މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ ވާހަކަ އެންމެ ބޮޑަށް ދައްކައި ރާއްޖޭގެ ހަމަނުޖެހުން އުފައްދަނީ ސީރިއާ އަށް ހަނގުރާމައަށް މީހުން ފޮނުވާ ކަމަށް ތުހުމަތު ކުރެވިފައިވާ ބަޔަކު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީއެންއާ މެދުގައި ފިޔަވަޅު އެޅުން ލަސްވާ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފާޑު ވިދާޅުވުމާއި ގުޅިގެންނެވެ. މެމްބަރުގެ ވާހަކައަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ ސަރުކާރާއި ހުރިހާ ސިޔާސީ ޕާޓީތަކުން ރިޕޯޓްގައި ހުރި އިސްލާމް ދީނަށް ފުރައްސާރަކޮށް ލިޔެފައިވާ ވާހަކަތައް ކުށްވެރިކޮށްފައިވާ ކަމަށާއި އެއީ މިހާރު ނިކުމެގެން އުޅޭ ރިޕޯޓެއް ނޫންކަމާއި އެއީ 2014 ގައި ނިކުތް ރިޕޯޓެއް ކަމަށެވެ.
ސީރިއާއަށް މީހުން ފޮނުވާ މީހުންގެ ވާހަކަތަކުން ރިޕޯޓްގައި އޮތް އަސްލު އަސާސީ ވާހަކަ ގެއްލިދާކަމަށާއި ރިޕޯޓުން ނުކުންނަނީ ސަރުކާރަށް ހަމަލާއެއްގެ ގޮތުގައި ނެނގޭނެ ހަތިޔާރެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ހުރި ބައެއް ކަންކަން ވިދާޅުވެފަ އެވެ. އަދި އެމްޑީއެންގެ ރިޕޯޓާ ގުޅިގެން "ލޭ ހުއްދަ" ކުރަން ގޮވާލަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު އިތުރަށްވިދާޅުވީ އެމްޑީއެންގެ ރިޕޯޓްގެ ވާހަކަ ނަގައިގެން ދައްކަނީ ސީރިއާއަށް ހަނގުރާމައަށް ފޮނުވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ހުރަސް އެޅުމުގެ ބޭނުމުގައިކަމަށެވެ.
އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިއެފައިވާ ރިޕޯޓެއް އެމްޑީއެން އިން ނެރުމުން އެ ޖަމިއްޔާ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލައިގެ ތަހުގީގެއް ފުލުހުން ފަށައި އެ ރިޕޯޓު ލިޔުނު މީހުން ފުލުސް އޮފީހަށް ހާޒިރު ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
މިއީ 2014 ގައި ނެރުނު ރިޕޯޓެއް ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް މީޑިއާތަކާއި ބައެއް ފަރާތްތަކުން ބުނެފައި ވަނީ މިހާރު އޮތް ފުލް ރިޕޯޓް ނެރެފައި ވަނީ ދާދި ފަހުން ކަމަށެވެ. އަދި ރިޕޯޓް ލިއުނު އެންމެން މިހާރުތިބީ ރާއްޖެއިން ބޭރުގައި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި އެމްޑީއެންގެ ރިޕޯޓްގައި ޖާއިޒު ވާހަކައެއް ނެތް ކަމަށާއި އަދި މިއަދު ފެނިގެން ދަނީ ރިޕޯޓާއި ދެކޮޅަށް އަޑުއުފުލާ ކުރާ މީހުން ކުށްވެރިވާ ތަން ކަމަށެވެ.
މަޖިލިހުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ އެމްޑީއެން މައިތިރި ކުރަންވީމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ވެރިން ތިއްބަވަނީ ފިއްލަވައިގެން ކަމަށާއި އެމްޑީއެން ގައުމުން ފޮހެނުލެވިގެން އުޅެނީ ކީއްވެތޯ ޝިޔާމް ވަނީ ބަހުސްގައި ސުވާލު އުފައްދަވައިފަ އެވެ.