ދިރާގުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވާ ދިރާގުގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް މިއަހަރު 23 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހު ހެންވޭރު ދަނޑުގައި އޮންނާނެ ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ފެސްޓިވަލް އެވެ.
ފުރަތަމަ އަހަރު އެންމެ 17 ކުދިންނާއެކު ފެށި މި ފެސްޓިވަލުގައި މިއަހަރުގެ 400 އަށް ވުރެ ގިނަ ކުދިން ބައިވެރިވެފައި ވާކަމަށާއި މި ފެސްޓިވަލްގެ އެއް އަމާޒަކީ ދުނިޔޭގެ ފެންވަރުގައި ރާއްޖެ ތަމްސީލު ކުރާނެ ކުދިންތަކެއް ބިނާކުރުން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އަދި ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ވިދިވިދިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެންމެ މުހިންމު މަގުސަދަކީ މުޖުތަމައުގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިން ބާކީ ނުކޮށް އެކުދިންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެ ކުޅިވަރުގެ ރޫހު ކުދިންގެ ކިބައިގައި އަށަގަނެންނެވުން ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.
މި ފެސްޓިވަލްގައި ބޯލް ރޯލިން، އޮބްސްޓަކަލް ރޭސް، ޓަނަލް ރޭސް އަދި ހެޕީ ފީޓް ރޭސް ފަދަ ފޯރިގަދަ ކުޅިވަރުތައް ކުރިއަށްދާނެއެވެ. އަދި މީގެ އިތުރުން މިއަހަރުގެ ފެސްޓިވަލް އެންމެ ހާއްސަ ވެގެންދާ އެއްކަމަކީ މިއަހަރުގެ ފެސްޓިވަލްގައި ސެޕެޝަލް އޮލިމްޕިކްސްގައި ކުޅޭ ކުޅިވަރެއް ކަމަށްވާ "ބޮޝީ" ނަމަކަށް ކިޔާ ހާއްސަ ކުޅިވަރެއްވެސް ތައާރަފް ވެގެން ދާނެކަމެވެ.
މިދިޔަ އަހަރުވެސް ދިރާގު ސެޕަޝަލް ސްޕޯރޓްސް ފެސްޓިވަލުގައި ޕެރަލިމްޕިކްސްގައި ކުޅޭ "ބޮޗިއާ" ނަމަކަށް ކިޔޭ ސީޕީ ކުދިންނަށް ހާއްސަ ކުޅިވަރެއްވެސް ވަނީ ތައާރަފް ކޮށްފައިއެވެ. މި ކަމުގެ ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު ބާކީ ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ހަމަ ހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށެވެ.
ސްކޫލްތަކާއި އެންޖީއޯ ތަކަށް ހުޅުވާލައިގެން ބާއްވާ މި ފެސްޓިވަލުގައި މިއަހަރުގެ ފެސްޓިވަލްގައި 4 އެންޖީއޯ އަދި 14 ސްކޫލުން ބައިވެރިވިއެވެ.