ހިއްސާ ވިއްކުމަށްޓަކާ އަންނަ ހޮނިހިރު ދުވަހު އިސްލާމިކް ބޭންކްގެ ކުޅުދުއްފުށީ ބުރާންޗު ހުޅުވަން ހަމަޖެހިއްޖެ އެވެ. ހިއްސާ ގަތުމަށް ބޭނުންވާ ފަރާތްތަކަށް އަންނަ ހޮނިހިރު ދުވަހު ބޭންކު ހުޅުވާ ހިދުމަތް ލިބިގެން ދާނެއެވެ.
އެމްއައިބީ ކުޅުދުއްފުށީ ބުރާންޗް މެނޭޖަރ އާދަމް އަހުމަދު ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު 8:30 ން 12:00 އަށް އެމްއައިބީ ކުޅުދުއްފުށީ ބުރާންޗް ހުޅުވައި ކަސްޓަމަރުންނަށް މައުލޫމާތު ދިނުމާއި ފޯމް ފުރައިދިނުމާއި ހިއްސާ ވިއްކުން އެ ދުވަހު ކުރިއަށްދާނެކަމަށެވެ.
އާދަމް އިތުރަށް ވިދާޅުވިގޮތުގައި އެމްއައިބީން ހިއްސާ ގަތުމަށް ކޮންމެހެން އެ ބޭންކުގައި އެކައުންޓެއް އޮތުން މުހިންމު ނޫންކަމަށާއި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓެއް އޮތްކަމުގައިވީނަމަވެސް އެންމެ ރަނގަޅުވާނެކަމަށެވެ. ހިއްސާ ގަންނަށް ބޭނުންވާ ލިޔެކިއުންތަކުގެ ތެރޭގައި ހިމެނެނީ މުއްދަތު ހަމަނުވާ އައިޑީކާޑު، 10 އަހަރާއި 18 އަހަރާ ދެމެދު ކުއްޖެއް ނަމަ އުފަން ދުވަހުގެ ސެޓްފިކެޓް، ދިހަ އަހަރު ނުވާ ކުއްޖެ ނަމަ އައިޑީ ކާޑު ބޭނުން ވާނެކަމަށެވެ.
ޖުލައި 28 ހިއްސާ ވިއްކަން ވަނީ ފަށާފައެ، ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ ސެޕްޓެމްބަރ 18ގެ ނިޔަލަށެވެ.
ވިއްކަން ނިންމާފައި ވަނީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އާ އެކު ޖުމްލަ އާންމު ހިއްސާގެ 6.10 މިލިއަން ހިއްސާ އެވެ.
ހިއްސާއެއްގެ 35 ރުފިޔާއަށް ވިއްކާއިރު ކޮންމެ ފަރާތަކަށްވެސް މަދުވެގެން ފުރަތަމަ ގަނެވޭނީ 20 ހިއްސާކަމަށް ވާއިރު އެއީ ޖުމްލަ 700 ރުފިޔާގެ ހިއްސާ އެވެ. މި އަދަދު 10 ހިއްސާއިން ބޭނުން ވަރަކަށް އިތުރު ކުރެވޭނެ އެވެ. އަދި މި އަހަރުގެ 8 އޮކްޓޯބަރ ގައި ހިއްސާ އެލޮޓް ކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށާއި ވިއްކަން ހަމަޖެހިފައިވާ ހިއްސާގެ އަދަދަށްވުރެ އިތުރުވާ ފައިސާ އަނބުރާ 28 އޮކްޓޯބަރ ގައި ރައްދު ކުރެވޭނެ ކަމަށް ލަފާކުރާ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.
އަދި އެލޮކޭޓް ކުރެވޭ ހިއްސާ މިއަހަރުގެ 06 ނޮވެމްބަރުގައި އެމްއެސްޑީގައި ޑިޕޮސިޓް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ހަމަ މި ތާރީހުގައި ހިއްސާގެ ބާޒާރުގައި މުއާމަލާތު ކުރަން ފެށޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.