެ. އެއްމުއައްޒަފަކު އެއްއަތުން ނިތްކުރީގައި ހުރި ދާތިކިތައް ފުހެމުން އަނެއްއަތުން ހެދިކާތައް އަތުރަމުން ދިޔައިރު، ހެދިކާތައް ބަހައްޓާފައިހުރި އެތެރެ ފެންނަ އަލަމާރިތަކުގެ މަތިނަގާފައި ހުރުމުގެ ސަބަބުން މެހިތައް އައިންވަރުވަރަށް ވަދެ ނުކުމެ ގޮސް އުޅެއެވެ. މިއީ ބޭރު ޤައުމުތަކުގެ ފަތުރުވެރިންވެސް ޚިދުމަތްލިބިގަންނަން އަބަދުހެން ވަންނަ ކެފޭ އެއްގެ ހާލަތެވެ. އެތަން ހިފައިގެން އުޅޭ މީހާ އެތަނަށް ހަމަ އެއްގޮތަކަށްވެސް ނުވަންނަނީބާއޭ އަހަރެންގެ ހިތަށް އަރައެވެ.

ފޭކު ޔޭޔޭ ކޮފީ ބުއިމުން ބަނޑުދިޔާވެ ދާނޭ ބުނާ ގޮތަށް، ސާފުތާހިރުކަމަށް ނުބަލައި ތައްޔާރުކޮށް ވިއްކަމުން ދާ މިފަދަ ތަކެތި ބޭނުންކުރުމުން ސިއްހީގޮތުން ނޭދެވޭ އަސަރުތަކެއްކޮށް، މުޅި މުޖުތަމަޢު ބަލިމަޑުކަމެއްގެ ތެރެއަށް ހިނގައިދާނެކަމީ ދުރުގައި އޮތްކަމެއް ނޫންކަން ހަމަ ކޮންމެ މީހަކުވެސް ދަންނަން އެބަޖެހެއެވެ. ކާބޯތަކެތީގެ މިފަދަ ބާވަތްތައް ތައްޔާރުކުރާ މީހުން، ލިބޭ ވަގުތީ މަންފާއަށް ދަހިވެތިވުމުގެ ބަދަލުގައި، އިޚުލާސްތެރިކަމާއި އެކު މަސައްކަތްކުރުން ކުރިއަށް ނެރެން އެބަޖެހެއެވެ. ކާބޯތަކެތި ގަންނަ ފަރާތްތަކުންވެސް މިފަދަ ކަންތައްތަކަށް ހޭއަރާ ތައްޔާރުވެ ތިބެން މިއަދު ވެއްޖެއެވެ.

މިފަދަ ނޭދެވޭ ޢަމަލުތަކުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި “މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔާތްކުރުމުގެ ޤާނޫނު” އަށް މިއަހަރުގެ ޖޫން މަހުން ފެށިގެން ޢަމަލުކުރަން ފަށާކަމީ މިރޮނގުން ކުރިއަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމާމެދަކު ޝައްކެއްވެސް ނެތެވެ. މިޤާނޫނުގައި ބުނާގޮތުން “ވިއްކުމަށްޓަކައި ރާއްޖެއަށް އިމްޕޯޓްކޮށްފައި، ނުވަތަ ރާއްޖޭގައި އުފައްދާފައިހުންނަ، ފެކެޓްކޮށް ނުވަތަ ދަޅުގައި ނުވަތަ ފުޅީގައި ބަންދުކޮށްފައިވާ ކާބޯތަކެތީގެ ބާވަތްތަކުގައި، އެއީ ކޮންބާވަތެއްގެ އެއްޗެއްކަމާއި، އޭގައި ހިމެނޭ ބައިތަކާއި، ބަރުދަން ނުވަތަ މިންވަރު، އަދި އުފެއްދި ތާރީޚާއި، އެ އެއްޗެއް ބޭނުންކުރުމަށް މުއްދަތެއް ކަނޑައެޅިފައިވާނަމަ އެމުއްދަތާއި، ވަކިގޮތަކަށް ބޭނުން ކުރަންޖެހޭ އެއްޗެއްނަމަ، ބޭނުންކުރަންޖެހޭގޮތް، އެތަކެތީގައި ނުވަތަ އެތަކެތި ބަންދުކޮށްފައިވާ ދަޅު، ފުޅި، ފެކެޓް ނުވަތަ ފޮށީގައި މިނިސްޓްރީ އޮފް ޓްރޭޑް އިންޑަސްޓްރީޒް އެންޑް ލޭބަރުން ކަނޑައަޅާ ޤަވާޢިދާ އެއްގޮތްވާގޮތުގެމަތިން ލިޔެފައި ހުންނަންވާނެއެވެ.” އެހެންކަމުން ޖޫންމަހުން ފެށިގެން ފިހާރަތަކުގައި ތެލުލި ފަތް ޕެކެޓުވިއަސް، ބިލިމަގު އަސާރަ، ނުވަތަ ރިހާކުރާއި ދިވެހި ހަކުރުގެ ބާވަތްތައްކަމުގައި ވިއަސް، އަދި ކީއްތޯ، އެންމެ ކުޑަމިނުން ކުޅިކަޖާ ފެކެޓެއްކަމުގައި ވީނަމަވެސް ވިއްކަން ބަހައްޓަން ވާނީ އެ އެއްޗަކާއި ބެހޭ ފުރިހަމަ މައުލޫމާތާއި އެކުގައެވެ. މި މިންގަނޑުތަކަށް އިހްތިރާމުނުކޮށް މި ޤާނޫނާ ޚިލާފުވެއްޖެނަމަ ނުވަތަ ޤާނޫނުގައިވާ ކުށެއްކޮށްފިނަމަ  -/500 ރުފިޔާ އާއި -/100،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން އެމީހަކު ޖޫރިމަނާކުރުމުގެ އިޚްތިޔާރު މި ޤާނޫނުގެ ދަށުން ކަމާބެހޭ ފަރާތްތަކަށް ވަނީ ލިބިދީފައިއެވެ. މިބާރު މިގޮތަށް ލިބިދީފައިއޮތުމަކީ އެފަދަ އަމަލުތައް ކުރާ މީހުންގެ ކިބައިން މުޅި މުޖުތަމަޢަށް ރައްކާތެރިކަން ލިބިދޭނެ ކަމެއްކަމީ ހަމަ ކޮންމެ މީހަކުވެސް ޤަބޫލުކުރާނެކަމެވެ.

އެހެންނަމަވެސް މިފަދަ ކަންކަންކުރާއިރު ޚުދު ތިމާއަށްވެސް، މި ކުރަނީ ރަނގަޅުކަމެއްނޫންކަމާއި އަނެކާއަށް ލަނޑެއްދޭއިރު އެފަދަކަމެއް ތިމާއަށް ދިމާވެއްޖެނަމަ ތިމާވެސް ދެރަވާނޭފަދައިން އަނެކާއަށްވެސް މާޔޫސްކަން އިހުސާސްވާނެކަން ވިސްނޭއިރު، އަމިއްލަ ފައިދާއަށްޓަކައި އެފަދަ ކަންކަންކުރުން ހުއްޓާލަންވީ ޤާނޫނަކުން އެކަން މަނާކޮށް ބޮޑެތި އަދަބުތަކެއް ތަންފީޒުކުރަންފެށުމުން އެކަންޏެއްނޫނެވެ. އެފަދަ ޢަމަލުތައް ހުއްޓާލައި ހަމަ މަގަށް ރުޖޫޢަވާންވީ އެއީ މުޖުތަމަޢުގެ ޙައްޤުގައި ތިމާ ދޭ ޚިދުމަތެއްކަމަށް ދެކި އެކަމުން މުޅި ދިވެހި މުޖުތަމަޢަށް އިތުރު މަންފާތަކެއް ހޯދައިދިނުމުގެ އަޒުމް ކުރިއަށް ނެރެގެންނެވެ. ދޭދޭ ފަރުދުންގެ ދެމެދުގައި މިހާރު ގެއްލެމުންމިދާ އިތުބާރާއި ޔަގީންކަން އާލާކުރުމުގެ މަގުސަދު ގައެވެ. މިވިސްނުމުގައި މަސައްކަތްނުކުރަނީނަމަ ފެންނާނީ މިއަދު ފެންނަން ފަށާފައިމިވާ ކަންކަން ބޮއްސުންލައިގެން ދާމަންޒަރެވެ. އެކަކު އަނެކަކަށް ކުރާ އިތުބާރު ގެއްލިގެންދާތަނެވެ. އެންމެ ފަހުން މިކަމުގެ ނޭދެވޭ އަސަރު އެންމެ ހިތިކޮށްކުރާނީ އެކަން ފެށި ފަރާތް، އާދެ، އެފަދަ ކާބޯތަކެތި އުފައްދާ ފަރާތްތަކަށް ކަމާމެދަކު ޝައްކެއްނެތެވެ. ހަމަ ޔަގީނުންވެސް އަހަރެންނެއް މީގެ ފަހުން އެފިހާރަކަށް ހެދިކާ ގަންނާކަށް ނުދާނަމެވެ. އަދި ދޮންމަނިކުބޭވެސް ދެވަނަފަހަރަށް އެލަނޑުލިބެން -/140 ރުފިޔާ ޚަރަދުކޮށްފައި އެގެއަށް ހަކުރު ފުޅިއެއް ގަންނަން ނުދާނެކަން ޔަގީނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355