twitterviber whatsapp telegramfacebookyoutube instagram
8th May 2024

ސްޓޭޓް ހައުސަށް މުވައްޒަފުން ނެގުމަށް ބޭނުންވާ ބަޖެޓް ލިބުނުކަން އަދިވެސް ހޯމް މިނިސްޓްރީން ނާންގާ: އަތޮޅު ކައުންސިލް

• އަދިވެސް ހިދުމަތަށް ހުޅުވާ ނުލެވިފައި
• ސްޓޭޓް ހައުސް ބަލަހައްޓަމުންދަނީ ކައުންސިލްގެ މުވައްޒަފުން

އިބްރާހިމް ހަމީދު
Jul 9, 2019
3

ހދ. އަތޮޅު ސްޓޭޓް ހައުސް ގެސްޓް ހައުސެއްގެ ގޮތުގައި ހިންގުމަށް އެތަނަށް މުވައްޒަފުން ނެގުމަށް ބޭނުންވާ ބަޖެޓް ހޯމް މިނިސްޓްރީން އަދިވެސް ކައުންސިލަށް ނުލިބޭކަމަށް ހދ. އަތޮޅު ކައުންސިލްގެ ރައިސް އާދަމް އަލީ ވިދާޅުވެއްޖެ އެވެ.

ކުރީގެ އަތޮޅުގެ ބޮޑު މަރާމާތެއްކޮށް އެތަން ވަނީ މިއަހަރުގެ މާރޗުމަހުގެ ތެރޭގައި ސްޓޭޓް ހައުސްނަމަށް ބަދަލުކޮށް، ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބުދުﷲ ހުޅުވާދެއްވާފަ އެވެ.

ސްޓޭޓް ހައުސް ހުޅުވައިދެއްވުމަށްފަހު މިނިސްޓަރު ވިދާޅުވެފައިވަނީ ވީރާނާވެގެން ދިޔުމަށް ފުރުސަތު ނުދެއްވާނެކަމާއި މިތަންތަން ތަރައްޤީކޮށް އެހެން ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އެކަމަކު ފިނޭންސް މިނިސްޓްރީން ބަޖެޓް ހަމަޖެހިގެން ހޯމް މިނިސްޓްރީއަށް އެންގިތާ މިއަދަށް ސޯޅަ ދުވަސްވެގެން ދިޔައިރުވެސް ހދ. އަތޮޅު ކައުންސިލަށް އެބަޖެޓާބެހޭ އެއްވެސް މައުލޫމާތެއް ހޯމް މިނިސްޓްރީން އަންގާފައިނެތުމަކީ ކަންބޮޑުވުމެކެވެ.

ސްޓޭޓް ހައުސް ރަސްމީކޮށް މިސަރުކާރުން ހުޅުވާ ތިންމަސްވެގެންދާއިރުވެސް ގެސްޓްހައުސްގެ ހިދުމަތަށް އެތަން ރައްޔިތުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލާފައި ނުވާތީ މިއަދުވެސް ގިނަ ބަޔަކު ދަނީ ހޯމްމިންސްޓްރީއަށާއި އަތޮޅު ކައުންސިލަށް ފާޑުކިޔަމުންނެވެ.

ކޭއޯއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަތޮޅުކައުންސިލްގެ ރައީސް އާދަމް އަލީ ވިދާޅުވީ ސްޓޭޓްހައުސް ހިދުމަތަށް ހުޅުވާނުލެވިގެން މިއުޅެނީ އެތަނަށް މުވައްޒަފުން ނެގުމަށް ބޭނުންވާ ބަޖެޓް އަތޮޅު ކައުންސިލަށް އަދިވެސް ނުލިބޭތީ ކަމަށެވެ.

"އެތަން ހިދުމަތަށް ހުޅުވާލުމަށް ބޭނުންވާތީ އަޅުގަނޑުމެންވާނީ މުވައްޒަފުންނެގުމަށް އިންޓަރވިއު ކުރެވިފަ އެކަމަކު އަދިވެސް ބަޖެޓް ނުލިބޭ ކިހެނެއްތޯ ހިދުމަތަށް ހުޅުވާލާނީ." އަތޮޅު ކައުންސިލްގެ ރައީސް އާދަމް އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޓޭޓް ހައުސަށް މުވައްޒަފުން ނެގުމަށް ބޭނުންވާ ބަޖެޓާއި ބެހޭ އެއްވެސް މައުލޫމާތެއް ހޯމް މިނިސްޓްރީން އަތޮޅު ކައުންސިލަށް މިއަދާއި ހަމައަށް އަންގާފައި ނުވާ ކަމަށާއި މިހާރުވެސް ސްޓޭޓް ހައުސް ބަލަހައްޓަމުން ގެންދަނީ ޑިއުޓީ ބަހައިގެން ކައުންސިލްގެ މުވައްޒަފުން ކަމަށެވެ.

ސްޓޭޓް ހައުސަށް މުވައްޒަފުން ހޯދުމަށް ބޭނުންވާ ބަޖެޓް ފިނޭންސުން ހަމަޖެހި ހޯމް މިނިސްޓްރީއަށް ލިބިފައިވާކަން އެނގިގެންދިޔައީ ކުޅުދުއްފުށީ އޮންލައިންގައި މިދިޔަ މަހު ގެނެސްދީފައިވާ ޙަބަރަކުންކަމަށް ރައީސް އާދަމް އަލީ ވިދާޅުވި އެވެ.

މިއަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހު ކޭއޯއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓްރީ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ ހދ. އަތޮޅު ސްޓޭޓް ހައުސަށް ހިދުމަތަށް ނެރުމަށް ބޭނުންވާ މުވައްޒަފުންނަށް ބަޖެޓް މިހާރު ހަމަޖެހިގެން ފިނޭންސް މިނިސްޓްރީން ހޯމް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. ވަރަށް އަވަހަށް ސްޓޭޓް ހައުސަށް މުވައްޒަފުން ނެގުމަށް ބޭނުންވާ ބަޖެޓް ހަމަޖެހިފައިވާކަން ހދ. އަތޮޅު ކައުންސިލަށް އަންގައި، ސްޓޭޓް ހައުސް ހިދުމަތަށް ހުޅުވާލެވިގެންދާނެކަމަށެވެ.

އެމްއޯޔޫއެއްގެ ދަށުން ސްޓޭޓް ހައުސް ހިންގުމަށް ހަވާލުކުރެވިފައިވަނީ އަތޮޅު ކައުންސިލާ ކަމަށާއި އެތަނުން ލިބޭ އާމުދަނީވެސް ލިބޭނީ އަތޮޅު ކައުންސިލަށް ކަމަށެވެ. މިހާތަނަށް ބާރަ އަތޮޅުގެ އެއް ވަނީ މަރާމާރުކޮށް ދައުލަތުގެ ގެސްޓްހައުސްގެ ގޮތުގައި ހިންގުމަށް އަތޮޅު ކައުންސިލްތަކާ ވަނީ ހަވާލުކުރެވިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355