ރޯދައަށް އެސްޓީއޯއިން ކުޅުދުއްފުއްޓަށް އެތެރެކުރި ފިޔާ، އަލުވި އަދި ބިސް މާލެއާ އެއްއަގަކަށް ތިރިކޮށް މިއަދު ވިއްކަން ފަށައިފި އެވެ.
އެސްޓީއޯއިން ކުޅުދުއްފުއްޓަށް ގެނައި މިތަކެތި ވިއްކަމުންގޮސްފައިވަނީ މާލޭގައި މިތަކެތި ވިއްކި އަގަށްވުރެ ބޮޑުކޮށްނެވެ. އެގޮތުން ފިޔާ ބަސްތާއެއް 150ރ، ބިސް ކޭހެއް 300ރ އަދި އަލުވި ބަސްތާއެއް ވިއްކާފައިވަނީ 200ރ އަށެވެ.
ނަމަވެސް މިއަދުން ފެށިގެން މިތަކެތީގެ އަގު ވަނީ މާލޭގައި ވިއްކާ އަގަށް ތިރިކޮށްފަ އެވެ. އެގޮތުން މިހާރު ފިޔާ ބަސްތާއެއް 140ރ އަށް، އަލުވި ބަސްތާއެއް 180 އަދި ބިސް ކޭހެއް 270ރ އަށް ވަނީ ހެޔޮކޮށްފަ އެވެ.
ރޯދައަށް އަގުހެޔޮކޮށް ވިއްކުމަށް އެސްޓީއޯއިން ގެނައި މި ޝިޕްމެންޓް ގެނެސްފައިވަނީ ސީދާ އިންޑިޔާއިން ކުޅުދުއްފުށީ ޕޯޓަށެވެ. މިސަރަހައްދުގެ ރައްޔިތުންނަށް ވިއްކުމަށް ގެނައި މިތަކެތި މާލޭގައި އެސްޓީއޯއިން ވިއްކަމުންދާ އަގާ ތަފާތުކަން ފާހަގަކުރެވިގެން ގިނަ ބަޔަކު ވަނީ ފާޑުވެސް ކިޔާފަ އެވެ.
ކަސްޓަމަރަކަށް ފަހަރަކު ދޫކުރަނީ ދެ ބަސްތާ ފިޔާ އާއި ދެ ބަސްތާ އަލުވި އަދި ބިސްކޭހެކެވެ.
ތިނެއްގެ ފަހުން އަންނަ އޯޑަރުތަކަށް ޑެލިވަރީ ނުކޮށްދޭނެއިރު ހަވީރު 6 ޖަހަންދެން ފިހާރަ ހުންނާނީ ހުޅުވާފަ އެވެ. އަދި ރޭގަނޑު 8:15 - 10:00 އަށް ހުޅުވާފައިހުންނާނެކަމަށް އެސްޓީއޯއިން ބުނެ އެވެ.