twitterviber whatsapp telegramfacebookyoutube instagram
20th April 2024

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރަށްވުރެ ގިނަ ފުރުސަތުތައް ހޯދައިދޭނަން: ރައީސް

އަބްދުލް ވާހިދު ޙަސަން
Jul 8, 2019

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވެގެންދާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް މިހާރަށް ވުރެ މާ އުފާވެރި މާ ހިތްފަސޭހަ ދިރިއުޅުމެއް ފެނިގެން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާރވިސަސް އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލުން ގުޅިގެން ދޭ “ރިވެލި އެވޯޑް 2019” ދިނުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ޙަފުލާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، މިދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި އެވޯޑްތަކުގެ ތެރޭގައި ރިވެލި އެވޯޑާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑް ހިމެނެއެވެ. ޖުމްލަ 21 ފަރާތަކުން މިއެވޯޑްތައް މިފަހަރު ހާސިލްކޮށްފައިވެ އެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދަކީ، ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނެތި ހިދުމަތް ދިނުންކަމަށާއި އަދި ސަރުކާރުގެ ސިޔާސަތަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ރައްކާތެރިކަމާއި އަޅާލުން ދިނުންކަމަށެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު އައިޖީއެމްއެޗު ހޮސްޕިޓަލުގައި ހުޅުވި މެންޓަލް ހެލްތު ސެންޓަރަކީ މި ސިޔާސަތުގެ ތެރެއިން ގާއިމުކުރި މަރުކަޒެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް، އައިޖީއެމްއެޗު ހޮސްޕިޓަލުގައި މިހާރު އެންސްޕާ އާއި އާސަންދައިގެ ހާއްސަ ކައުންޓަރެއް ޤާއިމުކޮށް ހުދުމަތް ދޭން ފަށާފައިވާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން ނިސްބަތްވާ އާއިލާތަކަށް ދިރިއުޅުމުގެ ހަރަދުތައް ފުއްދުމާއި، ބޯހިޔާވަހިކަން ލިބުމުގައިވެސް، ވަރަށް ގިނަ ހުރަސްތައް ހުރިކަން ފާހަގަކުރައްވަމުން ވިދާޅުވީ އެފަދަ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް، އިތުރު މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، އެފަދަ މީހުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފެށުމަށް، އިންޓްރެސްޓް ކުޑަ ލޯނު ލިބޭނެ މަގު، ސަރުކާރުން ތަނަވަސްކޮށްދެއްވަމުން އަންނަކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ދާއިރާތަކުން ހާއްސަ ކޯޓާއެއް ހަމަޖައްސައި، ފަސޭހައިން ވަޒީފާ ލިބޭނެ އުސޫލެއް ކަނޑައެޅުމަށް މަސައްކަތް ކުރައްވަމުން ގެންދާ ކަމަށެވެ. މީގެ އިތުރުން އެފަދަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، ސަރުކާރުގެ އޮފީސްތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން މިހާރުވެސް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވަމުން ގެންދަވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތަކާއި، ރިހެބިލިޓޭޓް ކުރުމުގެ ވަސީލަތްތަކާއި ހިދުމަތްތައް ރާއްޖެއިން ލިބެން ހުރި މިންވަރު މަދުކަމާއި ހިދުމަތްތަކުގެ އަގު ބޮޑުވުމާއި އަދި މި ނޫންވެސް ބޮޑެތި ގޮންޖެހުންތަކެއް މި ދާއިރާގައި ހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި މި ގޮންޖެހުންތަކަށް ޙައްލެއް ހޯއްދެވުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ނިޒާމެއް ޤާއިމުކުރަން ސަރުކާރުން މިހާރު ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ. މީގެ ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް، އަމިއްލަ ރަށުގައި ތިބެގެން، ތަފާތު ތެރަޕީތަކާއި ތައުލީމާއި ތަމްރީނުތައް ފަސޭހަކަމާއެކު ހޯދޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ދާއިރާގެ ފަންނީ މީހުން ތަމްރީންކޮށް އުފެއްދުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަމުގައިވެސް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ އަދަދު 15360އަށް އަރާއިރު އޭގެ ތެރެއިން އެންސްޕާގެ ދަފްތަރުގައި ރަޖިސްޓްރީކޮށްގެން 7771 ފަރާތަކަށް ދައުލަތުން މިހާރު އިނާޔަތް ދެމުން ގެންދަވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355