އެމެރިކާގެ ފުލޮރިޑާގެ އަވަށެއްކަމުގައިވާ އަލަޗުއަގައި ޖަނަވާރު ގެންގުޅޭ މީހަކަށް އޭނާ ގެންގުޅޭ ދޫންޏެއް ހަމަލާދީ މަރާލައިފި އެވެ.
މި ހާދިސާގައި މަރުވެފައިވަނީ މަރުވިން ހަޖޯސް ކިޔާ އުމުރުން 75 އަހަރުގެ ފިރިހެނެކެވެ. މަރުވިން، މަރުވެފައިވަނީ ދޫނި ހަމަލާ ދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ހޮސްޕިޓަލުގައެވެ.
އެ އަވަށުގެ ނޫހެއް ބުނާ ގޮތުގައި މަރުވިން އަކީ އާންމުކޮށް މީހުން ނުގެންގުޅޭ ތަފާތު ވައްތަރު ޖަނަވާރު ގެންގުޅުމަށް ޝައުގުވެރިކަން ހުންނަ މީހެއް ކަމަށެވެ. އެ އަވަށުގެ ޑެޕިއުޓީ ޗީފް ބުނާގޮތުގައި މަރުވިން، މަރުވިކަމަށް ބެލެވެނީ އެ ދޫނި ދިރިއުޅޭ ސަރަހައްދަށް ވެއްޓުމުން ދޫނި އައިސް ހަމަލާދިނުންނެވެ.
ކަސޯވަރީއޭ ކިޔާ މި ދޫންޏަކީ އެންމެ ބޮޑެތި ދޫނިތަކުގެ ތެރޭގައި ހިމެނޭ ދޫންޏެކެވެ. މިދޫނި އެންމެ ބޮޑުވާއިރު ބަރުދަނުގައި 45 ކިލޯއަށްވުރެ ބަރުވާ މި ދޫންޏަކީ ގަޑިއަކު 50 ކިލޯ މީޓަރަށް ދުވުމުގެ ގާބިލުކަން ލިބިފައިވާ ދޫންޔެކެވެ. އަދި ފައިގައި 5 އިންޗި ދިގު ވަކިތަކެއް ހުރެއެވެ.
އެމެރިކާގައި މި ބާވަތުގެ ދޫނި ގެންގުޅުމަށް ހާއްސަ ހުއްދައެއް ނަގަން ޖެހެއެވެ. މި ދޫނި ޕޮލިހުންގެ ބެލުމުގެ ދަށަށް ނުގެންދާއިރު ދޫނި އަދިވެސް ހުރީ ހާދިސާ ހިނގި ސަރަހައްދުގައި، އެ ދޫނި ގެންގުޅުމަށް މަރުވިން ހަދާފައިވާ ތަނުގައި ކަމަށް ޕޮލިހުން ބުނެއެވެ.