ކަރާ ލިބުން ދަތިވެ ކުޅުދުއްފުށީ ބާޒާރުގައި ކަރާގެ އަގު އުފުލެން ފަށައިފި އެވެ. ކަރައަކީ ރޯދަމަހު ދިވެހިން ގިނަ އަދަދަކަށް ބޭނުންކުރާ މޭވާ އެކެވެ.
ރޯދަމަސް ފެށުނުއިރު ކުޅުދުއްފުށީގެ ބާޒާރުން ކަރާ ގަންނަށް ލިބެން ހުރީ ކިލޯއެއް 15ރ-20ރ އާ ދެމެދުގެ އަގުތަކެއްގައި އެވެ. ނަމަވެސް މިއަދު ބާޒާރުގައި ކަރާ ކިލޯއެއް އުޅެނީ 25ރ-35ރ ދެމެދުގެ އަގުތަކެއްގައި އެވެ.
ގިނަ ފިހާރަތަކުގައި ކަރާ ނެތްއިރު ކަރާ ލިބެން ހުރީވެސް ނިސްބަތުން ވަރަށް މަދު ފިހާރައަކުންނެވެ. ހުރި ފިހާރަތަކުގައި ކަރާ ހުރީ ވަރަށް މަދުން ކަން ފާހަގަކުރެވެ އެވެ.
ވިޔަފާރިވެރިންނާ ވާހަކަދައްކާލުމުން އެމީހުން ބުނީ ކަރާގެ އަގު އުފުލަން ފަށާފައިމިވަނީ އިއްޔެ ކަމަށާއި އަގުބޮޑުވަނީ ދަނޑުވެރިން ވިއްކާ އަގު ބޮޑުވުމުން ކަމަށެވެ. އަދި ކަރާ ލިބުމުގައިވެސް ދަތިތަކެއް ހުރުމުން ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
ކުޅުދުއްފުއްޓަށް ކަރާ އާންމުކޮށް އެތެރެކޮށް އުޅެނީ ތިލަދުންމަތީގެ ރަށްތަކުންނެވެ. ވިޔަފާރިވެރިން ބުނިގޮތުގައި މިސަރަހައްދުގައި މިއަހަރު އެންމެ ފުޅާ ދާއިރާއެއްގައި ކަރާ ހެއްދީ ގޮއިދޫގައި ކަމަށާއި އެހެން ރަށްތަކުގައި މިއަހަރު ކަރާ އެހާ ފުޅާދާއިރާއެއްގައި ހައްދާފައިނުވާ ކަމަށެވެ. ބޭނުންވާ ވަރަށް ކަރާ ނުލިބުމުންވެސް ބާޒާރުގައި ކަރާގެ އަގުއުފުލޭ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
ބައެއް ވިޔަފާރިވެރިން ބުނަނީ ބައެއް ދަނޑުވެރިން ތަކެތި ދޫނުކޮށް ހިފަހައްޓާ ކަމަށާއި އެއީ ހޮނިހިރު ބާޒާރަށް ގެނެސް ބޮޑުއަގުގައި ވިއްކުމުގެ ބޭނުމުގައި ކަމަށެވެ. ކަރާގެ އިތުރުން ރާއްޖޭގެ ދަނޑުތަކުގައި އުފައްދާ ތަކެތި މިއަހަރު ބާޒާރުގައި މަދުކަން ފާހަގަކުރެވެ އެވެ.