މޭ މަހު މީރާއަށް 1.09 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 3.4 އިންސައްތަ އިތުރު އަދަދެކެވެ.
އެ އޮތޯރިޓީއިން މައުލޫމާތު ދޭގޮތުގައި މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 5.5 އިންސައްތަ މަދު އަދަދެއް ކަމަށެވެ.
މީރާއިން ބުނި ގޮތުގައި ވޭތުވެދިޔަ އަހަރުގެ މޭ މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ މޭ މަހުގެ އާމްދަނީ އިތުރުވުމުގެ ސަބަބަކީ ވޭތުވެދިޔަ އަހަރުގެ މޭ މަހާއި އަޅައިބަލާއިރު ޓޫރިސްޓުން ރާއްޖެ އައިސްފައިވާ މިންވަރު 36.3 އިންސައްތަ އިތުރުވެފައިވުމުގެ ސަބަބުން ބީ.ޕީ.ޓީ، ޖީ.އެސް.ޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވުމެވެ. ނަމަވެސް މި އަހަރުގެ މޭ މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދައްވެފައިވުމުގެ މައިގަނޑު ސަބަބަކީ ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ލިބިފައިނުވުމެވެ.
މޭ މަހުގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 666.90 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީ އިންނެވެ.
އެއީ 95.40 މިލިއަން ރުފިޔާއެވެ. ގްރީން ޓެކުހުގެ ގޮތުގައި 77.66 މިލިއަން ރުފިޔާ އެއާޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 64.84 މިލިއަން ރުފިޔާ އެއާޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 64.27 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 116.62 މިލިއަން ރުފިޔާ ހިމެނެއެވެ. އަދި މޭ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 43 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.