twitterviber whatsapp telegramfacebookyoutube instagram
27th April 2024

ވަޒީފާ ހޯދަމުންދާ މީހުންނަށް އެލަވަންސް ދިނުމުގެ ބިލް މަޖިލީހަށް ހުށައަޅަނީ

ޚަދީޖާ އާދަމް
Oct 7, 2019

ވަޒީފާއެއް ހޯދުމަށް މަސައްކަތް ކުރާމީހުންނަށް އެލަވެންސް ދިނުމުގެ ބިލާއި އިންކަމް ޓެކްސްގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައަޅާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.

މި ދެ ބިލު މިއަދު މަޖިލީހުގެ މި ދައުރަށް ހުށައެޅުމަށް ނިންމަފައިވާއިރު ސަރުކާރުގެ ފަރާތުން މަޖިލީހުގެ މި ދައުރަށް 32 ބިލެއް ހުށަހަޅަން ނިންމާފައިވާ ކަމަށްވެސް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފި އެވެ.

އެގޮތުން އަލަށް ތައާރަފުކުރާ ގާނޫނުތަކުގެ ބިލްތަކުގެ ގޮތުގައި ވަޒީފާއެއް ހޯދަމުންދާ މީހުންނަށް އެލަވަންސް ދިނުމުގެ ބިލާއި އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި މަދަނީ އިޖްރާއާތުގެ ބިލާއި ބޯހިޔާވަހިކަމުގެ ބިލާއި ޓެނަންސީ ބިލުގެ އިތުރުން އިންތިގާލީ އަދާލަތުގެ ބިލާއި ތައުލީމުގެ ބިލާއި މަތީ ތައުލީމުގެ ބިލާއި ކްލައިމެޓް ރެސިލިއަންސާބެހޭ ބިލާއި ފޮރެސްޓްރީގެ ބިލާއި ޖަމްއިއްޔާތަކާ ބެހޭ ބިލު ހިމެނެއެވެ.

އަދި ފޮރިން އިންވެސްޓްމަންޓްގެ ބިލާއި ފެނާއި ނަރުދަމާގެ ބިލާއި ޗާޓާޑް އެކައުންޓެންޓުންގެ ބިލް ވެސް އަލަށް ތައާރަފްކުރާ ގާނޫނުތަކުގެ ބިލްތަކުގެ ގޮތުގައި މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މައުލޫމާތު ދެއެވެ.

ސަރުކާރުގެ ފަސް އަހަރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި 200 އަށް ވުރެ ގިނަ ބިލް މަޖިލީހަށް ހުށަހަޅަން ހިމަނާފައިވެ އެވެ. އޭގެ ތެރެއިން ބައެއް ބިލްތައް މަޖިލީހުން ފާސްކޮށްފައި ވާއިރު އިތުރު ބައެއް ބިލްތައް މަޖިލީހަށް މިހާރު އޮތީ ހުށަހެޅިފަ އެވެ.

ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލްތަކުގެ ގޮތުގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގާނޫނުލް އުގޫބާތުގެ ބިލް ހިމެނެ އެވެ. އަދި ލާމަރުކަޒީ ގާނޫނާއި ފުލުހުންގެ ގާނޫނާއި އާއިލާއާ ބެހޭ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލްތައް ވެސް ހިމެނޭ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355