ދުނިޔޭގެ އެއްވަނަ ކުޑަކުދިންގެ ޓީވީ ޗެނަލް ކަމަށްވާ ނިކަލޯޑިއަންގެ ޝޯވ ތައް މިހާރު ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމް މެދުވެރިކޮށް ބަލާލެވޭނެއެވެ. ނިކަލޯޑިއަން އަކީ ވައިކޮމް އިންޓަނޭޝަނަލް މީޑައާ ނެޓްވޯކްސްގެ (ވީ.އައި.އެމް.އެން) ދަށުން ހިންގާ ޗެނަލެކެވެ.
ވީއޯޑީ އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެއް ކަމަށާއި ދިރާގު ޓީވީ އިން މަސައްކަތްކުރަމުން ދަނީ ވީއޯޑީ ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ވާ "ވީއޯޑީ" ޖަހާފައިވާ ބަޓަން އަށް ފިއްތަވާލުމުން ވީއޯޑީ ކޮންޓެންޓްތައް ބައްލަވާލެވޭނެއެވެ.
ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމް އަށް ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ދިރާގު ޓީވީގެ "އިންޓްރޯ އޮފަރ" އަދި "ބޭސިކް ޕެކޭޖް" ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް 31 ޑިސެމްބަރ 2019 ގެ ނިޔަލަށް މުޅިން ހިލޭ ބޭނުން ކުރެވޭނެއެވެ.
ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ %72 ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.