މިދިޔަ މާޗު މަހު މީރާއަށް 1.51 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފި އެވެ.
އެ އިދާރާއި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 2.1% ދަށް އަދަދެއް ކަމަށާއި މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 15.1% ދަށް އަދަދެއް ކަމަށެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި މި އަހަރުގެ ފެބުރުވަރީ މަހު ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ވޭތުވެދިޔަ އަހަރަށްވުރެ 16% އިތުރުވެފައިވީނަމަވެސް މާރިޗު މަހުގެ އާމްދަނީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ ދަށްވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ ދައްކަންޖެހޭ ބައެއް ފަރާތްތަކުން ޖީ.އެސް.ޓީ ދައްކާފައިނުވުމެވެ.
މީގެ އިތުރުން މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދަށްވެފައިވާ ސަބަބަކީ ޖީ.އެސް.ޓީ އަދި ރިޒޯޓުތަކުގެ ކުލި ދައްކަންޖެހޭ ބައެއް ފަރާތްތަކުން ސުންގަޑިއަށް ފައިސާ ދައްކާފައިނުން ކަމަށްވެސް މީރާއިން މައުލޫމާތު ދެއެވެ.
މާރިޗު 2019 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %48.4 ނުވަތަ 732.11 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް އިންނެވެ. އެއީ 23.5% ނުވަތަ 355.86 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ބީ.ޕީ.ޓީގެ ގޮތުގައި 87.04 މިލިއަން ރުފިޔާ (5.8%)، ގްރީން ޓެކްސްގެ ގޮތުގައި 83.17 މިލިއަން ރުފިޔާ (5.5%)، އެއަރޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 67.33 މިލިއަން ރުފިޔާ (4.5%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 187.03 މިލިއަން ރުފިޔާ (12.4%) ހިމެނެއެވެ.
މާރިޗު 2019 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 72.1 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.