twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވާއިރު ގާނޫނީގޮތުން ހުރި ހުރަސްތަކަަށް އަވަސް ހައްލެއް މުހިންމު

Feb 21, 2019

ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވާއިރު ގާނޫނީގޮތުން ހުރި ހުރަސްތަކަަށް އަވަސް ހައްލެއް މުހިންމުކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ކުޅުދުއްފުށި އާބާދީގެ ގޮތުން ސިޓީއެއްގެ ދަރަޖަ ލިބިފައިވާއިރު ގާނޫނީގޮތުން ޖަވާބު ލިބެން ޖެހޭ މުހިންމު ސުވާލުތަކެއް އެބަހުރި ކަމަށެވެ. ނަޝީދު ވަނީ މީގެ ކުރިންވެސް އެ ކަންތައްތައް ސަމާލުކަމަށް ގެނެސްދެއްވާފަ އެވެ.

ނަޝީދު ފާހަގަކުރެއްވި ބައެއް ކަންތައްތަކަށް ބަލާއިރު ރަށުކައުންސިލެއް އޮވެގެން ހިނގާ ރަށެއް ސިޓީއަކަށް ބަދަލުވުމުން، އެ ކައުންސިލަށްވާނީ ކިހިނެއްތޯ ވަނީ ސުވާލުއުފައްދާފަ އެވެ. ރަށު ކައުންސިލެއް އިންތިޚާބުވާތާ ކުރީކޮޅު ރަށެއް ސިޓީއަކަށް ބަދަލުވެއްޖެނަމަ، ނުވަތަ ދައުރުގެ މެދުތެރޭން ބަދަލުވެއްޖެނަމަ، އާ އިންތިހާބެއް ބާއްވައި، ސިޓީ ކައުންސިލަށް މެންބަރުން އިންތިހާބުކޮށް، ރަށު ކައުންސިލުގެ ދައުރު ނިމުމަކަށް ގެންނާނީކަން ކަނޑައެޅިގެން ޤާނޫނުގައި ބަޔާންކޮށްފައެއްނުވާކަމަށެވެ.

އަދި، ދައުރުގެ ފަހުކޮޅު އެކަން ދިމާވެއްޖެނަމަ، އޮތް ކައުންސިލުގެ ދައުރު ހަމަވަންދެން ބާއްވައި، ދެން އޮންނަ އިންތިހަބަކާ ދިމާކޮށް ސިޓީ ކައުންސިލުގެ އިންތިހާބު ބާއްވާނީތޯ؟ މިއީ، ސާފުކޮށް އެނގެންބޭނުންވާ، ޖަވާބުލިބެންޖެހޭ ސުވާލުތަކެއްކަން ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިނގަމުންދާ ކައުންސިލުގެ ދައުރު ނިމެންދެން ރަށު ކަައުންސިލް އުވާނުލައި ބާއްވާ ރަށް ސިޓީއަކަށް ނުހަދާ ބޭއްވުމަކީ އެއީ އެހާ އިންސާފުވެރިގޮތަކަށް ނުވެދާނެކަމަށެވެ. ގާނޫނުގެ 39 ވަނަ މާއްދާއާ ކޮންމެވެސް މިންވަރަކަށް ތަޢާރުޟުވެސް ވެދާނެ ކަމެއްކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

ދެން އޮތްގޮތަކީ ރަށު ކައުންސިލެއް އޮވެގެން ހިންގާ ރަށެއް ސިޓީއަކަށް ބަދަލުވެެއްޖެނަމަ، އެވަގުތު އޮތް ރަށު ކައުންސިލު ދެމިއޮންނާނެ ކަމަށާއި ސިޓީ ކައުންސިލެއް ހޮވާނީ، ދެންއަންނަ އިންތިހާބެއްގައިކަމަށް ގާނޫނުގައި ކަނޑައެޅިދާނެކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނޫނަމަ ދެން އޮތްގޮތަކީ، ސިޓީއަކަށް ބަދަލުވުމުން، ރަށު ކައުންސިލުު އުވާލައި، ސިޓީ ކައުންސިލު އިންތިހާބެއް ބޭއްވުންކަމަށެވެ.

މި އިން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް، މިކަން ގާނޫނުގައި ސާފުކޮށް ބުނަން އެބަޖެހޭކަމަށް ނަޝީދު ވިދާޅުވި އެވެ.

” އެންމެ ރަނގަޅު ގޮތެއް ކަމަށް ވެދާނެ އެއްގޮތަކީ، ރަށު ކައުންސިލުގެ އުމުރު ހަމަވުމަށް 6 މަސް ދުވަހަށްވުރެ ކުރު މުއްދަތެއް ބާކީ އޮތްނަމަ ސިޓީއެއްގެ ދަރަޖަ ލިބުނަސް، ސިޓީ ކައުންސިލުގެ އިންތިހާބު ދެން އޮންނާނީ ހިނގަމުންދާ ރަށު ކައުންސިލުގެ ދައުރު ހަމަވުމުން ކަމުގައި ބަޔާންކޮށް، އެނޫން ހާލަތުގައި ސިޓީ ކައުންސިލަށް މެންބަރުން އިންތިހާބުކުރުރަންވާނެ ކަމުގަ. އެފަދައިން އިންތިހާބުކުރެވޭ ކައުންސިލު އެކުލަވާލުމާއެކު ކުރިން އިންތިހާބުކުރެވިފައިވާ ރަށު ކައުންސިލުގެ ދައުރު ނިމުމަކަށް އަންނާނެކަން ގާނޫނުގައި ބަޔާންކުރުން.” ނަޝީދު ވިދާޅުވި އެވެ

އޭނާ ވިދާޅުވާގޮތުގައި މިހާރު ގާނޫނު އޮތްގޮތުން ސިޓީ ކައުންސިލަކަށް މިހޮވެނީ 3 މެމްބަރުން ކަމަށާއި އެކަމަކު މިހާރުވެސް ރަށު ކައުންސިލުގެ މެމްބަރުންގެ އަދަދަކީ ފަހެއް ކަމަށެވެ. އެހެންކަމުން، ސިޓީއަކަށް ބަދަލުވުމުން 3 މެމްބަރުންގެ ސިޓީ ކައުންސިލަކުން ހިންގަން ޖެހޭ ރަށެއް 5 މެމްބަރުންގެ ރަށު ކައުންސިލަކުން ހިންގުމަކީ ޤާނޫނީ ސުވާލުތައް އެކަމުގައި ހިމެނޭނެ ކަމެއް ކަމަށެވެ.

“އަޅުގަނޑު މިވަކާލާތުކުރަނީ،  3 މެމްބަރުންގެ ސިޓީކައުންސިލެއްގެ ބަދަލުގައި،  5  މެމްބަރުންގެ ސިޓީ ކައުންސިލެއް އޮތުމަށް.” ގާނޫނީ ވަކީލް ނަޝީދު ވިދާޅުވި އެވެ.

އަތޮޅުވެރިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ކުޅުދުއްފުށްޓަކީ އެއް ރަށަށްވުރެ ގިނަ ރަށް ހިމެނޭ އަތޮޅެއްގެ ވެރިކަންކުރާ ރަށް ކަމުގައިވާތީ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވާނަމަ ދެން އެ އަތޮޅުގެ ވެރިކަން ކުރާނެ ރަށަކީ ކޮބައިކަމާމެދު ގޮތެއް ނިންމަންޖެހޭ ކަމަށެވެ. ނަޝީދުވަނީ އެކަން ކުރެވިދާނެ ބައެއް ކަންތައްތައްވެސް ވިދާޅުވެފަ އެވެ.

އެއްގޮތަކީ ހދ އަތޮޅުގެ ވެރިކަންކުރާރަށަކީ މިހާރުވެސް އޮތްގޮތަށް ކުުޅުދުއްފުށި ކަމުގައި ބޭއްވުން ކަމަށެވެ. އެއީ ދަތުރުފަތުރުގެ ފަސޭހައާއި އިޤްތިސޯދާއި އާބާދީއާއި އެހެން ރަށްރަށާ ހުރި ގާތް ދުރުމިނާއި ތަރައްގީގެ ވަސީލަތްތައް ހުރުމާއި އިތުރު ވަސީލަތަށް ފުރުސަތު އޮތުން ފަދަ ޓެސްޓުތަކުން ކުޅުދުއްފުށި މާބޮޑަށްވެސް ކުރީގައި އުޅޭނެތީ އެފަދަ ސަބަބުތަކަށް ބިނާކޮށް އެގޮތަށް ގާނޫނޫގައި އެކަން ނިންމިދާނެކަމަށެވެ.

އަނެއް ގޮތްތަކީ ވެރިކަން ކުރާ ރަށް އެެހެން ރަށަކަށް ބަދަލުކުރުން ކަމަށާއި އެކަން ކުރަން އުސޫލުތަކެއް އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގެ ގާނޫނުގައި ބަޔާންކުރޭ ކަމަށެވެ. އެ ގާނޫނުގައިވާގޮތުން އެކަމަށް ރަށެއް ކޮލިފައިވާނީ ވަކި ޝަރުތުތަކެއް ހުރި ރަށަކަށްވެގެން، އެކަމަށް ގޮތެއް ކަނޑައަޅަންޖެހޭނީ އަތޮޅު ކައުންސިލުގެ ވޯޓުުން ފާސްވެގެން، އަދި އެކަން ތަންފީޒުކުރެވޭނީ އަތޮޅުގެ ރައްޔިތުންގެ މެދުގައި ނަގާ ވޯޓެއް ވެސް ނަގައިގެން ކަމަށް ދެކިވަޑައިގަންނަވާކަމަށް ނަޝީދު ވިދާޅުވި އެވެ.

އަދި ވެރިކަން ކުރާ ރަށް އަލުން ކަނޑައަޅާނަމަ، އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގެ ގާނޫނުގެ ޖަދުވަލަށްވެސް އިސްލާޙުގެންނަންޖެހޭކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

” އޭގެ އިތުރުން، ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވުމުން، އެ ރަށް ދެން ހިނގާނީ ސިޓީ ކައުންސިލަކުން ކަމަށްވާތީ، ކުޅުދުއްފުށި އެއީ ހދ. އަތޮޅުގައި ހިމެނޭ ރަށެއް ނުވަތަ ސިޓީއެއް ކަމުގައިވީނަމަވެސް ސިޓީއަކަށްވުމުން، ކުޅުދުއްފުށީ ސިޓީއަކީ އަތޮޅު ކައުންސިލުގެ އިޚްތިޞާޞް ނުހިނގާ ސިޓީއެއް ކަމުގައިވެގެންދާނެ. އެކަން އެގޮތަށް ކުރާ ނަމަވެސް ގާނޫނުގައި އެކަން ސާފުކޮށް ބަޔާންކުރަންޖެހޭ.” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މިސުވާލުތަަކަށް ސާފުސީދާ ގާނޫނީ ޖަވާބެއް ބޭނުންވަނީ މިކަންކަން އެހާ ސާފުކޮށް، ގާނޫނުގައި އެނގެންނެތުމުން ކަމަށާއި އަތޮޅެއްގައި ހިމެނޭ ވަކި ރަށެއް ސިޓީއަކަށް ބަދަލުވާ މިއީ ފުރަަތަމަ ފަހަަރު ކަމަށްވާތީ، މިކަންކަމާގުޅޭ އުސޫލުތައް ގާނޫނުގެ ތެރެއަށް ވައްދަންޖެހޭ ކަމަށެވެ. އަދި އެކަންތައް ސާފުކޮށް ބަޔާންކުރަންޖެހޭ ކަމަށެވެ.

ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވާއިރު ގާނޫނީ ސުވާލުތަކެއް، ސާފު ޖަވާބެއް މުހިންމު: ނަޝީދު

މިފަަހަރު މިކަންމިދިމާވަނީ ކުޅުދުއްފުށި ސިޓީއަކަށްވާ ހިސާބުން ދެން މިކަން ދިމާވާނީ ތިނަދޫއަށްކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

“މިމައްސަލައަށް ހައްލެއް ގެނެވޭތޯ ސަރުކާރުން އެބަ މަސައްކަތްކުރައްވާ. އެކަން މައިގަނޑު ގޮތެެއްގައި ހިނގަނީ، ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެންނަވަން މަސައްކަތްކުރައްވަމުންގެންދަވާ އިސްލާހުތަކުގެ ތެރެއިން.”

އެ އިސްލާހުތަކުގެ ތެރޭން ކުޅުދުއްފުށި ސިޓީއަކަށްބަދަލުވުމުގައި ހުރި ގާނޫނީ ސުވާލުތަކަށް ސާފު ގާނޫނީ ހައްލުތަކެއް ލިބިގެންދާނެކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވާއިރު އަތޮޅުވެރިކަން ހޯދުމަށް ގިނަ ރަށްތަކަކުންދަނީ އަޑުއުފުލަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355