twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބޭރު ގައުމުތަކަށް ކުރާ ދަތުރުތަކުގެ ބޭނުމަކީ ތަރައްގީގެ މަޝްރޫއުތަކަށް އެހީ ހޯދުން: ރައީސް

އަބްދުލް ވާހިދު ޙަސަން
Oct 22, 2019

ބޭރު ގައުމުތަކަށް ކުރާ ދަތުރުތަކުގެ ބޭނުމަކީ ތަރައްގީގެ މަޝްރޫއުތަކަށް އެހީ ހޯދުންކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖަޕާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުފުޅު ތަކުގެ އެންމެ މުހިންމު ބޭނުންމަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އެ ގައުމުތަކުން ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުން ކަމަށެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ޖަޕާނުން ރާއްޖޭގެ ތަރައްޤީއަށް ވެދޭ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި ޖަޕާނުގެ ސަރުކާރާ ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފަ އެވެ.

އަދި ވަކިން ހާއްސަކޮށް ރާއްޖޭގެ ތައުލީމީ ދާއިރާއަށާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ފޫބެއްދުމަށް، ޖަޕާނުގެ ވަރަށް ގިނަ އެހީތަކެއް މިހާރުވެސް ލިބެމުންދާކަން ރައީސް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ޖަޕާނާ ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ބަދަހިގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކަމާއެކު ކުރިއަށްގެން ދިއުމުގައި އެޤައުމުގައި ދިރިއުޅޭ ދިވެހިންގެ ދައުރު ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި މިދަތުރުފުޅުގެ މުހިންމު އެއް ބޭނުންފުޅަކީ ވެސް ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން، އާލާކޮށް ކުރިއެރުވުންކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޤާނޫނު އަސާސީން ލިބިދީފައިވާ މިނިވަންކަމާއި ހައްގުތައްވެސް ކަނޑައެޅިފައި އޮންނަނީ، އެބައެއްގެ މެދުގައި ސުލްހަވެރިކަމާއި ހަމަޖެހުން ޤާއިމުކުރުމުގެ މައްޗަށްކަމަށާއި އެހެންކަމުން އާންމު މަސްލަހަތު ނުގެއްލޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ހިފުމަށް ވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ.

އެގޮތުން ރާއްޖެއިން ބޭރުގައި ދިރިއުޅުނު ނަމަވެސް ކޮންމެ ފަރާތަކުންވެސް މިކަންކަން ހަނދާނުގައި ބަހައްޓަންޖެހޭކަމާއި ކުދިން ތަރުބިއްޔަތު ކުރުމުގައިވެސް މިކަންކަމަށް އިސްކަންދިނުމުގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355