ކުޅުދުއްފުއްޓަށް މިސަރުކާރުން ހައުސިންގ ޔުނިޓްތަކެއް ގެނެސް ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ދެއްވާފައިވާކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލީސް މެމްބަރު ޔާސިރު އަބްދުއްލަތިފް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ އެއާޕޯޓްގެ ރަސްމީދަތުރުތަކަށް ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ކޭއޯއިން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ 2011 ވަނަ އަހަރު ނަޝީދުގެ ވެރިކަމުގައި ކުޅުދުއްފުށީގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫތައް އޮތީ ފާއިތުވެ ދިޔަ 7 އަހަރު ހުއްޓިފަ ކަމަށެވެ.
އެހެންވެ އެ ހައުސިންގ ޔުނިޓްތައް ހުރީ ވިރާނާވެ މުޅިން ހަލާކުވެފައިވާކަން ޔާސިރު ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންނަމަވެސް މިސަރުކާރުގެ ހައުސިންގ މިނިސްޓަރު މިހާރު މަސައްކަތް ކުރައްވަމުން އެގެންދަވަނީ އެތަންތަން މަރާމަތުކޮށް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްކަމަށެވެ.
"ވަރަށް އަވަހަށް ސާޅީސް ހައުސިން ޔުނިޓްގެ މަރާމާތުގެ މަސައްކަތް އިއުލާން ކުރައްވާނެ. ވެލިގަނޑުގައި އަޅަންފަށާފައިވާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނެ. އަދި ކުޅުދުއްފުއްޓަށް އިތުރު ހައުސިން ޔުނިޓްތަކެއް ގެނެސް ދެއްވާނެކަމުގެ ޔަގީންކަން އަޅުގަނޑަށް ވަނީ ދީފަ." މެމްބަރު ޔާސިރު ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި މިހާރު ހަދަމުންދާ ބަނދަރުގެ މަސައްކަތާ ބެހޭގޮތުން ޔާސިރު ވިދާޅުވީ އެއީ އޮޑިވެރިންނާއި ރައްޔިތުންނާއި އަދި ކައުންސިލުން ބޭނުންވެފައިވާ ގޮތާއި ހިލާފަށް ސޮއިކުރެވި ހިގަމުން ދިޔަކަމެއް ކަމަށާއި އެއީ އެންމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
"އެހެންނަމަވެސް ދާދިފަހުން އަޅުގަނޑުމެންގެ ނައިބު ރައީސް ވަނީ އޮޑިވެރިންނާއި ބައްދަލުކޮށް އެބޭފުޅުންގެ ހިޔާލުތައް އަޑުއައްސަވާފަ. ނައިބު ރައީސް ވަނީ ޖަވާބު ދެއްވައި އޮޑިވެރިން ބޭނުންވާ ކަންތައްތައް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ." ޔާސިރު ވިދާޅުވި އެވެ.