ހާޖީ މެޑިކަލް ކްލިނިކް ކުޅުދުއްފުށީގައި ހުޅުވީ މިދިޔަ އަހަރުގެ އޯގަސްޓް 10 ވަނަ ދުވަހު އެވެ. އެ ކްލިނިކް ހުޅުވިތާ އިއްޔެއަށް އަހަރެއް ވީއިރު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ރައްޔިތުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.
ދަތުގެ ފަރުވާގެ ޚިދުމަތްތަކާއެކު ފެށި މި ކްލިނިކްގައި ރޫޓް ކެނަލް ހެދުން، ފަނިކައިފައި ހުންނަ ދަތްތަކަށް ފަރުވާ ދިނުން، ދޯރިލެއްވުން، ދަތް ސާފު ކުރުމާއި ހުދުކުރުމުގެ ޚިދުމަތް ދެމުންގެންދެއެވެ. އަދި މާލެ އާއި ރާއްޖެއިން ބޭރުގެ ކްލިނިކްތަކާއި ގުޅިގެން ދަތް އަދި ދަތްޕިލާ ހެދުމުގެ ހިދުމަތްވެސް އަންނަނީ ދެމުންނެވެ. މިކަމުގެ ސަބަބުން ރަށުން ބޭރަށް ނުގޮސް ރަށުގައި ތިބެގެން ޒަމާނީ ހިދުމަތްތައް ލިބުމަށް ވަނީ މަގު ފަހިވެފައެވެ.
ދަތުގެ ފަރުވާގެ އިތުރުން އެކި ބަލިތަކަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުން ވެސް ކުޅުދުއްފުށީގައި ހުންނަ މިކްލިނިކަށް އައިސް ފަރުވާ ދެއްވައެވެ.
އެގޮތުން ރާއްޖޭގައި އެންމެ ފުންނާބު އުސް ތަޖުރިބާކާރު ކުޑަކުދިންގެ ޑޮކްޓަރު ޑރ. އަފީފް އާއި މަގުބޫލު ކަރުންމަތީގެ ޑޮކްޓަރު މަޢުރޫފު ވެސް ވަނީ އެކިފަހަރު މަތިން ޒިޔާރަތްކޮށް ހިދުމަތް ދެއްވާފައެވެ. މީގެ އިތުރުން ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ އެތެރެހަށީގެ ޑރ މުހައްމަދު ފައިޝަމް އާއި ކިޑްނީ އަދި އެތެރެހަށިގެ ޑރ އަހުމަދު އަބުދުﷲ އަދި ފުއްޕާމޭގެ ޑރ ނަޒްމީ އަބުދުލް ލަތީފް ފާހަގަކޮށްލަމެވެ.
ޑރ ނަޒްމީ ބައްލަވައި ދާއިރާތަކުގެ ތެރޭގައި ނޭވާހިއްލުމާއި ނިއުމޯނިއާ، ދުމުންޖެހޭ ފުއްޕާމޭގެ ބަލިތަކާއި ޓީބީ، ނޭވާހޮޅި ދުޅަވުމާއި ފުއްޕާމޭގެ ދުލި ދުޅަވުން ފަދަ ފުއްޕާމެއާ ގުޅުން ހުރި ގިނަ ބަލިތައް ބައްލަވަ އެވެ. ނާރުގެ ބަލިތަކާއި ގޭހުގެ އުނދަގުލާއި ހުޅުތަކުގައި ރިއްސުމާއި ހިތުގެ ބަލިގެ ބަލިތަކާއި ކިޑްނީ އަދި ލޭމައްޗަށް ދިޔުންފަދަ ބަލިތައް ޑރ ފައިޝަމް އަންނަނީ ބައްލަވަމުންވެ.
ކިޑްނީ އަދި އެތެރެހަށީގެ ޑރ އަހުމަދު އަބުދުﷲ ކިޑްނީގެ ތަފާތު ބަލިތައް ބައްލަވަ އެވެ. އޭގެ ތެރޭގައި ކިޑްނީގެ މަސައްކަތް ދަށްވެފައިވާ ހުރުމާއި ކިޑްނީ ބައްދަލުކުރުމާ ގުޅޭ ފަރުވާ އާއި ހީމޯޑައިލިސް، ޕެރިޓޯނިއަލް ޑައިލިސިސް އަދި ކިޑްނީގައި ހިލަ އުފެދުމާއި ކުޑަކަމުދާ ނިޒާމުގެ އިންޕެކްޝަންތައް ހިމެނެ އެވެ.
ހާޖީ މެޑިކަލް ކްލިނިކް އަންނަނީ ރައްޔިތުން ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާތު ޕްރޮގްރާމްތައް ވެސް ހިންގަމުންނެވެ. މިގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރަންޖެހޭ ކަންތައްތައް ހަނދާން ކޮށްދިނުމާއި ބަލިތަކާއި ދުރުވުމަށް ގެންގުޅެންޖެހޭ އާދަތައް ކޮންމެ ހަފްތާއަކު ހެން ޕޯސްޓް ކުރެއެވެ.
"އަދި ކިރިޔާ އަސްލު ކުޅުދުއްފުށީގައި ކްލިނިކެއް ހުންނަ ކަމުގެ އިހުސާސް ކުރެވެން ފެށީ. ވަރަށް މުހިއްމު މައުލޫމާތު މި ޕޭޖްއިން އެބަ ލިބޭ." ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް ފޭސްބުކް ޕޭޖްގައި ޖަހާފައި ހުރި ޕޯސްޓަކަށް ރައްޔިތަކު ކޮމެންޓް ކޮށްފައިވެއެވެ.
ހާޖީ މެޑިކަލްއިން އަންނަނީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކަސްޓަމަރުންގެ ފީޑްބެކް ވެސް ނަގަމުންނެވެ. "ވަރަށް ރަނގަޅު ފީޑްބެކް ލިބޭ. އަދި ރަނގަޅު ކުރަންޖެހޭ ކަންތައްތައްވެސް ފީޑްބެކް ބެލުމަށްފަހު ރަނގަޅު ކުރުމަށް ފަސޭހަވޭ" ހާޖީ މެޑިކަލް ކްލިނިކްގެ މެޑިކަލް ޑިރެކްޓަރު ނަސްރުއްދީން ޙަސަން ވިދާޅުވި އެވެ.
ކްލިނިކް ހިންގާތާ އަހަރެއް ވީއިރު ކްލިނިކްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އާސަންދައަށް އާ ކްލިނިކްތައް އޮންބޯޑްކުރުން ސަރުކާރުން ހުއްޓާލާގައި އޮތުމެވެ. ނަމަވެސް ކައިރި މުސްތަގްބަލެއްގައި އަލުން ފަށާނެކަމުގެ ފެހިސިގްނަލް ލިބިފައިވާ ކަމަށް އެ ކްލިނިކް އިން ހާމަ ކުރެއެވެ.
"ނަރުގަނޑު އެޅުވުމުގެ ހިދުމަތް ދޭން މިހާރު މިވަނީ ތައްޔާރުވެފައި. ވަރަށް އަވަހަށް އެ ހިދުމަތް ފެށިގެން ދާނެ." ނަސްރުއްދީން ވިދާޅުވި އެވެ.
އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ ފަރާތުން ލިބުނު ލޮއެއްބާއި އިތުބާރަށްޓަކާ ޝުކުރުއަދާކުރަމެވެ. ހާޖީ މެޑިކަލް ކުލިނިކުން ދެމިތިބޭނީ ރައްޔިތުންނަށް ޒަމާނީ އިތުރުބާރުކުރެވޭ ހިދުމަތެއް ޔަގީންކަމާއެކު ފޯރުކޮށްދިނުމުގެ އަޒުމުގައި އެވެ.