އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ގުޅިގެން ނެރުއްވި "ބޮޑު ބަދަލު" ގެ ސިޔާސަތުތަކަށް ކޮންގްރެސްގެ ރުހުން ހޯދަން ހުށަހެޅި ކަރުދާސް މިއަދު އެ ޕާޓީން އާންމުކޮށްފި އެވެ.
އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހަޅަން ބޭނުންވާ އިސްލާހުތައް ހުށަހެޅުމަށް އެ ޕާޓީން ހުޅުވައިލި ފުރުސަތުގައި ލިބުނު ހުށަހެޅުންތައް އެމްޑީޕީން މިއަދު ވަނީ އާންމު ކޮށްފަ އެވެ.
އޭގެ ތެރެއިން އެއް ކަރުދާހަކީ ފައްޔާޒް ހުށަހަޅުއްވައި ކުރީގެ މެންބަރު އިލްޔާސް ލަބީބް ތާއީދު ކުރައްވާފައިވާ "ބޮޑު ބަދަލު" ސިޔާސަތު ކަރުދާހެވެ.
މި ބަދަލުތައް އިއުލާން ކުރެއްވި ދުވަހު ފައްޔާޒް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ވެސް އިއުލާން ކުރައްވައިފަ އެވެ. އަދި އޭނާ އެމްޑީޕީގެ ޕްރައިމަރީ އާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ދައުލަތުގެ އިސްވެރިއެއްގެ ގޮތުގައި ނަޝީދު ހުންނަވަން ބޭނުންވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ނަޝީދު ވެސް ވަނީ ޕްރައިމަރީގައި ފައްޔާޒަށް ތާއީދު ކުރަން ނިންމަވައިފަ އެވެ




