ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ ސްކޫލުތަކަށް ސިޓީ ކައުންސިލުން ދޭ 100،000 ރުފިޔާގެ 'ސްކޫލް ގްރާންޓް' ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
ކޮންމެ އަހަރަކުވެސް ސިޓީ ކައުންސިލުން ފައިސާގެ އެހީ ރަށު ސްކޫލްތަކަށް ފޯރުކޮށްދެއެވެ. މި އެހީ ލިބުނީ، ސަރުކާރު 3 ސްކޫލްކަމުގައިވާ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި އަފީފުއްދީން ސްކޫލުގެ އިތުރުން ޖަލާލުއްދީން ސްކޫލަށެވެ.
މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ސިޓީ ކައުންސިލްގެ ފަރާތުން ގްރާންޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު މުހައްމަދު އާތިފެވެ. ސްކޫލްތަކުގެ ފަރާތުން ސޮއިކުރެއްވި ޕްރިންސިޕަލުންނެވެ.
2023 ވަނަ އަހަރުން ފެށިގެން ދޭން ފެށި މި ގްރާންޓް ފުރަތަމަ ދިނީ ސްކޫލަކަށް 50،000 ރުފިޔާ އެވެ. ނަމަވެސް 2024 ވަނަ އަހަރުން ފެށިގެން މިއަދަދު ވަނީ އެއްލައްކަ ރުފިޔާއަށް ބޮޑުކޮށްފަ އެވެ.
ކައުންސިލުން ބުނީ ސްކޫލް ގްރާންޓް ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް ތަރައްގީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުން އަންނަ ހަރަކާތްތަކަށް އެހީތެރިވުމާއި، ސްކޫލްތަކުގެ ޕީޓީއޭ އިން ސްކޫލްގެ ތަރައްގީއަށް ފަންޑް ހޯދުމަށް ކުރަމުންއަންނަ މަސައްކަތް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
މި ރަސްމިއްޔާތުގައި ކައުންސިލް މެންބަރުންނާއި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލް އަދި އެސްއެމްޓީގެ މެންބަރުންނާއި ޕީޓީތަކުން ބައިވެރިވެލެއްވި އެވެ.




