މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނުން ކުޅުދުއްފުށީގައި ބާއްވާ އެމްބީއޭ 3 އޮން 3 ޓޯނަމަންޓުގައި 55 ޓީމުން ބައިވެރިވެއްޖެ އެވެ.
މިއަދު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ކުޅުދުއްފުށިންނާއި މާލެއިން ޓީމުތައް ބައިވެރިވެފައިވާ އިރު ކުޅުދުއްފުށިން 51 ޓީމް އަދި މާލެއިން 4 ޓީމް ބައިވެރިވެފައި ވެއެވެ.
މި މުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެޓަގަރީއަކީ އޯޕަން އަންހެން/ފިރިހެން، 13 އަދި 15 އަހަރުން ދަށުގެ އަންހެން/ފިރިހެން ކެޓަގަރީންނެވެ.
އެގޮތުން އޯފަން ކެޓަގަރީން ފިރިހެނުންގެ ބައިން ކުޅުދުއްފުށީ 5 ޓީމް، މާލެއިން 1 ޓީމް ބައިވެރިވެފައި ވެއެވެ. އަދި އަންހެނުންގެ ބައިން ބައިވެރިވެފައިވަނީ ކުޅުދުއްފުށިން 3 ޓީމެވެ.
13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ކުޅުދުއްފުށިން 20 ޓީމް މާލެއިން 1 ޓީމް ބައިވެރިވެފަ އެވެ. 13 އަހަރުން ދަށް އަންހެން ކުދިންގެ ބައިން ބައިވެރިވެފައިވަނީ 18 ޓީމެވެ. އެއީ ކުޅުދުއްފުށިން 17 ޓީމް މާލެއިން 1 ޓީމެވެ.
15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ކުޅުދުއްފުށިން 3 ޓީމް ބަިވެރިވެފައިވާއިރު 15 އަހަރުން ދަށް އަންހެން ކުދިންގެ ބައިން ބައިވެރިވެފައިވަނީ ކުޅުދުއްފުށިން 1 ޓީމް މާލެއިން 1 ޓީމެވެ.
13 އަހަރުން ދަށުން މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަކީ 2006 ވަނަ އަހަރާއި އޭގެ ފަހުން އުފަން ވެފައިވާ ފަރާތްތަކަށް ވާންވާނެ ކަމަށާއި 15 އަހަރުން ދަށުގެ ކެޓަގަރީން ބައިވެރިވާ ފަރާތްތަކަކީ 2004 ވަނަ އަހަރާއި އޭގެ ފަހުން އުފަން ވެފައިވާ ފަރާތްތަކަށް ވާންވާނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
އަދި މުބާރާތުގައި ބައިވެރިވާ ޓީމްތަކަށް ނަން ދެއްވާއިރު ސްކޫލްތަކުގެ ނަން ނުހިމެނޭ ގޮތަށް ނަން ދެއްވުމަށް ސަމާލުކަން ދެއްވުމަށް ބާސްކެޓް ބޯލް އެސޯސިއޭޝަނުން އެދެއެވެ. އަދި މި ޓީމް ތަކުގައި ހިމަނާ ކުޅުންތެރިން ވާންވާނީ 3 އޮން 3 ޕްލެނެޓްގައި ރެޖިސްޓަރ ކުރެވިފައިވާ ކުޅުންތެރިންނަށް ވާން ވާނެ ކަމަށްވެސް އެ އެސޯސިއޭޝާންއިން މައުލޫމާތު ދެއެވެ.
ޑަބުލިއު ސްޕޯޓްސް އެކަޑަމީއާ ގުޅިގެން ބާއްވާ މިމުބާރާތް މިއަދު ހަވީރު 4:15 އަށް ފަށަން ތާވަލްކޮށްފައިވާއިރު މުބާރާތް ކުރިއަށްދާނީ ސްޑޭޓިއަމް ވޮލީކޯޓާއި ދިމާ އަމީނީމަގުގަ އެވެ.