ކުޅުދުއްފުށީގައި ހިންގި ޑީ-ލައިސަންސް ކޯސް ފުރިހަމަކުރި ފަރާތަކަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ. ތިން ދުވަހުގެ މުއްދަތަށް ހިންގި މި ކޯހަކީ ބަސީރު އެކަޑަމީއާ އެފްއޭއެމް ގުޅިގެން ކުރިއަށްގެންދިޔަ ކޯހެކެވެ.
މި ކޯސް ނިންމާ ސެޓްފިކެޓް ހަވާލުކުރުމަށް ރޭ ހދ ޓީއާރުސީގައި ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ ކުޅިވަރުގެ ގިނަ މުބާރާތްތަކެއް ޒުވާނުން ހިންގާ ކުރިއަށްގެންދާއިރު މިރަށަކީ ކުޅިވަރުގެ ދާއިރާގައި ނަމޫނާ ރަށެއް ކަމަށެވެ.
އެހެން ބައެއް ރަށްރަށުގައި ބާއްވާ ކުޅިވަރު މުބާރާތްތައް ހޫނުވެ މާރާމާރީ ހިންގައި މުދަލައެއް ގެއްލުންދޭތަން ފެންނަ ކަމަށާއި ނަމަވެސް މިރަށުގައި ކުޅިވަރު މުބާރާތްތަކުގައި އެފަދަ މަންޒަރުތައް ނުފެންނާތީ ޒުވާނުންނަށް އޭނާ ތައުރީފު ކުރެއްވި އެވެ. އަދި ބަސީރު އެކަޑަމީން އިންތިޒާމުކޮށްގެން މީހުން ބިނާކުރުމަށް މިފަދަ ޕްރޮގުރާމެއް ހިންގުމުން އެ އެކަޑަމީގެ ފައުންޑަރު ބަސީރު ޔޫސުފަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން މުހައްމަދު ޝާހިދު (ސާޑް) ކޯޗު ބުނީ ހޯދި ސެޓްފިކެޓް ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ބައިވެރިން ހިފުމަށް އެދުނެވެ. ހަތަރު ކަނބަލުން މި ކޯޗިން ކޯސް ފުރިހަމަ ކުރުމުން އެއީ ދިވެހި ފުޓްބޯޅައަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މި ކޯހުގައި 26 ފަރާތަކުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވާއިރު މީގެ ތެރެއިން ހަތަރު ފަރާތްތަކީ ކަނބަލުންނެވެ. މި ކޯސް ކިޔަވައިދެއްވީ އެފްއޭއެމްގެ ކޯޗުންކަމުގައިވަނީ މުހައްމަދު ޝާހިދު އާއި ހަމުދުﷲ ފެނާޑޯ އެވެ.