• ތަން ހުރީ ބަންދުކޮށްފައި އެއްވެސް މުވައްޒަފެއް ނެތް
• އެހިދުމަތް އަލުން ފެށޭނެ ދުވަހެއް ނޭނގޭ
• އެތަނުގައި މަސައްކަތް ކުރަނީ އެންމެ ދެ މުވައްޒަފަކު
ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ އައިޑީކާޑް ޔުނިޓްގައި މަސައްކަތްކުރާ މުވައްޒަފުން ޗުއްޓީއަށް ދިޔުމުން ހިދުމަތް މެދުކެނޑި، ރައްޔިތުން ހިތްހަމަނުޖެހިއްޖެ އެވެ.
ކޭއޯއަށް މަޢުލޫމާތު ދެމުން ރައްޔިތަކު ބުނީ މިއަދު ހެނދުނު އައިޑީކާޑު ހަދަންވެގެން ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ އައިޑީ ކާޑް ޔުނިޓަށް ދިޔައިރު އެތަން ހުރީ ބަންދުކޮށްފައިވާކަމަށެވެ.
އެޔުނިޓަށް ވަންނަ ދޮރުގެ އަނެއް ފަރާތުގައި ހދ .އަތޮޅުކައުންސިލްގެ ތައްގަނޑުޖަހާފައިވާ ނޯޓްކޮޅެއް އިނީ ތަތްކޮށްލާފަ. އޭގައި ލިޔެފައިވަނީ އައިޑީކާޑު ހެދުން ވަގުތީގޮތުން ބަންދު މިހެން ".އެމީހާ ބުންޏެވެ
އިތުރަށް އެމީހާ ބުނީ މިވަރު ބޮޑު އާބާދީއެއްގައި އައިޑީކާޑުގެ ޔުނިޓުގެ ވަގުތީގޮތުން މެދުކެނޑި ތަން ބަންދުކޮށްފައި، މިގޮތަށް ނޯޓް ތައްކޮށްފައި ބެހެއްޓުމަކީ މިއީ އެއްގޮތަކަށްވެސް ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި މިހިދުމަތް ދޭންފެށި ފަހުން މިފަދަގޮތަކަށް މިތަނުގެ ހިދުމަތް މެދުކެނޑި ތަންބަންދު ކުރި ފުރަތަމަ ފަހަރު ކަމަށް އެމީހާ ބުންޏެވެ.
"އައިޑީކާޑުގެ ޔުނިޓުގެ ހިދުމަތް މިފަދަ ޒަމާނެއްގައި ލިބެންވީ އެންމެ ފުރިހަމައަށް ލިބެމުންނުދޭ. ފޯމްހުށައަޅަންވީ އައިޑީކާޑު ޔުނިޓަށް. ކާޑުދޫކުރަނީ ހަފްތާއެއް ނޫނީ ދިހަ ދުވަސް ފަހުން ރަށު ކައުންސިލުން. މިއީ މިއަދު މިހިދުމަތް ކުޅުދުއްފުށީ ކަހަލަ ރަށަކުން ލިބެންޖެހޭނެ ގޮތެއް ނޫން." އެމީހާ ބުންޏެވެ.
މިކަމާ ގުޅިގެން ކޭއޯއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަތޮޅު ކައުންސިލްގެ ރައީސް އާދަމް އަލީ ވިދާޅުވީ އައިޑީކާޑު ޔުނިޓްގެ ހިދުމަތް މިއަދު ވާނީ ވަގުތީގޮތުން ބަންދުކުރެވިފަ އެވެ.
"އެތަނުގައި މަސައްކަތް ކުރަނީ ދެ މުވައްޒަފުން. އެތަނުން އެކަކު ހުރީ ސަލާމްގައި އަނެއް މުވައްޒަފު ހުރީ އާއިލާ ޒިންމާގައި އެހެންވުމުގެ ސަބަބުން ހިދުމަތް މެދުކެނޑި މިއަދުވާނީ ތަން ބަންދުކޮށްފައި." އަތޮޅުކައުންސިލްގެ ރައީސް އާދަމް އަލީ ވިދާޅުވި އެވެ.
އިތުރަށް ރައީސް ވިދާޅުވީ ހިދުމަތް ދެވޭނީ ކޮން ދުވަހަކުން ކަމެއް ބުންނަން ނޭނގޭކަމަށާއި އެތަނުން އެއް މުވައްޒަފަކު އާދިއްތަ ދުވަހު އޮފީހަށް ނިކުތަސް އައިޑީކާޑް ޔުނިޓްގެ ހިދުމަތް ފެށިގެންދާނެކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ އައިޑީކާޑު ޔުނިޓްގެ ހިދުމަތް މެދުކެނޑިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިނެތް ކަމަށާއި އެކަމުގެ މަޢުލޫމާތު ޖެހޭނީ ހޯދާލަން ކަމަށެވެ.
މިކަމާގުޅިގެން ނޭޝަނަލް ރަޖިސްޓްރޭޝަން (މާލޭ އައިޑީކާޑް ޔުނިޓް) ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ މިނޫހަށް ވަނީ އައިޑީކާޑް ޔުނިޓްގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ.