މޯލްޑިވްސް ވޯޓާ ސްވަރޭޖް ކުންފުންޏާއި ހަތަރު ރަށެއްގެ ފެނާ ނަރުދަމާ ގާއިމުކުރުމަށް މިއަދު ޕްލޭނިން މިނިސްޓްރިން ހަވާލުކޮށްފި އެވެ.
އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ ބ. ގޮއިދޫ އާއި ރ. ކިނޮޅަހާއި ނ. ކުޑަފަރީ އާއި އަދި ނ. މާޅެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހަތަރު ރަށުގެ މަޝްރޫއުގައި ވެސް އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލު ކުރި މި މަޝްރޫއުތަކުގެ ދަށުން ފެނާއި ނަރުދަމާގެ މަސައްކަތުގެ އިތުރުން ރަށުގައި ފެނާއި ނަރުދަމާގެ ވިއުގަ އެޅުމާއި އާރްއޯ ޕްލާންޓް، ސްޓޯރޭޖް ވޯޓާ ޓޭންކު ބެހެއްޓުމާއި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ހަތަރު ރަށުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ 22 މަސް ދުވަހުގެ ތެރޭގައި ނިންމާށެވެ.
އެގޮތުން މި މޝްރޫއު ނިންމުމަށް ވަކިވަކި ރަށްރަށުގެ ހަރަދަކީ ގޮއުދޫއަށް 46 މިލިއަން ރުފިޔާ، ކޮނޮޅަހަށް 36 މިލިއަން ރުފިޔާ، ކުޑަފަރީއަށް 38 މިލިއަން އަދި މާޅެންދޫއަށް 42 މިލިއަން ރުފިޔާއެވެ.