ޕެންޓަގްރާމް ހިރަފުސް ކަޕުގައި މިއަދު ކުޅެވުނު ސެމީގެ ފުރަތަމަ މެޗުން ސްކައި މޮޅުވެ ފައިނަލަށް ދަތުރުކޮށްފި އެވެ. ނޮޅިވަރަންފަރުގެ ލައިކަންސްއާ ބައްދަލުކޮށް ސްކައި މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ކުރީކޮޅު ސްކައި ވަނީ ދެ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ދެ ލަނޑުވެސް ކާމިޔާބު ކޮށްދިނީ ސްކައިގެ ހުސެއިން އަބްދުއްރަޝީދު (ބިގޭ) އެވެ.
މިއާއެކު ލައިކަންސްގެ ޓީމު ކުރިއަށް ޖެހި ސްކައި ކޮޅަށް ނުރައްކާ ކުރި ނަމަވެސް ގޯލެއް ޖެހޭ ގޮތްވަނީނުވެ އެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގަ އެވެ.
ދެވަނަ ހާފު ފަށައިގެން މެޗުގެ ތެރެއަށް ލައިކަންސް ވަންނަން ކުރި މަސައްކަތުން 69 ވަނަ މިނެޓުގައި މުހައްމަދު ރިޔާޒް ލަނޑު ޖަހާ ވަނީ ފަރަގު ކުޑަކޮށްދީފަ އެވެ. ނަމަވެސް ދެން ފެނިގެން ދިއައީ ޖެހިގެން އައި މިނެޓުގައި ސްކައިގެ ހުސެއިން އަބްދުއްރަޝީދު(ބިގޭ) ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކުރިތަނެވެ. މި ލަނޑާއެކު މެޗު ކޮންޓްރޯލްކޮށް ކުޅެމުންދިޔަ ސްކައިގެ ކެޕްޓަން ފަރުހަތު މުހައްމަދު ވަނީ ލަނޑެއް ކާމިޔާބުކޮށް 4-1 ގެ ބޮޑު ލީޑެއް ނަގައިދީފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބިގޭ ވަނީ މެޗުގެ 80 ވަނަ މިނެޓުގައި އޭނާގެ 4 ވަނަ ލަނޑު ސްކައިއަށް ކާމިޔާބުކޮށްދީފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ލައިކަންސްގެ މުހައްމަދު ރިޔާޒު ޖެހި ލަނޑާއެކު މެޗު ނިމިގެން ދިޔައީ 5-2 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މާދަމާ ހަނިމާދޫ ސާއްބަ އަދި ނޮޅިވަރަމްގެ ކްލަބު ތިލަދުންމަތި ބައްދަލު ކުރާނެ އެވެ.
ސްކައި ފައިނަލްގައި ކުޅެންޖެހޭ ޓީމެއް ޔަގީން ވާނީ މާދަމާގެ މެޗަށް ފަހު އެވެ. ގިނަ ބަޔަކު އިންތިޒާރު ކުރާ މި މެޗަކީ ފޯރިގަދަ ވާނެ މެޗެއްކަމަށް ބެލެވެ އެވެ.