ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކުރި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތައް ކާމިޔާބުކަމާއެކުކޮށް، ނިންމާލައިފި އެވެ. އައިޖީއެމްއެޗްގެ ކަށީގެ ޑިޕާޓްމަންޓްގެ ހެޑް ޑރ މުޒުނީ އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންތަކުގައި ދެ ދުވަހުން ތިން މީހެއްގެ ކަކުލު ހުޅު ބަދަލުކޮށްފައިވެ އެވެ.
އޮޕަރޭޝަންތައް ނިންމާލުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހޮސްޕިޓަލްގެ މެޑިކަލް ޑައިރެކްޓަރު އަދި އެކްޓިންގ ސީއީއޯ ޑރ ވަހީދު ވިދާޅުވީ މިފަދަ މުހިންމު އޮޕަރޭޝަންތަކެއް ކުރެވިގެންދިޔައީ ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާ އެހީތެރިކަމާއެކު ކަމަށެވެ. އެގޮތުން ހެލްތް މިނިސްޓަރު އަބުދުﷲ އަމީން އާއި އައިޖީއެމްއެޗްގެ ސީއީއޯ އިބުރާހިމް ސަލީމް އާއި މެޑީއިކްޕް ކޮމްޕެނީ، މެޑިކާ ހޮސްޕިޓަލް، އަދި ކޭއާރުއެޗްގެ މުވައްޒަފުންގެ ނަން ފާހަގަކޮށް އެފަރާތްތަކަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ މުޒުނީ ވިދާޅުވިގޮތުގައި މި އޮޕަރޭޝަންތަކަކީ ވީހާވެސް ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ފަށާފައިވާ ސިލްސިލާގެ ތެރެއިން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކެއް ކަމަށެވެ. އަދި މިއީ ވަރަށް ކުރިންސުރެ ރާވައިގެން ކުރިއަށްގެންދާ ޕްރޮގުރާމެއްކަމަށް އޭނާ ވިދާޅުވި އެވެ. އައްޑޫ އާއި ތިނަދޫގެ ހޮސްޕިޓަލްގައިވެސް މި ސިލްސިލާގެ ދަށުން މިފަދަ އޮޕަރޭޝަންތަކެއްކޮށްފައިވާކަން ފާހަގަކުރައްވަމުން ޑރ މުޒުނީ ވިދާޅުވީ އަތޮޅުތެރޭގެ ތިން ސަރަހައްދެއްގައި މި އޮޕަރޭޝަންތައް ކުރެވިގެން ދިޔުމުން އެނގިގެން ދިޔައީ މިއީވެސް ބަޔަކު އިސްނަގައިގެން ކުރަން އުޅެފިނަމަ އަތޮޅުތެރޭގައި ކުރެވިދާނެ އޮޕަރޭޝަންތަކެއް ކަމަށެވެ.
ކޭއާރުއެޗްގައި ކުރި މި ތިން އޮޕަރޭޝަންތައް ވަރަށް ކާމިޔާބުކަމަށާއި އޮޕަރޭޝަން ކުރާތާ ތިންވަރަކަށް ދުވަހުގެ ތެރޭގައި ކޮށިގަނޑުގެ އެހީގައި ބަލި މީހުންނަށް ހިނގޭނެ ކަމަށް މުޒުނީ ވިދާޅުވި އެވެ. އެއްވެސް ކަމެއް ގޯސްނުވެ ކުރިއަށްދާކަމަށްވާނަމަ މަހެއްހާ ދުވަހުގެ ތެރޭގައި އާންމުކޮށް ހިނގާ އުޅެވޭނެ އެވެ. ކަކުލު ހުޅު ބަދަލުކޮށްފައިވަނީ ތިން ފިރިހެނުންނެވެ. އެއީ 65 އަހަރުގެ މީހަކާއި 66 އަދި 68 އަހަރުގެ މީހެކެވެ
” މިސާލަކަށް އިއްޔެ މި އޮޕަރޭޝަން ކުރީ، މިއަދުވެސް ބަލި މީހުންނަށް ހިނގޭނެ. ސަބަބަކީ މި އޮޕަރޭޝަނަކީ އަޅުގަނޑުމެން މި އޮޕަރޭޝަން ކުރާގޮތުން އޮޕަރޭޝަން ކުރުމަށް ފަހުގަ ކަށިގަނޑު ބެދެންދެން، ކަށިގަނޑު ވަރުގަދަ ވަންދެން މަޑުކުރަން ޖެހޭ އޮޕަރޭޝަނެއް ނޫން މިއީ. އޮޕަރޭޝަނަކީ ތެރެހެއް ބޭނުންކޮށްގެން ހުޅު އިންނާ ތަތްކޮށްފަ. އެހެންވީމަ ދިހަވަރަކަށް މިނެޓްތެރޭގައި ހަރުވެފަ ހުންނާނީ. ދެން އެއަށްފަހު މިއޮންނަކަމަކީ ނަރުކޮށުން. ނަރުކޮށަނީ 12 ވަނައަށްވާ ދުވަހު. އޮޕަރޭޝަން ކުރާތާ ދެވަނައަށްވާ ދުވަހުވެސް ޕޭޝަންޓް ހިނގާނެ ކޮށިގަނޑެއްގެ އެހީގަ. އެވްރެޖް ގޮތެއްގައި ފަސްވަރަކަށް ދުވަހުން ކޮށިގަނޑު ދޫކޮށްލާފަ ބަލި މީހުންނަށް ހިނގޭނެ. ދެން ތަދު ދަނީ މަޑުމަޑުން ކެނޑެމުން. 12 ވަނައަށްވާ ދުވަހު ނަރުތައް ކޮށާލާފަ ޑިސްޗާޖުކުރާނެ. ދެން އޮންނާނީ ކަކުލުގެ މަސްތައް ވަރުގަދަކުުރުމަށް ކުރާ ކަސްރަތުތައް ކުރުން. ގާތްގަނޑަށް މަހެއްހާ ދުވަހުގެ ތެރޭގައި ޕޭޝަންޓް އެއްކޮށް އަޅުގަނޑުމެންނަށް ދޫކޮށްލެވޭނެ.” ކަކުލު ހުޅު ބަދަލުކުރުމާ ބެހޭގޮތުން ތަފްސީލްކޮށްދެއްވަމުން ޑރ މުޒުނީ ވިދާޅުވި އެވެ.
އުތުރުގެ މިސަރަހައްދުގައި ކަކުލު ހުޅުގެ އޮޕަރޭޝަންތައް ކުރަން ބޭނުންވާ ވަރަށް ގިނަ ބަޔަކު އެބަތިބި ކަމަށާއި މުސްތަގުބަލުގައި ކުޅުދުއްފުށި ވެގެންދާނީ ހުޅު ބަދަލުކުރާ އޮޕަރޭޝަންތައް ކުރާ ސެންޓަރަކަށްކަމަށެވެ. ކޭއާރުއެޗުގައި އަލަށް ހުޅުވިގެންދިޔަ އޮޕަރޭޝަން ޓިއޭޓަރ ކޮމްޕުލެކްސްއަކީ ރަނގަޅު ފެންވަރަކަށް ގެނެވިފައިވާ ޓިއޭޓަރެއް ކަމަށް ޑރ މުޒުނީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޓިއޭޓަރަށް ބޭނުންވާ އިތުރު ބައެއް އާލާތްތައް ގެނެވުމުން އޮޕަރޭޝަންތައްކުރަން އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ.
” މިފަހަރުވެސް ޓިއޭޓަރުގެ ފަސޭހަކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވުނު. ދެން ހަމަ ގާތްގަނޑަކަށް އައިޖީއެމްއެޗާ އެއް ފެންވަރުގެ ޓިއޭޓަރެއް.” އައިޖީއެމްއެޗުގެ ކަށީގެ ޑިޕާޓްމަންޓްގެ ހެޑް ޑރ މުޒުނީ ވިދާޅުވި އެވެ.
ކޭއާރުއެޗުގެ ނަރުހުންނަށް ވަރަށް ބޮޑަށް ތައުރީފުކުރައްވަމުން މުޒުނީ ވިދާޅުވީ އޮޕަރޭޝަން ކުރިއަށްދިޔައިރު އެތަނުގެ ނަރުހުންގެ ހުނަރުވެރިކަމާއި ގާބިލުކަން ވަރަށް ރަނގަޅަށް ފެނިގެންދިޔަ ކަމަށެވެ. އެކަމަކީ މުސްތަގުބަލުގައި މިފަދަ އޮޕަރޭޝަންތައް ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.
ޑރ މުޒުނީ ވިދާޅުވީ، އޮޕަރޭޝަން ކުރުމަށްފަހު ބަލިމީހާއަށް ފަރުވާދެމުންގެންދާނީ އައިޖީއެމްއެޗްގެ ކަށީގެ ޑިޕާޓްމަންޓުގެ ޑޮކްޓަރުންގެ ލަފާގެ މަތިން ކޭއާރުއެޗުގެ ކަށީ ޑޮކްޓަރުންނާއި ފިޒިއޮތެރަޕިސްޓުން ކަމަށެވެ.
ކޭއާރުއެޗުގެ މެޑިކަލް ޑައިރެކްޓަރު ޑރ ވަހީދު ވާހަކަފުޅު ދައްކަވަނީ–
އޭނާ ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި ދޭތެރެ ދޭތެރެއިން ކޭއާރުއެޗަށް ޒިޔާރާތްކޮށް އޯޕީޑީގައި ބަލިމީހުން ބަލާގޮތަށް ހަމަޖެހިފައިވާކަމަށެވެ. އަދި ކަށީގެ އޮޕަރޭޝަންތައް ކުރަން ބޭނުންވާ މީހުން ވެއިޓް ލިސްޓްގައި ހަދާނެ ކަމަށެވެ. ޑރ މުޒުނީ ވިދާޅުވީ އެ އޮޕަރޭޝަންތައް ކުރާނީ ކޭއާރުއެޗުގައި ކަމަށެވެ.
އަތޮޅުތެރޭގެ ތިން ސަރަހައްދުގެ ހޮސްޕިޓަލުތަކުގައި މިފަދަ އޮޕަރޭޝަންތައް ކުރަން ފެށުމުން މި ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިން އަވަސްވެ، އައިޖީއެމްއެޗަށް ލުއިތަކެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.