twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު އުވާލަންޖެހޭތަ؟

ބަދުރުއްދީން ޙަސަން
Jun 25, 2019
13

ވަރަށް ގިނަ ދުވަހުގެ މަސައްކަތުން ކުޅުދުއްފުށީގައި މިހާރު ވަނީ ލޯކަލް މާރުކޭޓެއް ހުޅުވާފައެވެ. ދާދިފަހުން ހުޅުވިގެން ދިޔަ ލޯކަލް މާރުކޭޓް ހުޅުވިގެން ދިއުމާއެކު އެންމެންވެސް ކުރަން ފެށި ސުވާލަކީ ކުޅުދުއްފުއްޓަށް ހާއްސަ "ހޮނިހިރު ބާޒާރު" ނުވަތަ "ސަޓަޑޭ މާކެޓް" އަށް ވެގެން ދާނީ ކިހިނެތް ބާއޭ މި ސުވާލެވެ. ސުވާލުގެ ޖަވާބު ކައުންސިލް އިން ވަނީ ވަރަށް ސާފުކޮށް ބުނެދީފަ އެވެ.

އެއީ ލޯކަލް މާރުކޭޓްގެ ހިދުމަތް މިހާރު ފެށިފައި ވާތީ، 7 ޖުލައި 2019 އިން ފެށިގެން، "ވަނި އިމާރާތުގެ ދެކުނު" ނުވަތަ ސަޓަޑޭ މާކެޓް އޮންނަ ސަރަހައްދުގައި ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ. މި ޖަވާބާއެކު ރައްޔިތުންގެ މެދުގައި މިހާރު ކުރެވެމުންދާ ބަހުސަކީ އެއީ އެކަންކުރަން އެންމެ ރަނގަޅު ގޮތްތޯ ނޫނީ ނޫންތޯ އެވެ. އެހެންކަމުން އަަޅުގަނޑުވެސް މި ބަހުސްގައި ބައިވެރިވެލަން ގަސްތުކުރަމެވެ.

ހޮނިހިރު ބާޒާރު

ހޮނިހިރު ދުވަހަކީ ކުޅުދުއްފުއްޓަށް ވިޔަފާރި ކުރަން ގިނަ އަދަދެއްގެ ދަތުރުވެރިން އަރާ ދުވަހެކެވެ. ހޮސްޕިޓަލުގެ ހިދުމަތާއި ވިޔަފާރީގެ އެކިއެކި ބޭނުންތަކަށް އެތައް ސަތޭކަ ބަޔަކު ކުޅުދުއްފުއްޓަށް އަރާ ދުވަހަކަށް ހޮނިހިރު ދުވަސް ވާނެއެވެ. އެދުވަސް އެންމެ ބޮޑަށް ހާއްސަވާ އެއްސަބަބަކީ ސަރަހައްދުގެ ރަށްތަކުގެ ދަނޑުވެރިން ތަފާތު ބާވަތްތަކުގެ ތަކެތި ވިއްކުމަށް އުފެދިގެންދާ ބާޒާރުގެ ސަބަބުންނެވެ.

މިކަމަށް ބޭނުން ކުރަން ފެށުނީ ހޮސްޕިޓަލުގެ އުތުރުން، އަދި ވަނި އިމާރާތުގެ ދެކުނުން އޮންނަ ހިތް ފަސޭހަ ސަރަހައްދެވެ. ހޮނިހިރު ދުވަހު ދަނޑުވެރިން އެތަނުގައި ވިއްކާތަކެތި ކުޅުދުއްފުށީ އާއްމު ރައްޔިތުންގެ އިތުރުން ވިޔަފާރި ތަކުންވެސް ގަނެ އެވެ. އަދި އެ ބާޒާރު ވެގެން ގޮސްފައިވަނީ ސަރަހައްދުގެ ގިނަ ބަޔަކު އެއްތަނަކުން ބައްދަލުވެ ސަލާން ގަލާން ކުރާ މަޖިލީހަކަށެވެ. އިޖްތިމާއީ ގުޅުންތައް އާލާވާ ހޮޅުއަށްޓަކަށެވެ. ހޮނިހިރު ދުވަހުގެ މި ބާޒާރުގެ މަޝްހޫރުކަން ގެނައުމަށާއި އެނަން ވައިގައި ހިއްޕުވުމަށް މިނޫހުންވެސް ތަފާތު ހަބަރުތަކާއި ރިޕޯޓްތައް ވާނީ ލިޔެފައެވެ.

ހޮނިހިރު ބާޒާރުން ތާޒާ ތަރުކާރީ އާއި މޭވާ، ވަޅޯ މަހާއި އަދި އެހެނިގެން ތައްޔާރީ ތަކެތި ކުޅުދުއްފުށީގެ ރައްޔިތުންނަށް ލިބެ އެވެ. ނަމަވެސް ހޮނިހިރު ބާޒާރުން ހަމައެކަނި ކުޅުދުއްފުއްޓަށް ލިބެނީ ކާބޯތަކެތި ގަންނަން ލިބޭތީ އެލިބޭފައިދާ އެކަންޏެއް ނޫނެވެ.

ހޮނިހިރު ބާޒާރު މިހާރު މިއީ ކުޅުދުއްފުށީގެ އެޓްރެކްޝަނެއް

ކުޅުދުއްފުށީ ހޮނިހިރު ބާޒާރުގެ ވާހަކަ މިހާރު ވަނީ ބޮޑުތިލަދުންމަތިން ނުކުމެ ރާއްޖޭގެ އެކިހިސާބުތަކުގައި ދެކެވޭ ވާހަކައަކަށް ވެފަ އެވެ. މާލެއިން ނުވަތަ ރާއްޖޭގެ އެހެން ހިސާބަކުން ކުޅުދުއްފުއްޓަށް އަލަށް އަންނަ ފަރާތްތަކަށް ހޮނިހިރު ބާޒާރު ވަނީ ވަރަށް ޝައުގުވެރި ކުރުވާ ކަމަކަށެވެ. މިއީ މިގޮތަށް ރާއްޖޭގެ ރަށެއްގައި އޮންނަ މިފަދަ އެންމެ ބޮޑު މާރުކޭޓެވެ.

ކުޅުދުއްފުއްޓަށް ޒިޔާރަތް ކުރުމަށްފަހު ހޮނިހިރު ބާޒާރު ފެނިފައި ތިބި އާއްމުންގެ އިތުރުން ރާއްޖޭގެ ކުންފުނިތަކުގެ އެންމެ އިސް ސަފުގައި މަސައްކަތް ކުރާ ބޭފުޅުންނާ އަޅުގަނޑާ ބައްދަލުވެފައި އެބަހުއްޓެވެ. އެފަރާތްތަކުން ހޮނިހިރު ބާޒާރުގެ ވާހަކަ ވަރަށް ޝައުގާއެކު ވަނީ ދައްކާފައެވެ. އެފަދަ ކޮންމެ ވަގުތެއްގައި ކުޅުދުއްފުށީ މީހެއްގެ ހައިސިއްޔަތުން ވަރަށް ބޮޑު އުފަލެއް ލިބެ އެވެ. އަޅުގަނޑުގެ ކައިރީގައި އެވާހަކަ ދައްކާނަމަ، އެހެން އެތައްބަޔެއްގެ ކައިރިގައިވެސް އެވާހަކަ ދައްކާނެއޭ ހިތަށް އަރައެވެ.

ރާއްޖޭގެ ބޮޑެތި ކުންފުނިތަކުންނާއި މުއައްސަސާތަކުން ވެސް ހޮނިހިރު ބާޒާރުގެ ބޭނުން ހިފައެވެ. ތަފާތު މައުލޫމާތު ދޭ ރޯޑްޝޯވ ތަކާއި ޕްރޮމޯޝަންތައް އެތަނުގައި ވަނީ ހިންގާފައެވެ. އެކަމުގެ ސަބަބުން ދޭން ބޭނުންވާ މައުލޫމާތު ގިނަ ބަޔަކަށް އެއްތަނަކުން ފޯރު ކޮށްދިނުމުގެ އިތުރުން ރައްޔިތުން ބޭނުންވާ ގިނަ މައުލޫމާތުތަކެއް ފަސޭހައިން ލިބުމަށް އެހީތެރިވެދެއެވެ.

ހޮނިހިރު ބާޒާރު އުވާލަންޖެހޭ ކަމަށް ދެކެވޭ ވާހަކަތައް

ޖެހިގެން ހުރި އިމާރާތުގައި ލޯކަލް މާރުކޭޓެއް ހިނގަމުން ދަނިކޮށް ހޮނިހިރު ބާޒާރު ބޭއްވުމަކީ ބައެއް މީހުންގެ ނަޒަރުގައި ލޯކަލް މާރުކޭޓް ގޮޅިތަކުގައި ކުލިދައްކައިގެން ވިޔަފާރި ކުރާމީހުންނަށް ގެއްލުން ލިބޭނެ ކަމެކެވެ. މިއީވެސް މުޅިއަކުން ގޯސް ވާހަކަ އެއް ނޫނެވެ.

ގޮޅިތަކަށް ކުލިދައްކައިގެން ދަނޑުވެރިން އަތުން ތަކެތި ގަނެގެން ބަޔަކު ވިއްކަމުން ދަނިކޮށް، އެއްވެސް ކުއްޔެއް އަދި ފީ އެއް ދެއްކުމެއް ނެތި، ސީދާ ތަކެތި ހައްދާ މީހުން ބާޒާރެއްގައި ތަކެތި ވިއްކާނަމަ، ގޮޅިތަކުގައި ވިއްކާ މީހުންނަށް ވުރެ ހެޔޮއަގުގައި ތަކެތި ވިއްކޭނެ އެވެ. އަދި ގޮޅިތަކުގެ މީހުންނަށް އެދުވަހުގެ ވިޔަފާރި ގެއްލޭނެ އެވެ. އަދި އެ ހަފްތާގެ ވިޔަފާރިއަށްވެސް ކޮންމެ ވެސް ވަރަކަށް އަސަރެއް ކުރުން އެކަށީގެންވެ އެވެ.

ނަމަވެސް މިގޮތަށް ވިސްނާނަމަ، ތަކެތިގަންނަން ތިބި އާއްމުންނަށް ވެސް ވިސްނަން ޖެހޭނެ އެވެ. ހޮނިހިރު ބާޒާރު އުވާލައި، ދަނޑުވެރިން ގެންނަ ތަކެތި ގޮޅިތަކަށް ވިއްކާ، ރައްޔިތުން ލޯކަލް މާރުކޭޓުން ގަންނަން ޖެހޭ ގޮތް ހަދައިފިނަމަ، ރައްޔިތުން ދައްކަންޖެހޭ އަގުވެސް ބޮޑުވާނެ އެވެ. އެހެންކަމުން ހުރިހާ ފަރާތަކަށް ވެސް މިއިން އެންމެ ގެއްލުން ކުޑަގޮތެއް ހޯދަން މުހިއްމެވެ.

ހޮނިހިރު ބާޒާރަކީ ހަފްތާއެއްގެ އެންމެ ދުވަހެއްގެ އެންމެ 5 ގަޑިއިރަށް ހިނގާ ކަމެއްގެ ގޮތުގައި އޮތުމުން ހުރިހާ ފަރާތަކަށް ވެސް ލިބޭ ގެއްލުން ކުޑަވާނެ އެވެ. އެކަމުން ވާނެ ގެއްލުމަށްވުރެ މުޅި މުޖުތަމައަށް އެކަމުން ކުރާނެ ފައިދާ ބޮޑުވާނެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަފްތާގެ ވަކި ދުވަހަކަށް ހާއްސަ މިފަދަ ބާޒާރުތައް އޮވެއެވެ. ނުވަތަ ހާއްސަ ތަކެތި ވިއްކާ ބާޒާރުތައް ވެސް މިގޮތަށް ހަފްތާގެ ވަކި ދުވަސްވަރެއްގައި ބާއްވައެވެ. މިފަދަ ބާޒާރުތައް އެ ތަންތަނުގައި ދެކެނީ އެ ސިޓީއެއްގެ ނުވަތަ އެ ޓްއުންއެއްގެ އެޓްރެކްޝަނެއް ގޮތަށެވެ. އެއީ ޓޫރިސްޓުން އެތަނަށް ހިތްޖެއްސުމަށް ބޭނުން ކުރާ އެއްޗަކަށް ހަދައެވެ. ޓޫރިސްޓް އެޓްރެކްޝަންތަކުގެ ތެރޭގައި މިފަދަ މާކެޓްތައް ހިމަނާފައި ވަރަށް ގިނައިން ހުންނާނެ އެވެ. ހެޔޮ އަގުގައި ތަކެތިގަންނަން ލިބުމާއި އިޖުތިމާއީ ފައިދާގެ އިތުރުން މިއީވެސް ހޮނިހިރު ބާޒާރުން ގެނެސްދޭ ފައިދާ އެކެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އަޅައި ލޯކަލް ޓޫރިޒަމަށް ފުރުސަތު ހުޅުވި ނުވަތަ ރާއްޖޭގެ އެހެން ހިސާބުތަކަށް ކުޅުދުއްފުށީގެ ހާއްސަކަން ވިއްކުމުގެ ފުރުސަތު ހުޅުވިފައިވާ މިދަނޑިވަޅުގައި ހޮނިހިރު ބާޒާރު ފަދަ ގިނަ ދުވަހުން ފައްކާ ކުރެވިފައިވާ ބްރޭންޑެއް އުވާލުމަށް ވިސްނުމަކީ އެންމެ ރަނގަޅު ގޮތްތޯ އަދި ވިސްނާލުން މުހިއްމެވެ. ހާއްސަ އެޓްރެކްޝަނެއް ގޮތުގައި އެތަން އޮތުމަކީ މުހިއްމު ކަމެކެވެ. އަދި ހޮނިހިރު ބާޒާރު މިހާރަށް ވުރެ ފުރިހަމަ ކުރެވިދާނެ ގޮތްތައްބަލާ، އެތަން "ހަގީގީ ލޯކަލް މާރުކޭޓެއް"ގެ ސިފައިގައި ބޭއްވުން އެއީ ކުޅުދުއްފުއްޓަށް އެއިން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފައިދާ ތަކެއް ލިބޭނެ ކަމެކެވެ. އާއްމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ވެސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355