twitterviber whatsapp telegramfacebookyoutube instagram
15th September 2026

ރާއްޖެއާއި މެލޭޝިއާއާ ދެމެދު ޚާއްސަ ވިޔަފާރި އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާކުރެވުނު: ރައީސް

ނަބީލާ އިސްމާޢީލް
Sep 15, 2026

ރާއްޖެއާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ފުޅާކުރުމުގެ ގޮތުން، ހާއްސަ ވިޔަފާރި އެއްބަސްވުމެއް ނުވަތަ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓެއް އެކުލަވާލުމަށް ޓަކައި މަޝްވަރާތައް ފެށުމަށް ދެ ގައުމުން އެއްބަސްވެއްޖެކަން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރެއްވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، މީޑިއާއަށް ދެއްވި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

ދެ ގައުމުގެ ވިޔަފާރީގެ ގުޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން، އިގްތިޞާދީ އެއްބާރުލުން އިތުރަށް ފުޅާކުރުމަށް ޓަކައި އަމަލީ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

ރާއްޖޭގެ އިގްތިޞާދީ މުހިންމު ދާއިރާތަކުގައި އިންވެސްޓް ކުރުމުގެ ފުރުސަތު މެލޭޝިއާގެ ސަރުކާރަށާއި ވިޔަފާރިވެރިންނަށް ހުޅުވިފައިވާ ކަމަށާއި އިއާދަކުރަނިވި ހަކަތައާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗާ، ޢިމާރާތްކުރުމުގެ ދާއިރާ އަދި އިސްލާމިކް ފައިނޭންސް ފަދަ ސްޓްރެޓީޖިކް ދާއިރާތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް އެމަނިކުފާނު ވަނީ މެލޭޝިއާގެ ވިޔަފާރިވެރިންނަށް ދައުވަތު އަރުވާފައެވެ.

ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް އަލިއަޅުއްވާލައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މިއީ ހަމައެކަނި ހާރިޖީ ގުޅުމެއް ނޫން ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި ވަނީ އެއް އަމާޒަކަށް މަސައްކަތްކުރާ އުޚުއްވަތްތެރިކަމުގެ ބަދަހި ގުޅުމެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކުރިއެރުމަށް މެލޭޝިއާއިން އަބަދުމެ ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށާއި މެލޭޝިއާގެ ސަރުކާރަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293