twitterviber whatsapp telegramfacebookyoutube instagram
8th September 2024

ނަޝީދު އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

ނަބީލާ އިސްމާޢީލް
Oct 22, 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މަޖިލިސް ރައީސްގެ އިތުބާރުނެތް ކަމަށް 54 މެންބަރުންގެ ސޮޔާއެކު އެންމެ ފުރަތަމަ އެމްޑީޕީން މަޖިލީހަށް ވެއްދީ، ޖޫން މަހުގެ ހަތް ވަނަ ދުވަހުއެވެ. ނަމަވެސް އެ މައްސަލަ ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އަނބުރާ ގެންގޮސްފައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީ ޕީޖީ ގްރޫޕުގެ 49 މެމްބަރުންގެ ސޮޔާއެކުއެވެ.

މަޖިލީހުގެ ބައެއް މެންބަރުން ވަނީ އެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކުރާނެ ކަމުގެ ސިޓީއެއް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ މިއަދު ފޮނުއްވަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް ނަޝީދަށް 30 މިނެޓް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިމަހުގެ 18 ވަނަ ދުވަހު ވަނީ ނިންމާފަ އެވެ.

އާންމު ކޮމިޓީން މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރައީސް ނަޝީދު ޖަވާބުދާރީވެވަޑައިގަތުމަށް 30 މިނެޓްގެ ވަގުތެއް ދިނުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ މަޖިލީހުގައިވެސް އަމަލުކުރެއްވި ގޮތް ކަމަށް ވިދާޅުވެ ޝާހިދު ހުށަހެޅުއްވީ ފެށުމާއި މެދުތެރެއިންނާއި ނިންމަމުން އެއިން ކޮންމެ ފަހަރަކު 10 މިނިޓުގެ ފުރުސަތު ދިނުމަށެވެ.

ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ އެތައް ބިލެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް މައްސަލަތައް އެޖެންޑާ ކުރުމުގައި ނަޝީދު އިސްކުރައްވަނީ އަމިއްލަ މަސްލަހަތު ކަމަށެވެ. އަދި އެއީ ވަކި ފަރާތަކަށް ބުރަވުން ކަމަށް ސިފަކޮށް ބުނެފައިވަނީ އެއީ މަޖިލީހުގެ ގަވައިދާވެސް ހިލާފަށް ކުރާ ކަމެއް ކަމަށެވެ. މިގަރާރުގައި ވަނީ ނަޝީދުގެ މައްޗަށް ބައެއް ކަހަލަ ތުހުމަތުވެސް ކޮށްފަ އެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް ގަވައިދާ އެއްގޮތަށް ކުރިއަށް ނުގެންދިއުމާއި މަޖިލީހުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރައްވާ މެންބަރުން ނަޝީދު ހިތްވަރު ދެއްވާ ކަމަށް ބުނެފައިވެ އެވެ.

ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް މަޖިލީހަށް ހުށަހެޅި އެވެ.

އާދިއްތަ ދުވަހަކީ އާންމުކޮށް މަޖިލީހުގެ ޖަލްސާ އޮންނަ ދުވަހެއް ނޫނެވެ. ނަމަވެސް އާދިއްތަ ދުވަހު ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ގަވައިދު ހުރަހެއް ނާޅައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355