ދުނިޔެ ހޫނުވަމުންދާ ވަރަކަށް އަހަރެމެން ފެނަށް ބޭނުންވާ ވަރު ދާނީ އިތުރުވަމުންނެވެ. ސާފު ބޯ ފެނަކީ ދަތި އެއްޗަކަށްވަމުން ދާއިރު ކުރިއަށް އޮތް ތަނުގައި މިކަންދަނީ އިތުރުވާނެކަމަށް ސައިންސްވެރިން ބުނެއެވެ.
އެގޮތުން ލޮނުފެން ބޭނުން ކުރުމަށްޓަަކައި ލޮނު ފެނުން ލޮނު ވަކިކޮށްލުމަށް އެކި ދިރާސާތައްކޮށް ތަހުލީލުތައް ސައިންވެރިން ދަނީ އަބަދުވެސް ކުރަމުންނެވެ.
މި މަސައްކަތަށް މިހާރު މިވަނީ ކާމިޔާބެއް ލިބި ކުރިއަށްދާނެ މަގެއް ސައިންސްވެރިން ހޯދާފައެވެ. ކޮލަމްބިއާގެ ޔުނިވާރސިޓީގެ ސައިންސްވެރިންތަކެއް މިކަން ކާމިޔާބުކޮށްފައިވާއިރު އެމީހުން ލޮނު ފެނުން ލޮނުވަކިކޮށްލުމަށް ހެދި ޕްރޮސެސްއަށް ދީފައިވާ ނަމަކީ "ޓެމްޕަރޭޗަރ ސްވިންގ ސްލޯވެންޓް އެކްޓްރެކްޝަން (ޓީއެސްއެސްއީ)" އެވެ.
ޓީއެސްއެސްއީ ޑިޒައިންކޮށްފައިވަނީ މޫދުގެ ލޮނުފެނަށް ވުރެ ހަތް ގުނަ ލޮނުގަދަ ފެނުންވެސް ލޮނުވަކިކޮށްލެވޭ ގޮތަށެވެ. އެހެން ކަމުން މި ޕްރޮސެސްއިން ހައިޕަރސެލިން ބްރައިންސް ވެސް ސާފު ކުރެވޭނެ އެވެ.
ޕްރޮސެސްއިން ހައިޕަރސެލިން ބްރައިންސް އަކީ އިންޑަސްޓްރީސްތަކުގައި ތެޔޮ ނުވަތަ ގޭސް އުފައްދަމުން ދާއިރު އުފެދޭ ފެނެކެވެ. އަދި މި ފަދަ ފެނަކީ ބިމަށް އެޅޭ އެންމެ ނުރައްކާތެރި ފެންވެސް މެއެވެ.
މި ޕްރޮސެސްގެ ތެރެއިން ސްލޮވެންޓް ކިޔާ ދިޔާ ކެމިކަލްއެއް ހައިޕަރސެލިން ބްރައިންސްއާއި ތެރެއަށް އަޅާ ހޫނުކޮށްލައެވެ. މި ދެ މާއްދާ އެއްފުޅިއަކަށް އެޅުމުންވެސް އެކަތި އަނެއްކެއްޗާ އެއްނުވާކަން ފާހަގަ ވެއެވެ.
އެއަށްފަހު ވަކިން ފުޅިއަކަށް ސްލޮވެންޓް ނަގާފައި އަލުން ހޫނު ކުރެއެވެ. ފަހުން ހޫނުކޮށް ފައިނަގާއިރު ސްލޮވެންޓް ކެމިކަލް ދަށުން ފެން ފަށަލައެއް ފުޅީގައި ފެންނަން ހުރެއެވެ. މި ޕްރޮސެސް ނިމުން އިރު އެ ފެނުން 98.4 ޕަސެންޓް ލޮނު ވަނީ ދުއްވާލެވިކަމަށް ސައިންސްވެރިންގެ ޓީމުން މައުލޫމާތު ދިނެވެ.
އެގޮތުން މިހާރު މަސައްކަތް ކުރަނީ ބޭކާރުވާ ފެންނުން ރީތިފެން އުފައްދާ މިފަދަ ފެނަކީ އިންސާނުންނަށް ބޭނުން ކުރެވިދާނެ ފެނެއްތޯ ޓެސްޓް ކުރަމުންނެވެ.