ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން ކާމިޔާބު ކަމާއެކު ހައިސްޕީޑް ފައިބަރ އިންޓަރނެޓް މުޅިރާއްޖޭގެ ގޭބިސީގެ 75 ޕަސެންޓަށް އަށް ފޯރުކޮށްދީފިއެވެ.
މި ތާރީހީ ލަނޑުދަނޑި ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ވަނީ 14 އެޕްރީލް 2019 ވަނަ ދުވަހުގެރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ހާއްސަ ހަފްލާއެއް ބާއްވާފައިއެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ސާލިހެވެ.
މިއީ ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހައިސްޕީޑް ފައިބަރ އިންޓަރނެޓް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެކެވެ.
2012 ވަނަ އަހަރު ދިރާގުން ރާއްޖޭގެ އުތުރުން ދެކުނަށް ސަބްމެރިން ކޭބަލް އެޅުމަށް ހިންގި ޑޮމެސްޓިކް ސަބްމެރިން ކޭބަލް ޕްރޮޖެކްޓަކީ ރާއްޖޭގެ މުވާސަލާތީ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތެވެ. މި މަޝްރޫޢު ނިންމާލެވުނުއިރު ހއ. އަތޮޅުން ފެށިގެން އައްޑުއަތޮޅާ ދެމެދުގައި 1253 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލް އަޅައި ވަރުގަދަ މުވާސަލާތީ ވިއުގައަކުން ވަނީ މުޅި ރާއްޖެ ގުޅުވާލާފައިއެވެ.
2016 ވަނަ އަހަރު ދިރާގުން ވަނީ މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ދިވެހިރާއްޖެއަށް ފައިބަރ ބޮރޯޑްބޭންޑް ތައާރަފުކޮށްފައެވެ. އަދި ކުޑަ މުއްދަތެއްގެ ތެރޭގައި މިވަނީ ރާއްޖޭގެ ގޭބިސީގެ %75 އަށް މި ހިދުމަތް ފޯރުކޮށްދީފައިއެވެ. ސަބްމެރިން ކޭބަލް ވިއުގަ އަކީ މިއަދު ދިރާގުން ބިނާކުރަމުން މިގެންދާ ޑިޖިޓަލް ރާއްޖޭގެ ބިންގަލެވެ.
ދިރާގުން ވަނީ ރާއްޖޭގެ މުވާސަލަތީ ސިނާއަތަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައިއިއެވެ.
ރާއްޖެ ފަދަ އާބާދީ ކުޑަ ޖަޒީރާ ގައުމަކަށް މުވާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކާއެކު ވެސް ދިރާގުން ވަނީ އާބާދީ ބޮޑެތި ރަށްރަށުން ފެށިގެން އާބާދީ ކުޑަ ރަށްތަކަށް ވެސް މުވާސަލާތުގެ އަސާސީ އޮނިގަނޑު ގާއިމުކޮށްފަ އެވެ.