ޕްލާސްޓިކް ބޮޓަލްސް ކަލެކްޓިން ކޮމްޕެޓިޝަނަކާއެކު މި ފަހަރު ށ.ފޭދޫގައި އީދު ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާއި ރައްޓެހި ގޮތެއްގައެވެ.
ފޭދޫގެ އެންވަޔަރުމެންޓް ޑިވެލޮޕްމެންޓް އެސޯސިއޭޝަން (އެފްއީޑީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މިހަރަކާތުގެ ބޭނުމަކީ އީދު ފާހަގަ ކުރުމުގެ އިތުރުން ޕްލާސްޓިކް ބޭނުން ކުރުން މަދު ކުރުމާއި ބެހޭގޮތުން ރައްޔިތުންގެ މެދުގައި ހޭލުތެރިކަން އިތުރު ކުރުން ކަމަށް އެފްއީޑީއޭން މައުލޫމާދު ދެއެވެ.
އެ ޖަމިއްޔާގެ ރައީސް އިސްމާއިލް ފަޒީލް ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ ފޭދޫއަކީ ކުނިއެޅުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެއްކަމަށާއި، ހާއްސަކޮށް ކުޅިއެޅުމަށް ކުނި ކޮއްޓެއް ނެތުމަކީ ރަށަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.އެގޮތުން ގޭގެއިން އުކާލާ ކުނި އުކާލުމަށް ވަކި ހައްސަ ސަރަހައްދެއް ނޯންނަކަން ފަޒީލް ފާހަގަ ކުރިއެެވެ.
މީގެ އިތުރުން ފަޒީލް ވިދާޅުވީ މިކަމަކީ މުބާރާތެއްގެ ބަދަލުގައި އަމިއްލަ ފަރުދީ ޒިންމާއެއްކަމަށް ދެކިގެން، އެރަށެއްގެ ވެށިރައްކާތެރި ކުރުމަކީ ރައްޔިތުންގެ ކަމެއްކަމަށް ދެކިގެން މުބާރާތުގައި ބައިވެރިވުމަށް ޖަމިއްޔާއިން އެދޭކަމަށެވެ.
ދެވަނަ އީދު ދުވަހު ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވުމަށް މިމަހު 20 ހިސާބުގައި ހުޅުވާލާފައިވާއިރު އެންމެ ގިނައިން ފުޅި އެއްކުރެވޭ ޓީމުތައް ފާހަގަކޮށް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ ކުރިންވެސް އެފްއީޑީއޭން ވަނީ ދިރާގާއި ގުޅިގެން ކްލީނިން ޕްރޮގްރާމެއް އެރަށުގައި ހިންގާފަ އެވެ. އެ ޕްރޮގްރާމުގައި އެއްކުރި ޕްލާސްޓިކް ވަނީ ޕާލޭއާއި ގުޅިގެން ބޭރުކޮށްފައި ކަމަށާއި މިފަހަރު ވެސް މަސައްކަތް ކުރަނީ އެއްކުރާ ފުޅިތައް ރަށުން ބޭރުންކުރުމަށް ކަމަށް ފަޒީލް ވިދާޅުވި އެވެ.
އަދި ކުރިއަށް އޮތްތަނުގައި މިފަދަ ޕްރޮގްރާމުތައް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވަމުންދާކަމަށްވެސް ފަޒީލް ވިދާޅުވި އެވެ.