ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގައި އިމާރާތްކުރަން ފެށި ކުލާސް ރޫމްތަކުގެ މަސައްކަތް ނުނިމުނުގެ ސަބަބުން އެ ސްކޫލް ދެ ދަންފަޅިއަށް ގޮސްފި އެވެ.
މިއަހަރު ދިރާސީ އަހަރުގެ ކިޔެވުން ފެށުނުއިރު ކުޅުދުއްފުށީގެ ހުރިހާ ސްކޫލްގައިވެސް ޖާގައިގެ މައްސަލަ ބޮޑެވެ. އެގޮތުން 2022 ވަނަ އަހަރުން ފެށިގެން އަފީފުއްދީން ސްކޫލްގައި ކިޔަވައިދެނީ ދެ ދަންފަޅިއަށެވެ.
ގުރޭޑް 1-12 އަށް ކިޔަވައިދޭ ޖަލާލުއްދީން ސްކޫލާ މިއަހަރު ގުޅުނު ދަރިވަރުން އިތުރުވެ އެ ސްކޫލްވެސް މިއަހަރު ދެ ދަންފަޅިއަށް ކިޔަވައިދޭން މިވަނީ މަޖުބޫރުވެފަ އެވެ.
މިއަހަރު އެ ސްކޫލްގައި 799 ދަރިވަރުން ތައުލީމު ހާސިލުކުރާއިރު 80 ޓީޗަރުން މަސައްކަތްކުރާނެ އެވެ. މަތީ ސާނަވީއަށް ކިޔަވައި މި ސްކޫލް ދެ ދަންފަޅިއަށް ދިޔުމުން ބޮޑެތި ދަތިތަކަކާ ކުރިމަތިވާނެ އެވެ.
އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރަން 2022 ވަނަ އަހަރު ޖުލައިމަހު 8 ކުލާސް ރޫމް އިމާރާތްކުރަން އިވޯސަން މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ. 9.2 މިލިއަން ރުފިޔާގެ އެ މަޝްރޫއު އޭރު ހަވާލުކުރީ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އެހެންނަމަވެސް އެތަނުގެ މަސައްކަތް ދިޔައީ 'ފިނިހަކަ' ދުވެލީގަ އެވެ. މިހާރު އެ މަސައްކަތް އޮތީ އެއްކޮށްހެން ހުއްޓިފަ އެވެ. އެކަން އޭރުވެސް ސަރުކާރުގެ ސަމާލުކަމަށް އެކިފަހަރު ގެނައި ނަމަވެސް އެ މަސައްކަތް އަވަސްވާ ގޮތް ނުވި އެވެ.
އާ ސަރުކާރު ހަވާލުވުމަށްފަހު 2024 ވަނަ އަހަރުގެ ޖެނުއަރީމަހު އެޑިކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިސަރު ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، ކުޅުދުއްފުށީގެ ސްކޫލުތަކުގައި އަޅަން ފަށާފައިވާ އިމާރާތްތަކުގެ މަސައްކަތް އަވަސްކުރުމަށް ކޮންޓްރެކްޓަރާއެކީ މަޝްވަރާކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ.
އޭގެ ފަހުން މިއަދާ ޖެހެންދެންވެސް ސްކޫލްތަކުގައި އިމާރާތްކުރަން ފަށާފައިވާ މަސައްކަތް އަވަހެއް ނުވެ އެވެ. ކުޅުދުއްފުއްޓަކީ މާލެ ސަރަހައްދު ފިޔަވާ އެންމެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ރަށެވެ.