ސައްކޭލަކީ އާންމުގޮތެއްގައި ރާއްޖޭގައި ހައްދާ މޭވާއަކަށް ނުވިޔަސް މިހާރު މަދު މަދުން ރާއްޖެއިން ހައްދާފައި ހުއްޓާ ފެންނަ މޭވާއެކެވެ. ނަމަވެސް ރާއްޖޭގެ ބާޒާރުން މިހާރު އާންމުކޮށް ލިބެން ހުންނަ މޭވާއެކެވެ. މިއީ ސިއްހަތަށް އެތަކެއް ފައިދާ ލިބޭ ނުކައި ދޫކޮށްލެވޭ ވަރުގެ މޭވާއެއް ނޫނެވެ.
ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި ސައްކޭލަކީ ހަކުރު ބައްޔާއި ލޭގެ ޕްރެޝަރުގެ އިތުރުން ނާރުތަކަށް ދިމާވާ މައްސަލަތަކުން ރައްކާތެރިވުމަށް އެހީވެދޭ އެއްޗެކެވެ. އެހެންކަމުން އާންމުކޮށް ސައްކެޔޮ ކާ ނަމަ ލިބޭ ސިއްހީ ފައިދާތައް ފެނިގެންދާނެ އެވެ.
ސައްކޭލަކީ ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްސްތަކުން މުއްސަނދިވެފައިވާ މޭވާއެކެވެ. ސައްކެޔޮ ބޭނުން ކުރުމުން ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ބަލިތަކުން ރައްކާތެރިވުމަށް ބާރަކަށްވެ އެވެ.
އަދި ހަމައެހެންމެ ސައްކޭލަކީ ވިޓަމިން ބީޓާ-ކެރަޓީން މަތީ މިންވަރަކަށް އެކުލެވޭ މޭވާއެއްކަމުން ލޮލުގެ އެކި ކަހަލަ މައްސަލަތަކުން ވެސް ރައްކާތެރިވުމަށް އެހީވެދޭ މޭވާއެކެވެ. އެގޮތުން އިރުގެ ދޯދިތަކުންނާއި ގަދަ އަލިތަކުން ލޮލަށް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިކޮށްދީ ލޮލުގެ ފެނުން ރަނގަޅުކޮށްދެ އެވެ.
ހަކުރު ބަލި ހުންނަ މީހުންނަށް ސައްކޭލަކީ ވަރަށް ރަނގަޅު މޭވާއެކެވެ. މީގެ ގްލައިސެމިކް އިންޑެކްސް ދަށްވުމާއި ވަރަށް ފުދޭ މިންވަރަކަށް ފައިބާ ހިމެނުމުގެ އިތުރުން ޕްރޮޓީން އާއި އެންޓިއޮކްސިޑަންޓްތައް އެކުލެވޭ ނިސްބަތަށް ބަލާ އިރު މިއީ ހަކުރު ކޮންޓްރޯލްކޮށް ދިނުމަށް އެހީވެދޭ މޭވާއެކެވެ.
ސައްކޭލަކީ އެ ކެއުމުން ބަނޑުފުރިފައިވާކަން އިހުސާސްކޮށް ދޭނެ އެެއްޗެކެވެ. އެހެންކަމުން މިއީ ބޭކާރު ކެއުންތަކާ ދުރުކޮށްދީ ބަރުދަން ލުއިކުރުމަށް އެހީވެދޭ އެއްޗަކަށްވެގެން ދާނެއެވެ.