ޒުވާން ފިރިހެން ނަރުސް، އުދެއިޝަން މުހަންމަދު (އުދޭ) ވަނީ މިދިޔަ އަހަރުވެސް ކުޅުދުއްފުށީ ސްކޫލުތަކަށް ޒިޔާރާތްކޮށް ނަރުސްކަމަށް ފިރިހެން ކުދިން މޯޓިވޭޓްކުރުމަށް ތަފާތު ޕްރޮގުރާމުތަކެއް ކުރިއަށްގެންގޮސްފަ އެވެ. އެގޮތުން އެ ޕްރޮގުރާމުގައި އުދޭއާ އޭނާގެ ބައިވެރިންވަނީ ފިރިހެނުން ނަރުހުންގެ ވަޒީފާއަށް ޝައުގުވެރިކުރުމަށް ދަރިވަރުންނަށް މައުލޫމާތުދީ، އެދާއިރާގައި ފިރިހެނުންނަށް ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ދީފަ އެވެ.
ށ ފޯކައިދޫއަށް އުފަން އުދޭ އަނެއްކާވެސް މިވަނީ ފިރިހެނުން ނަރުސްކަމަށް ނެރެން ގެތަކަށް ޒިޔާރާތްކޮށް ޑޯޓްޑޯ ޕްރޮގުރާމެއް ޖައްސަން ނިކުމެފަ އެވެ. " މޭލް ނަރސަސް ޕްރޮމޯޓިންގ އިވެންޓް- ޑޯޓްޑޯ" ކެމްޕެއިންގެ ދަށުން މިއަދު ފެށި މިޕްރޮގުރާމުގައި އުދޭއާއެކު ސްކޫލް އޮފް ނާރސިންގ ކުޅުދުއްފުށީ ކެމްޕަސްގައި ނާސިންގ ދާއިރާއިން ކިޔަވާ 6 ފިރިހެން ނަރުހުންވެސް ބައިވެރިވެ އެވެ.
ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކެމްޕެއިން އުދޭގެ ޓީމުން ގެތަކަށް ޒިޔާރާތްކޮށް ނަރުހުންގެ ދާއިރާއަކީ ހަމައެކަނި އަންހެނުންނަށް ހާއްސަ ދާއިރާއެއް ނޫންކަމާއި އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންނަށްވެސް މިދާއިރާގައި ހަމަހަމަކަމާއެކު އުޅެވޭނެކަން ހާމަކޮށްދީ ހޭލުންތެރިކުރުވާނެ އެވެ.
އުދޭ ކޭއޯއަށް ބުނީ މި ކެމްޕެއިންގެ އެންމެ މުހިންމު މަގުސަދަކީ ރާއްޖޭގައި ފިރިހެން ނަރުހުން އިތުރުކުރުން ކަމަށެވެ. ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގައި ފިރިހެން ނަރުހުންގެ މުހިންމުކަން އޭނާ ފާހަގަކުރި އެވެ. މިއަދު މިފެށި ކެމްޕެއިން ވަރަށް ކާމިޔާބުކަމަށާއި ވަރަށް ބޮޑު ތަރުހީބެއް ރައްޔިތުންގެ ފަރާތުން ލިބުނުކަމަށެވެ.
މިއަދު 100 ގެޔަށް އުދޭގެ ޓީމުން ޒިޔާރަތްކޮށްފައިވާއިރު އަމާޒަކީ 7 ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގެ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، ހޭލުންތެރިކުރުމުގެ މި ޕްރޮގުރާމު ކާމިޔާބުކަމާއެކު ނިންމާލުން ކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރާ ހަމައެކަނި ފިރިހެން ދިވެހި ނަރުހަކީ އުދޭ އެވެ. އޭނާއަކީ ރާއްޖޭގެ ފިރިހެން 6 ވަނަ ނަރުހެވެ. އުދޭގެ މިމަސައްކަތަށް މިދިޔަ އަހަރުވެސް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދަފަ އެވެ. އެތަކެއް ބައެއް ވަނީ އޭނާ ތައުރީފްކޮށް ހިތްވަރުދީފަ އެވެ.