• އާސާރުތަކާއި ތިމާވެށީގެ މުހިންމު ތަންތަން ހުރުމުން ރަށު ފަތުރުވެރިކަން ކުރިއަރުވަން ބާރަކަށްވޭ
ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ތަންތަނާއި ތާރީހީ އާސާރުތައް ފެންނަށް ހުރުމަކީ ރަށެއްގެ ހަޔާތުން އެންމެ މުހިންމު އެއްކަންތައްކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.
ޔާސިރު މި މޭރުމުން ވާހަކަދެއްކެވީ އަމިއްލަ ފަރާތަކުން ކުޅުދުއްފުށީގައި ގާއިމު ކުރި އާސާރެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
"އެގޮތުން އަޅުގަނޑުމެން ރަށުގެ ވެއްޓާ (ތިމާވެށި) އެއާއެކު އަޅުގަނޑުމެންގެ މި އާސާރު، ދިރިއުޅުނު ގޮތް، ބޭނުންކުރި ތަކެތި ފެންނަށް ހުރުމަކީ ހަގީގަތުވެސް އެންމެ މުހިންމު އެއްކަންތައް." ޔާސިރު ވިދާޅުވި އެވެ.
ނުސީދާކޮށް ލޯކަލް ޓޫރިޒަމަށް އިޝާރާތްކުރައްވަމުން ޔާސިރު ވިދާޅުވީ ހުރިހާ ރައްޔިތުންވެސް މިއަދު އެންމެ ބޮޑަށް ކުރެވޭ މަސައްކަތަކީ ފުއްދުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްކަމަށާއި އެތަނުން އަނެއް ތަނަށް ދަތުރުކުރާ ދަތުރުވެރިންނަކީ އެތަނުގެ ސަގާފަތާއި އެތަނުގެ ތިމާވެށި ދެއްކިލައި އަންނަ މުހިންމު ބައެއް ކަމަށެވެ. އަދި އެމީހުން ދަތުރުކޮށްފައި އައިސް އެފަދަ މުހިންމު ތަންތަން ފޮޓޯ ނަގައި އެ ފޮޓޯ އުމުރު ދުވަހަށް ރައްކާތެރިކުރާ ކަމަށެވެ.
"ރަށެއް ނުވަތަ ގައުމެއް ތަރައްގީކުރުމުގައި އެތަނެއްގައި އުޅުނު ބަޔެއް އުޅުނު ގޮތާއި އެތަނެއް، އޮތްގޮތަށް ދެއްކުމަކީ ހަގީގަތުގައި ވަރަށް މުހިންމު ކަމެއް." ރަށްވެހި އާސާރު ހުޅުވުމުގެ ހަފުލާގައި ވާހަކަދައްކަވަމުން މެމްބަރު ޔާސިރު ވިދާޅުވި އެވެ.
ކުރިއަށްއޮތް ކައިރި މުސްތަގުބަލުގައި މަސައްކަތް މިކުރަނީ ލޯކަލް ޓޫރިޒަމްއާ އެއާ ގުޅުން ހުރި ކަންތައްތައް ކުޅުދުއްފުއްޓަށް ގެންނަށް ކަމަށާއި މިފަދަ އާސާރެއް ހުޅުވިގެން ދިޔުމަކީ ލޯކަލް ޓޫރިޒަމް ރަށަށް ގެންނަށް ކުރާ މަސައްކަތުގައި ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތެއް އަދި ހިތްވަރެއްކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުއްޓަށްކީ ދިގު ތާރީހެއް އޮތް ރަށެއް ކަމަށްވިޔަސް މިއަދު އެ އާސާރުތައް ނެގިގެންގޮސްފައިވުމީ ހިތާމަކުރައްވާކަމެއްކަމަށް ޔާސިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތާރީހުން އެނގޭގޮތުގައި ހިޖުރައިން 790 ވަނަ އަހަރުވެސް ކުޅުދުއްފުށީގައި މީހުން ދިރިއުޅުނުކަން އެނގޭ ކަމަށާ ނަމަވެސް އެކި ސަބަބުތައް މެދުވެރި އެތަކެއް ބައެއް މަރުވެ އަލުން އާބާދުވެފައިވާ ރަށެއްކަން ކަމަށެވެ.
"އެހެންނަމަވެސް މިއަދާ ހަމައަށް އާއިރު އަޅުގަނޑުމެން ހިތާމަކުރަނީ މި އާސާރުތައް އަޅުގަނޑުމެންނަށް ހިމާޔާތްކޮށް ރައްކާތެރިކުރުމުގައި އެކަށީގެންވާ މަސައްކަތްތައް އަޅުގަނޑުމެންނަށް ކުރެވިފައިނުވާތީ. މިރަށުގެ އެންމެ ކުރީގެ ހުކުރު މިސްކިތް އަޅުގަނޑުމެންނަށް ފެންނަށް ހުރިނަމަ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅުވީސް. އެތަނަކީ އެތަކެއް އާސާރީތަކެއްޗެއް ހުރިތަނެއް." ޔާސިރު ވިދާޅުވި އެވެ.