ރާއްޖޭގެ ދަރަނި މިވީ ހަމަސް ދުވަހުގެ ތެރޭގައި ރެކޯޑް މިންވަރަށް އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ޑެބިޓް ބުލެޓިން ދައްކާގޮތުން މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި 64.9 ބިލިއަން ރުފިޔާއަށް އަރާއިރު މިއީ މިދިޔަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު 18 އިންސައްތަ އިތުރުވުމެކެވެ. އަދި މިދިޔަ ޑިސެމްބަރުމަހާ އަޅާބަލާއިރު 8 އިންސައްތައިގެ އިތުރުވުމެއްކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ.
ފިނޭންސްގެ މިޑެބިޓް ބުލެޓިން ދައްކާގޮތުން މިއަހަރު ދައުލަތުގެ ދަރަންޏަށް 4.5 ބިލިއަން ރުފިޔާ އިތުރުވީއިރު ބޭރުގެ ދަރަނި އިތުރުވެފައިވަނީ 5 އިންސައްތައެވެ. އަދި އެތެރޭގެ ދަރަނި އިތުރުވެފައިވަނީ 7 އިންސައްތަ އެވެ. އެންމެ ބޮޑަށް މި ހަމަސް ދުވަހުއިތުރުވެފައިވަނީ ދައުލަތުން ދީފައިވާ ސޮވެރިންގެރެންޓީ ތަކަށެވެ.
ފިނޭންސް މިނިސްޓްރީގެ ޑެބިޓް ބުލެޓިން ދައްކާގޮތުން ގެރެންޓީ ދިންވަރު 14 އިން ސައްތަ މިވަނީ އިތުރުވެފައެވެ . ދައުލަތުޖުމްލަ ދަރަނި 49 ބިލިއަނަށް އަރާފައިވާއިރު އުފެދުން ތެރިކަމުގެނިސްބަތުން (ޖީޑީޕީ) 61.3 އިންސައްތަ އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ލޯނުތަކުގެ ގެރެންޓިއާއެކު ދައުލަތުގެ ދަރަނި 64.9 ބިލިއަން ރުފިޔާ އަރާފައިވާއިރު އުފެދުންތެރިކަމުގެ ނިސްބަތުން 72 އިންސައްތަ އެވެ.